ރާއްޖޭގެ އެއްވެސް ދީނީ އިލްމުވެރިއަކު މީހަކު މެރުމަށް ހިތްވަރު ނުދޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ މަރުގެ މައްސަލައާ ގުޅިގެން މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. އެ ތުހުމަތާއި ގުޅިގެން ސޯޝަލް މީޑިއާގައި ޝަހީމް ވަނީ ގިނަ ވާހަކަތަކެއް ހިއްސާކޮށްފައެވެ.
ޝަހީމް މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އެއްވެސް ދީނީ އިލްމުވެރިއަކު މީހަކު މެރުމަށް ހިތްވަރު ނުދޭނެ ކަމަށެވެ. އަދި އިލްމުވެރިންގެ މެދުގައި ހުރި އެކި ޚިލާފުތަކަކީ އިލްމީ ޚިލާފުތަކެއް ކަމަށް ވިދާޅުވިއެވެ.
"އެއީ އެހެން ދާއިރާތަކުގެ އިލްމުތަކުގެ އަހުލުވެރިންގެ މެދުގައިވެސް ހުންނަ މަދަރުސީ ޚިލާފުތައް ފަދަ ޚިލާފުތަކެއް."
ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު މަސަައްކަތް ކޮށްފައިވާނީ އިލްމުވެރިން އެއް ގަލަކަށް އަރުވައި، ޚިޔާލު ތަފާތުވުންތައް ކުޑަކޮށް، ސުލްހަވެރިކަމާއެކު މަޝްވަރާކުރުމުގެ ވެއްޓެއް އުފެއްދުމަށް ކަމަށެވެ.
"އަދި ހަރުކަށި ޚިޔާލުގެ މީހުން ފިކުރީ ގޮތުން ރަނގަޅު ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ." ޝަހީމް ވިދާޅުވި އެވެ.
އަފްރާޝީމްގެ މަރުގެ މައްސަލާގައި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ މައްޗަށް އެކުލަވައިލި ރިޕޯޓްގެ ހުލާސާއެއް ވަނީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ ތަޅުމަށް އިއްވައިފަ އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްވެވި ހުލާސާގައި ޝަހީމްގެ ވާހަކައިގެ ބަޔަށް ވަރަށް ބޮޑަށް ބާރުލައްވާ ވާހަކަފުޅު ދައްކަވައި ތަކުރާރުކޮށް އެ ވާހަކަތައް ވިދާޅުވެފައި ވެއެވެ.
އެ ގޮތުން ޝަހީމަށް މީހަކު ފޮނުވާފައިވާ ޓެކްސް މެސެޖެއްގައި އަފްރާޝީމް "ރުޖޫއަވެ މީޑިއާގައި މައާފަށް އެދިވަޑަައިގެން ތައުބާ ވެއްޖެނަމަ ކިތަންމެހާ ވެސް ރަނގަޅު" ކަމަށް އޮތް ކަމަށް އެ ރިޕޯޓްގައި ބުނެ އެވެ. އަދި ޝަހީމް އެ މެސެޖް އަފްރާޝީމަށް ފޯވާޑް ކޮށްފައިވާ ކަމަށް ވެސް ބުނެ އެވެ.
ކޮމިޝަނަށް ޝަހީމް ދެއްވާފައިވާ ބަޔާނުގައިވާ ގޮތުން އަފްރާޝީމް އަވަހާރަކޮށްލި ދުވަހުގެ ރޭގެ ކުރިން އެ ދުވަހުގެ މެންދުރު އިސްލާމީ މަރުކަޒަށް އަފްރާޝީމް ވަޑައިގަތީ އޭނާގެ އެދިވަޑައިގަތުމުގެ މަތިންނެއް ނޫނެވެ. އަދި މެސެޖް ޝަހީމަށް ފޮނުވީ ކޮން ފަރާތަކުންތޯ ސުވާލު ކުރުމުން އެއީ ކާކުކަން ހަނދުމަފުޅުގައި ނެތް ކަމަށް ކޮމިޝަނަށް ވިދާޅުވި ކަމަށް ވެސް ރިޕޯޓްގައި ބުނެ އެވެ.
އެކަމަކު ޝަހީމާއި އެ މީހާ އަފްރާޝީމާ ދެމެދު މެސެޖް މެދުވެރިކޮށް ކޮށްފައިވާ މުއާމަލާތްތަކަށް ބަލާއިރު، ޝަހީމް ކޮމިޝަނަށް ދެއްވީ ތެދު މައުލޫމާތެއް ނޫން ކަމަށް ރިޕޯޓްގެ ހުލާސާ ހާމަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.
ފަހުން ސަރުކާރުންވެސް ވަނީ އެ ރިޕޯޓް ރައީސް އޮފީހުގެ ވެބްސައިޓްގައި އާންމުކޮށްފައެވެ.
އެކަމާއި ގުޅިގެން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ނުހައްގުން ކަތިލި "ކަންބަޅި" އަކީ އޭނާތޯ ސުވާލު ކުރައްވާފަ އެވެ. ޝަހީމު ވިދާޅުވީ އޭނާގެ އަބުރު ކަތިލަން ކުރި މަސައްކަތަކީ މި ވެރިކަން ނިމުމުގެ ބިންގަލަށް ވެސް ވެދާނެ ކަމަށެވެ. އަދި މިއީ ސަރުކާރުން މީހަކަށް ދިން އެންމެ ބޮޑު އަނިޔާ ގޮތުގައިވެސް ޝަހީމް ވަނީ ސިފަ ކުރައްވާފަ އެވެ.
"އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމަށް އެއް އަހަރު ދުވަސް ފާހަގަކުރަން ނުހައްގުން ކަތިލި 'ކަންބަޅި ބަކަރި' އަކީ އަޅުގަނޑުތޯ އެވެ؟ އަޅުގަނޑުގެ އަބުރުކަތިލައި ތިޔަ އެޅީ ވެރިކަން ނިންމުމުގެ ބިންގަލަށް ވެސް ވެދާނެ އެވެ. ތިޔަ ދިނީ އެންމެ ބޮޑު އަނިޔާއެވެ!" ޝަހީމްގެ ޓްވީޓެއްގައި ވެއެވެ.
ޝަހީމަށް އެފަދަ ތުހުމަތުތަކެއް ކޮށްފައިވާތީ ރާއްޖޭގެ ވަރަށް ގިނަ އިލްމުވެރިން ވަނީ ޝަހީމްގެ ދިފާއުގައި ވާހަކަދައްކަވާފައެވެ. އަދި މީހަކު މެރުމަށް ހިތްވަރު ދިނުން ފަދަ އެއްވެސް އަމަލެއް ޝަހީމް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެ އިލްމުވެރިން ވިދާޅުވިއެވެ.