ހަބަރު

ޝަހީމްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

ޑރ. އަފުރާޝީމްގެ މަރުގެ މައްސަލައާއި ގުޅިގެން ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށް ބުނެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ދައުވާ ކުރަން މަރު ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އެ ކޮމިޝަނުން ބަލަމުން ގެންދިޔަ އަފްރާޝީމްގެ މަރުގެ މައްސަލާގެ ތަހުގީގަށް ޝަހީމް ދޮގު މައުލޫމާތު ދެއްވާފައިވާތީ އާއި، ތަހުގީގަށް ހުރަސް އަޅާފައި ވާތީ، އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ.

އަފްރާޝީމް އަލީގެ ޝަހީދު ކޮށްލި އިރު، ޝަހީމް ހުންނެވީ އިސްލާމިކް މިނިސްޓަރު ކަމުގަ އެވެ. އަދި ޝަހީމް ކޮމިޝަނަށް ދެއްވި ބަޔާނުގައި ޓީވީ ޕްރޮގްރާމަކަށް އަރާވަޑައިގަތުމަށް އެދިލެއްވީ އަފްރާޝީމް ކަމަށް ވިދާޅުވެފައި ވެއެވެ. އެހެން ނަމަވެސް ކޮމިޝަނުން ހެކީގެ ގޮތުގައި ހޯދި އެ ދެ ބޭފުޅުންގެ ޓެކްސްޓް މެސެޖުގައިވާ ގޮތުން އަފްރާޝީމް މިނިސްޓްރީއަށް އެ ދުވަހު ވަޑައިގަތީ ޝަހީމް އެދިވަޑައިގަތުމަކަށެވެ.

އެ މެސެޖްތަކަށް ބެލުމަށްފަހު ކޮމިޝަނުން ނިންމީ ޝަހީމް ދެއްވި މައުލޫމާތުތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށެވެ. އެހެން ނަމަވެސް ޝަހީމް ވަނީ ކޮމިޝަނަށް ދީފައިވަނީ ތެދު މައުލޫމާތުކަމަށް އޭގެ ފަހުން ވެސް ވިދާޅުވެފަ އެވެ.

މަރު ކޮމިޝަނުން ކޮށްފައިވާ ޓުވީޓް

އެމައްސަލައާއި ގުޅިގެން ޝަހީމްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާއިރު، ޝަހީމްއާއި، ސަލަފަށް ފިޔަވަޅު އަޅަން މަޖިލީހުންވެސް ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް އިދިކޮޅުން ބުނަމުން ގެންދަނީ ޝަހީމް އެ މައްސަލައިގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކުރަނީ އޭނާގެ ސިޔާސީ ހަޔާތް ދުއްވާލުމަށް ކަމަށެވެ. ޝަހީމަކީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އަބުދުﷲ ޔާމީންގެ ރަނިންމޭޓްވެސް މެއެވެ. އަދި ޝަހީމަކީ ދުނިޔޭގެ ފާހަގަ ކޮށްލެވޭ އިސްލާމީ 500 ޝަހުސިއްޔަތުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

އަދި އިސްލާމީ ގައުމުގެ ތަކުގެ ޖަމިއްޔާ، އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އިސް މުޝީރުގެ މަގާމުގައި މިވަގުތު ހުންނެވީވެސް ޝަހީމެވެ.