ސާފް ސުޒުކީ ކަޕް

ރާއްޖޭގެ އުއްމީދަކީ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލް

Aug 19, 2015

ނޭޕާލްގައި މިއަދު ފަށާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވި ގައުމީ ޓީމަކީ މުބާރާތުގެ ފައިނަލަށް ދެވޭ ފެންވަރުހުރި ޓީމެއް ކަމަށް ކޯޗު މުހައްމަދު އާތިފް ބުނެފި އެވެ.

އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް އެތައް ފަހަރަކު ކޯޗުކޮށްދީފައިވާ ވިކްޓަރީގެ ކުރީގެ ކޯޗު އާތިފް ބުނީ އަފްގާނިސްތާނާއި އިންޑިއާއާއެކު ގްރޫޕްބީގައި ހިމެނުމަކީ ވެސް ހިތްހަމަޖެހުމެއް ކަމަށެވެ.

"މިއީ ވަރަށް ހިތްހަމަޖެހޭ ގްރޫޕެއް. އަފްގާނިސްތާން އަކީ ފިޒިކަލީ ވަރުގަދަ ގައުމެއް. އެކަމަކު މި ލެވެލްގައި އެމީހުންނަކީ އަހަރުމެންނަށް ރަނގަޅަށް ވާދަކުރެވޭނެ ގައުމެއް. އުއްމީދު އެބައޮތް މި ގްރޫޕުން ދެމިގަނެވޭނެ ކަމުގެ. މުބާރާތުގެ ފައިނަލަށް ވަރަށް ބޮޑަށް އުއްމީދުކުރެވޭ މި ގްރޫޕުގައި އޮތުމާވެސްއެކު،" އާތިފް ބުންޏެވެ.

ޓީމުގައި މިހާރު ހިމެނޭ ގިނަ ކުޅުންތެރިން 16 އަހަރުން ދަށުގެ ގައުމީ ޓީމުގައި ވެސް ގެންގުޅުނު އާތިފް ބުނީ މި ފަހަރުގެ މުބާރާތަށްދާ ޓީމަކީ މިހާތަނަށް އެންމެ ގިނަ ޕްރެންޑްލީ ކުޅެފައި މުބާރާތަކަށް ރާއްޖެއިން ދާ ޓީމު ކަމަށެވެ.

"އަހަރުމެން މިހާތަނަށް ކުޅެފިން 26 ފްރެންޑްލީ. އެއީ ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކާއެކު. އެހެންވީމަ މި ޓީމު އެ ގޮތުން ބަލާއިރު ވެސް މި އޮތީ ވަރަށް ރަނގަޅަށް. އަހަރުމެންނަށް ފައިނަލް ނުކުޅެވޭނެ މުބާރާތެއްނޫން މިއީ. އެއީ ގްރޫޕުން ސެމީ އަށް ދެވިއްޖެނަމަ އެފަޅިން (އަންނަ ދެ ޓީމުގެ ތެރެއިން ސެމީ ފައިނަލްގައި) ކުޅެންޖެހޭނެ ކަމަށް މި ބަލަނީ ބަންގާޅު ނުވަތަ ނޭޕާލާ. ބޮޑަށް މި ބަލަނީ ނޭޕާލާ ކަމަށް. ވަރަށް މަސައްކަތް ކުރާނަން އެފަޅިން އަންނަ ޓީމު ބަލިކުރަން،" އާތިފް ބުންޏެވެ.