ހަބަރު

ޖޮބް ސެންޓަރު އިފްތިތާހު ކޮށްފި

އިކޮނޮމިކް މިނިސްޓްރީގެ ހިދުމަތްތަކުގެ ތެރޭގައި ހިމަނައި ޖޮބްސެންޓަރު ޕޯޓަލް އެއް އިފްތިތާހްކޮށްފި އެވެ.

ދިވެހިންނަށް ވަޒީފާ ހޯދައިދިނުމުގެ ބޭނުމުގައި ޖޮބް ސެންޓަރު އިފްތިތާހު ކުރީ މިއަދު އެވެ. މި ޖޮބް ސެންޓަރުގެ ވެބްސައިޓް އިން ރަޖިސްޓްރީ ވުމާއެކު ވަޒީފާތަކަށް ހުޅުވާލުމުން ކޮލިފިކޭޝަނަށް ބެލުމަށްފަހު ޖޮބް ސެންޓަރުން އެ މީހަކަށް ވަޒީފާ ހަމަޖައްސައިދޭނެ އެވެ.

އަދި އެމީހެއްގެ ކޮލިފިކޭޝަން އާ ގުޅުންހުރި ވަޒީފާ ތަކާއި އެ ތަނުގެ މައުލޫމާތު މި ވެބްސައިޓުން ލިބޭ އިރު ވަޒިފާއަށް އެދޭ މީހާއާ އޮންލައިން ކޮށް އިންޓަވިއު ކުރުމުގެ ފުރުސަތު ވެސް ޖޮބް ސެންޓަރުގެ ޕޯޓަލް މެދުވެރިކޮށް ހޯދައި ދެއެވެ.

ޖޮބް ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ، ޖޮބް ސެންޓަރުގެ އެންމެ ބޮޑު ބޭނުމަކީ ވަޒީފާ އިތުރު ކުރުން ނޫން ކަމަށާއި މިހާރު އަދާ ކުރާ ވަޒީފާތަކަށްވުރެ ރަނގަޅު ފުރުސަތުތަކެއް ލިބޭނެ ގޮތް މެދުވެރިކޮށް ދިނުން ވެސް ހިމެނޭ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މި ސެންޓަރުގެ އެހީގައި ސިޔާސަތު ކަނޑައަޅާ މީހުންނަށް އެހީވެދެވޭނެ ކަމަށާއި އެގޮތުން، އިންޑަސްޓްރީން ބޭނުންވާ ވަޒީފާތައް ލިސްޓު ކުރެވުމުން ބޭނުންވަނީ ކޮން ކަހަލަ ވަޒީފާތަކެއްކަން އެނގޭނެ ކަމަށެވެ.

"އެއަށް ބިނާކޮށް އަޅުގަނޑުމެންނަށް ސަރުކާރުގެ ފަރާތުން އެ ސްކިލްތައް ރައްޔިތުންނާއި ވަޒީފާ ބޭނުންވާ ފަރާތްތަކަށް ފޯރުކޮށް ދެވޭނެ" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ފާހަގަ ކުރެއްވީ ޖޮބް ސެންޓަރަކީ ހަމައެކަނި ވެބްސައިޓެއް ހަދާފައި ދޫކޮށްލުން ނޫން ކަމަށާއި މިނިސްޓްރީގައި އެކަމަށް ހާއްސަ ޑިޕާޓްމަންޓަކުން މަަަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.