(14 ނޮވެމްބަރ 2019 އާ ގުޅޭ)
"އަހަރެން ސާރާއާ ގުޅިއްޖެއްޔާ ބައްޕަ އުފާވާނެތަ؟ ހީވޭތަ އަހަންނަށް ހަމަޖެހޭ ދިރިއުޅުމެއް އުޅެވިދާނެހެން ސާރާއާއެކު؟" ދާރިއަން ވިސްނަން އިނދެފައި އަހާލިއެވެ.
ދާރިއަން ބުނި އެއްޗެއް އިވި ޒުކަންގެ އުންމީދު އާވިއެވެ. ޒުކަންއާއި އިބާގެ ނަޒަރުގައި ސާރާއަކީ ވިޔާނުދާ ކުއްޖެއްނޫނެވެ. އެކަން ދާރިއަންގެ ގާތުގައި ޒުކަން ބުނެލިއެވެ. ޒުކަންއާއި އިބާއަށް ޓަކައި ދިރިއުޅުމެއް ފެށުމަށްވުރެ ދާރިއަންގެ ރުހުން އިސްކުރަން ޖެހޭނެކަމަށް ޒުކަން ހަނދާންކޮށްދިނެވެ. ޒުކަންގެ ބޭނުމަކަށްވީ ދާރިއަން ގުޅެން ރަނގަޅު ކުއްޖަކު ގާތުގައި ހުރިކަން އަންގާލުމެވެ. އަދި ސީދާ ކައިވެންޏާ ހަމައަށް ދާކަށް ޒުކަން މަޖުބޫރެއްނުކުރާކަން ވެސް ދާރިއަންއަށް ހާމަކުރިއެވެ.
"ދަރިފުޅު ފެންނަނީ ސާރާއާ ވަރަށް ދުރުން އުޅޭތަން، އޭނާ ކަމުނުދަނީތަ؟" ޒުކަން ކުރީން ވެސް އެހެން އެއްސެވެ. ޅީދަރިއަކަށް ސާރާ ހަދަން އިބާ ނުހަނު ބޭނުންވިޔަސް އެކަމުގައި ޒުކަންގެ ޚިޔާލު ތަފާތެވެ. އޭނާގެ ވިސްނުމުގައި ހުރީ ދާރިއަން ރުހޭ ގޮތަށް ކަންކަން ނިންމުމެވެ.
"ސާރާ ކަމުނުދާތީއެއްނޫން، ރިލޭޝަންޝިޕެއް ފެށުން އަދި އެހާ މުހިންމުނޫނީ" ދާރިއަން ބުނެލިއެވެ.
"ހަމައެކަނި އަންހެނުންނެއްނޫން، އަހަރެމެން ފިރިހެނުން ވެސް އުމުރާ މެދު ވިސްނަންޖެހޭނެ... ދެން އެވާހަކަ އިހަށް ބާއްވަމާ، ބައްޕަ މިއައީ ހަމައެކަނި ސާރާގެ ވާހަކަ އޮޅުންފިލުވާކަށްނޫން، ވަރަށް މުހިންމު ވާހަކައެއް ތި ދެބެން ގާތު ބުނަންވެފައި އެބައޮތް... އެކަމަކު މިރޭ އައިކުއަށް ވަގުތެއްނުވި، އެހެންވެ މާދަމާ ރޭ ގޭގައި ހުންނާނަމޭ އޭނާ ބުނި، ދާރިއަން ވެސް މަޑުކޮށްލައްޗޭ" ޒުކަންގެ މޫނުން ފާޅުވޭވޭހުރި ސަމާސާގެ އަސަރު ފިލައި ސީރިއަސްކަން ވެރިވިއެވެ. ދާރިއަން ހަމައެކަނި ބޯޖަހާލީއެވެ.
* * * * *
ސާއިރާ ފުރަން ކައިރިވެފައި އޮތުމުން ރިޒްވާންގެ ޚިޔާލަށް ހޭޒަލްއާ ބައްދަލުކުރަން އެމީހުންގެ އެޕާޓްމެންޓަށް އައެވެ. ބުނެވެސް ނުލާ ސާއިރާގެ ދެމަފިރިން އައުމުން ހޭޒަލްއަށް ލިބުނީ ހައިރާންކަމެވެ. އެއަށްވުރެ ބޮޑަށް އަޖައިބުވީ އޮފީހުން ގެއަށް އައިސްވަން ލިއަމް ފެނިއެވެ. ބޭއިޚްތިޔާރުގައި ހޭޒަލްއަށް ގަޑިއަށް ބަލާލެވުނެވެ. ހަވީރު ހަތަރެއް ޖެހީއެވެ. ހޭޒަލްއަށް ވީގޮތް ލިއަމްއަށް ވެސް ފާހަގަވިއެވެ. އެދެމެދުގައި އޮތް ބީރައްޓެހިކަން ސާއިރާމެންގެ ކުރިމަތީ ދެ މީހުން ވެސް ފަރުދާކޮށްލިއެވެ. ސާއިރާ ފުރަން އުޅޭކަން ހޭޒަލް އޮތީ ލިއަމް ގާތު ނުބުނެއެވެ. އޭރު އެކަން ހޭޒަލްއަށް މުހިންމު ވެސް ނުވީއެވެ. ލިއަމް އަވަހަށް އައީތީ އެކަން ސާއިރާއަށް ވެސް ފާހަގަވިއެވެ. އޭނާއަށް ވެސް ހޭޒަލްގެ ފުށުން އަޑުއިވިފައި އޮންނަނީ ލިއަމް ގެއަށް އަންނާނީ އިރުއޮއްސޭހާއިރު ކަމެވެ. ލިއަމް އެކަމާ ވިއްދާ ވަކިއެއްޗެއް ނުބުނެއެވެ. އޭނާ ކޮޓަރިއަށް ވަން ގޮތަށް ނުނިކުމެ ލަސްވާތީ ވީގޮތެއް ބަލާލަން ހޭޒަލް އައެވެ.
ކޮޓަރި ދޮރު ހުޅުވާލި ގޮތަށް ހޭޒަލްއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. ފެންނަ މަންޒަރު ޤަބޫލުނުކުރެވިފައެވެ. މިއަދު މުޅީން ވެސް މިފެންނަނީ ހޭޒަލް އަޖައިބުވެ އަންތަރީސް ކުރުވާވަރުގެ މަންޒަރުތަކެވެ. މަޑުމަޑުން މޭގައި ކަނާއަތްޖައްސާލުމާއެކު ހޭޒަލްގެ ދެ ލޯ މަރާލެވުނެވެ. ހިތާހިތުން ދުޢާކޮށްލެވުނީ ފެނުނު މަންޒަރުން ހިތަށް ލިބުނު ފިނިކަން ދާޢިމަށް ދެމިގެން ދިއުމަށެވެ. ލިއަމްއަށް ތެދުމަގު ލިބި ކުށްފާފައިން އޭނާ ދުރުކޮށްދެއްވުމަށް ހޭޒަލްއަށް އެދެވުނެވެ.
"ޒެއްލޫ" ސާއިރާ ގޮވާލި އަޑު އިވުނެވެ.
ކޮޓަރީގެ ދޮރު ލައްޕާލުމުގެ ކުރީން ހޭޒަލްގެ ނަޒަރު އަނެއްކާ ވެސް ލިއަމްއަށް ހުއްޓުނެވެ. އޭނާ ހުރީ ނަމާދަށް އަރައެވެ. ދީނީ ކަންކަމާ އިންސާނާގެ ގުޅުން ބަދަހިވެއްޖެނަމަ ނުބައި ޢަމަލުތަކާ އެ މީހަކު ދުރުވާނެއެވެ. އެމީހެއްގެ އަޤީދާ ވަރުގަދަވާނެއެވެ. ފަނޑުހިނިތުންވުމަކާއެކު ހޭޒަލް އެނބުރި ސާއިރާމެންގެ ގާތަށް އައެވެ.
"ކޮބާ ލިއަމް؟ ނިދުނީތަ؟" ހޭޒަލް ދިޔައީ ލިއަމް ހޯދަންކަން އެނގި ސާއިރާ އެއްސެވެ.
"ނަމާދަށް ހުރީ" ބަޔާންކުރަން ދަތި ހިތްހަމަޖެހުމާއެކު ހޭޒަލްއަށް ބުނެވުނެވެ. އަދި ސާއިރާގެ ގާތުގައި ސޯފާގައި ހޭޒަލް އިށީނެވެ.
ސާއިރާއާއި ރިޒްވާން ދާން ނުކުތީ އިރުއޮއްސެން ކައިރިވެފައި ހުއްޓައެވެ. ނަމަވެސް އެޕާޓްމެންޓްއިން ނުކުމެ ދޮރުމަތީ ރިޒްވާން މަޑުކޮށްލުމާއެކު ހޭޒަލްއަށް ގޮވާލިއެވެ. އޭނާގެ ނަޒަރު ހޭޒަލްއަށް ހުއްޓުމާއެކު އޭނާގެ ފަހަތުގައި ހުރި ލިއަމްއަށް ވެސް ހުއްޓުނެވެ. ލިއަމް ހުރީ އާދައިގެ ގޮތަކަށް ހިނިތުންވެލައިގެންނެވެ. ހޭޒަލް ބަލާލުމާއެކު ރިޒްވާން އެދުނީ އެމީހުން ނެތަސް ހޭޒަލް ކަމެއް ބޭނުންވެއްޖެނަމަ އާތިޝްއަށް ގުޅުމަށެވެ. ރިޒްވާނުގެ އެ ވާހަކައިގެ މުރާދަކީ ކޮބައިކަމެއް ހޭޒަލްއަކަށް ނުވިސްނުނެވެ. މިނޫނީ ހޭޒަލްއާ ކުރިމަތިލައި އެފަދަ ގޮތަކަށް ރިޒްވާނު އެއްޗެއް ބުނެފައެއް ވެސް ނުވެއެވެ. އެ އަޑުގައިވި ތަފާތު އަސަރު ދެނެގަންނާކަށް ކުޑަކޮށް ވެސް ހޭޒަލްއަކަށް ނޭނގުނެވެ. ސާއިރާއާއެކު ރިޒްވާނު ގޮސް އެލެވޭޓާއަށް އަރަންދެން ހޭޒަލް މަޑުކޮށްލިއެވެ.
ހޭޒަލް އެޕާޓްމެންޓަށް ވަދެގެން އައީ ލިއަމް ދޮރުމަތީ ހުއްޓައެވެ. އޭނާއަށް ބަލާލުމެއް ވެސް ނެތިއެވެ. ކާން ހަދަންވީތޯ ހޭޒަލް އަހާލީ ބަދިގެއާ ދިމާއަށް ދަމުންނެވެ. ލިއަމް ވަކި އެއްޗެއް ނުބުނުމުން ދެވަނަ ފަހަރަކަށް ހޭޒަލް ނޭހިއެވެ. ސާއިރާމެންނަށް ޖޫސް ގެނެސްދިން ތަށިތައް ހިފައިގެން ސިންކާ ކައިރިވެލީ އެ ދޮންނާށެވެ. ހޭޒަލްގެ ސަމާލުކަން ލިބޭތޯ އޭނާގެ ގާތުގައި ލިއަމް އުޅެއެވެ. އެހެންނަމަވެސް ހޭޒަލްއަށް އޭނާ ފާހަގަވިކަމަކަށް ނުހަދައެވެ. ލިއަމް ކިތަންމެ ގާތުގައި އިނަސް އޭނާއާ ހޭޒަލް ވާހަކަދައްކަނީ ކޮންމެހެން އެއްޗެއް ބުނަން ޖެހިގެންނެވެ. ހޭޒަލްގެ އެ ދުރުކަން ލިއަމްއަށް އެއްގޮތަކަށް ވެސް ކަމަކު ނުދިޔައެވެ.
މަޣްރިބު ނަމާދާއި އިޝާ ނަމާދަށް ވެސް ލިއަމް އެރީ އޭނާ އަމިއްލައަށް ފެނިގެންނެވެ. އިޝާ ނަމާދުން ފައިބައިގެން އައިސް ކާން ހަދާދިނުމަށް ލިއަމް އެދުމުން ހޭޒަލް އެކަން ކުރިއެވެ. އެހެންޏާ ލިއަމް ކައި ނިމެންދެން އޭނާގެ ގާތުގައި ހޭޒަލް އިންނާނެއެވެ. މިފަހަރު އޭނާ ކާން ހަދައިދީފައި ލިއަމް ގާތު ބުނެލުމާއެކު އައިސް އިނީ ސިޓިންރޫމު ސޯފާގައެވެ. ކާން އިނދެގެން ދޭތެރެއަކުން ހޭޒަލްއަށް ލިއަމް ބެލިއެވެ. އޭނާ ކައި ނިންމާފައި ހޭޒަލް ގާތުގައި ނުބުނެ އަމިއްލައަށް ތަށިތައް ދޮވުނެވެ. އަދި އައިސް ހޭޒަލްގެ ގާތުގައި އިށީންނަން އުޅުނެވެ. ހަމައެހިނދު ހޭޒަލް އިންތަނުން ތެދުވެއްޖެއެވެ. ލިއަމްއާ ދުރުދުރުން ސޯފާ ވަށާލައިފަ އޭނާ ހަލުވިކޮށް ބަދިގެއާ ދިމާއަށް ހިނގައްޖެއެވެ.
* * * * *
ކައި ނިންމާފައި މޭޒު ދޮށުން ތެދުވަން އުޅުނު އައިކުއަށް ޒުކަން ގޮވާލިއެވެ. އަދި އޭނާއާއެކު އައިކު ގޮވައިގެން ހިޔާކޮށްފައި އޮތް ގޭގެ ހާމަފެންޑާއާށް އައެވެ. އެތަނުގައި އެލުވާފައި ހުރި އުނދޯލި ގޮނޑީގައި ފޯނާކުޅެން ދާރިއަން އޮތެވެ. ޒުކަންއާއި އައިކު ފެނުމުން އޭނާ ސަމާލުކަމަށް އައެވެ. ދާރިއަންގެ ކަނާއަތް ފަރާތަށް ހުރި ބޮޑު އުނދޯލީގައި ޒުކަން އިށީނެވެ. ޒުކަން އެ އުނދޯއްޔަށް އަރައި ދެފައި ވަށްކޮށްލިއެވެ. އެމީހުންނާ ތަންކޮޅެއް ދުރުގައި އިނދެވޭތީ ދާރިއަން ތެދުވެގެން އައިސް އެތަނުގައި ހުރި ގޮނޑުތަކުން ގޮނޑިއެއް ދަމާފައި ގެނެސް ޒުކަންމެންނާ ކައިރިކޮށްލިއެވެ. އޭނާ ހަމަޖެހިލުމާއެކު ޒުކަން ފަރުވާތެރިކަމާއެކު ދެ ޒުވާނުންނަށް ބަލާލިއެވެ. އޭނާ އެ ވާހަކައެއް މިހާރު ދައްކަން ނިންމީ ދެ ދަރީން ވެސް ހެޔޮ ވިސްނޭހާ ބޮޑެތިވެފައި ތިބީމަކަން ފުރަތަމަ ވެސް ބުނެލިއެވެ. އަދި ޒުކަންގެ ހަޔާތުގައި ޖެހިފައިވާ ލައްގަނޑު ދެ ދަރީންނަށް ހާމަކުރިއެވެ. އެކަން ހިނގައިދިޔަ ގޮތުގެ ތަފްސީލެއް ނުދީންނަމަވެސް ޒުކަން ހާމަކުރީ ކައިވެނިން ބޭރުގައި އޭނާގެ ދަރިއަކު ހުރިކަމެވެ.
ޤަބޫލުކުރަން އުނދަގޫވި ފަދައިން އައިކުއާއި ދާރިއަންއަށް އެއްފަހަރާ އެކަކުއަނެކަކަށް އަވަސް ނަޒަރެއް ބަދަލުކޮށްލެވުނެވެ. އެއަށްފަހު އެ ދެ މީހުން ވެސް ބަލަން ތިބީ ޒުކަންއަށެވެ. އެމީހުންގެ ބައްޕަ އެފަދަ ވާހަކައެއް ދޮގު ހަދައިގެން ނުދައްކާނޭކަން ޔަގީންވެއެވެ. އެހެންވެ ދެ ޒުވާނުންގެ ޢަމަލުތައް ބެހެއްޓީ ވިސްނޭ ބަޔަކު ކަންތައް ކުރާނޭ ފަދައިންނެވެ. ބައްޕަ ކުށްވެރި ކުރުމުގެ ޚިޔާލެއް އެ ދެ ޒުވާނުންގެ ނެތެވެ.
ކޮންމެހެން ވެސް އެނގެން ޖެހޭ ކަމެއްކަމުގައި ޒުކަން ފާހަގަކުރިއެވެ. އެވަރު ދާރިއަންއާއި އައިކުއަށް ވެސް ޤަބޫލުކުރެވެއެވެ. ޒުކަން ދެން ދެއްކީ އޭނާ ގަސްދުކޮށްފައި އޮތް ގޮތެވެ. އޭނާ ޖިޔާގެ ނަމާއި އިޝްވާގެ ނަން ހާމަކުރިއެވެ. ޝަރުޢީ ގޮތުން ދަރިއެއްކަމުގައި ނުލެއްވިޔަސް އިޝްވާއަކީ އަމިއްލަ ލޭ ކަމުގައި ޒުކަން ބުންޏެވެ. އެހެންވެ އިޝްވާއާ ގުޅުން ކަނޑާލެވެންނެތްކަން އޭނާ ހާމަކުރިއެވެ. ޒުކަން އެދެނީ ދާރިއަންއާއި އައިކު ވެސް އެކަން ޤަބޫލުކުރާށެވެ. އިޝްވާ ބަލައިގަންނާށެވެ. އައިކުއާއި އިޝްވާއާ އުމުރުގެ ގޮތުން އެއްވަރުކަން ހާމަކުރުމާއެކު ޒުކަން ބުނީ އައިކުއާއި އިޝްވާ ވަނީ ކުޑައިރު ބައްދަލު ވެސް ވެފައި ކަމުގައެވެ.
"ބައްޕަ އެކުއްޖާ މިގެއަށް ގެންނަނީތަ؟" ދާރިއަން އަހާލިއެވެ.
"މަންމައަށް އެނގޭތަ؟" ހިސާބަކަށް ހާސްވެފައި އައިކު އަހާލިއެވެ.
"ދަރިފުޅުމެންގެ މަންމައަށް އެއްވެސް ކަމެއް ސިއްރުވެފައެއް ނޯންނާނެ، މިހާރު މީ ދަރިފުޅުމެންނަށް ހުރިހާކަމެއް އެނގެންވީ ވަގުތު... ތި ތިބީ ކަންކަން އެނގޭވަރުވެފަ، ކައިވެނީގެ ބޭރުން ދަރިއަކު ލިބުމަކީ ކިހާވަރެއްގެ ކަމެއްކަން އައިކުއާއި ދާރިއަންއަށް ވެސް މިހާރު އެނގޭނެ، އަހަންނާއި ޖިޔާއަށް ގުޅެވެން ނެތީ، ހާލަތާއި ތަޤުދީރު އަހަރެމެންނަށް އެ ފުރުޞަތެއް ނުދީން، އެކަމަކު އިޝްވާއަކީ އަހަރެންގެ ދަރިއެއްނޫނޭ އެއްފަހަރު ވެސް ނުބުނާނަން، ތި ދެބެންނޫން ދަރިއަކު އަހަރެންގެ ހުރިނަމަ އެކަން ތިކުދީންނަށް ކޮންމެހެން ވެސް އެނގެން ޖެހޭ، އިޝްވާއަކީ ވެސް މިހާރު ފުރިހަމަ ޒުވާނެއް... އޭނާއަށް ހުރިހާކަމެއް އެނގޭ، މިގޭގެ ދޮރު އިޝްވާއަށް ޓަކައި އަބަދުވެސް ހުޅުވިފައި ހުރުން ބައްޕަ އެދެނީ، އެކަމަކު އެ ފުރުޞަތު ހުޅުވާލުމުގެ ކުރީން ދަރިފުޅުމެންނަށް ވެސް އެނގެން ބޭނުންވޭ" ޒުކަން ބުންޏެވެ.
"ތީގެ މާނައަކީ އޭނާ ހުންނާނީ މިގޭގައޭތަ؟" ދާރިއަން އިހުކުރި ސުވާލަށް ޒުކަންގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުމުން ބުނެލިއެވެ.
"ބައްޕަ ބޭނުން، އެކަމަކު ތިހެންތިކަން ވާކަށްނެތް، އިޝްވާ ހުންނާނީ އޭނާގެ މަންމަ ހުންނަތަނެއްގައި، ޖިޔާގެ އަމިއްލަ ދިރިއުޅުމެއް އެބައޮތް، އިޝްވާނޫން ދަރިއަކު ވެސް އެބަހުރި، ބައްޕަ މި ދައްކަނީ މިގެއަށް އެމީހުން ގެންނަ ވާހަކައެއްނޫން، ބައްޕަގެ ތިން ކުދީންގެ މެދުގައި އޮންނަ ގުޅުން ރަނގަޅުވާން އެދޭ ވާހަކަ، އިޝްވާއަކީ ވަރަށް ރަނގަޅު ކުއްޖެއް... ދަރިފުޅުމެންގެ މައްސަލައެއްނެތިއްޔާ ބައްޕަ ގަސްދުކުރަނީ ދުވަހަކާއި ވަގުތެއް ކަނޑައަޅާފައި އިޝްވާއަށް މިގެއަށް އައުމަށް ދަޢުވަތުދޭން" ޒުކަން ބުންޏެވެ.
"ވަރަށް ސަޅި ކުއްޖެއްތަ؟" އިރުކޮޅަކު އެއްޗެކޭ ނުބުނެ އިނދެފައި އައިކު ބުންޏެވެ. ދާރިއަންއާއި ޒުކަންއަށް ބަލާލެވުނީ ހައިރާންކަމާއެކުއެވެ.
"ޝީ އިޒް އަވާ ސިސްޓާ... ޑޯންޓް ފޮގެޓް ދެޓް" ދާރިއަން އިނދެފައި ބުނެލީ ނިކަން ސީރިއަސް ކޮށެވެ. އައިކު ބޯކަހާލުމާއެކު ހީނލީ މަޖާވެލާފައެވެ.
"އައި ނޯ ދެޓް" އެއްލޯ މަރާލަމުން އައިކު ބުންޏެވެ.
ދެބެންގެ ފުށުން ފެނުނީ ޒުކަން ހީކުރި ފަދަ އަސަރެއްނޫނެވެ. އޭނާ ހީކުރީ އިޝްވާއާ ބެހޭ ގޮތުން ވަރަށް ސުވާލުކުރާނެ ކަމަށެވެ. އިޝްވާއާ ގުޅުން ބަދަހި ކުރުމުގެ ޝައުގެއް ވެސް ނުހުންނާނެކަމަށެވެ. ޒުކަންގެ މާޒީ އެނގެން އެ ކުދީން މަސައްކަތް ކުރާނެކަމަށެވެ. އެހެންނަމަވެސް ޒުކަންއަށް ހިތްހަމަޖެހުން ލިބިއްޖެއެވެ. އައިކުއާއި ދާރިއަން ފާޅުނުކުރި ނަމަވެސް އެ ކުދީން އޭނާއާ ދެކޮޅުނުވީ ވަރަށް ވިސްނާފައިކަން ޒުކަން ޤަބޫލުކުރިއެވެ.
ދާރިއަންގެ ފޯނު ވައިބްރޭޓްވާން ފެށުމުން އޭނާ ފޯނު ބަލާލިއެވެ. ގުޅަނީ ސާރާއެވެ. ރިސޯޓުން އައިފަހުން ދާރިއަން ހޯދާކަށް ސާރާ ނާދެއެވެ. އޭނާއަށްވީގޮތެއް އެނގެން ދާރިއަން ހުރީ ބޭނުންވެފައެވެ. ނަމަވެސް ޒުކަންގެ ގާތުގައި އިނީތީ ދާރިއަން ފޯނުކޯލު ކަނޑާލީއެވެ. ދެން އައީ ސާރާގެ މެސެޖެކެވެ. ދާރިއަންއާ ވާހަކަދައްކާލަން ބޭނުންވާކަމަށް ސާރާ ބުނެފައި އޮތެވެ. ފޯނަށްވުރެ ބައްދަލުކޮށްލެވިދާނެތޯ އޭނާ އަހާފައި އޮތެވެ. ދާރިއަން ޖަވާބުގައި އިރުކޮޅަކުން އެބަގުޅަން ކަމުގައި ބުނެލިއެވެ.
ޒުކަން ދައްކަން ބޭނުންވި ހުރިހާ ވާހަކައެއް ދައްކާ ނިމުމުން އައިކުއާއި ދާރިއަން ވެސް އެއްބަސްވީ އިޝްވާއާ އެމީހުން ބައްދަލުކުރާނެކަމެވެ. ދުވަހަކާއި ވަގުތެއް ޒުކަން ކަނޑައަޅާފައި ބުނުމުން އެ މީހުން ގޭގައި މަޑުކުރާނެކަމުގެ ޔަގީންކަން ދިނެވެ. ޒުކަން ތެދުވުމާއެކު އައިކު އުނދޯލީގައި ހަށިގަނޑު ދަމާލީއެވެ. ދާރިއަން ތެދުވެގެން ހިނގައިގަތީ އޭނާގެ ކޮޓަރިއަށް ދިއުމަށެވެ.
* * * * *
ހާމަފެންޑާގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ސާރާ ހުއްޓުނީ ޖީންސުގެ ފަހަތު ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. އަވަސް އަވަހަށް ފޯނު ނެގުމާއެކު ލުއި ހިނިތުންވުމެއް އެ ތުންފަތަށް ވެރިވެގެންދިޔައެވެ. އޭނާ އެދުމުން ދާރިއަން އަތުވެދާނޭ ކަމަކަށް ސާރާ ކުޑަކޮށް ވެސް ހިޔެއްނުކުރެއެވެ. އުފާވެރިކަމާ އެއްވަރަށް އޭނާ ހުރީ ހާސްވެފައެވެ.
"ހެލޯ... ޓެރެސްގަ މިހުރީ..." ސާރާ ބުނެލިއެވެ.
ރޭގަނޑު އެގާރަގަޑި ބައިވެއްޖެއެވެ. މީނޫނީ އެހާ ލަސްކޮށްފައި ދާރިއަން ގެއިން ނުނިކުމެވެ. ނަމަވެސް މިރޭ ވީގޮތެއް ނޭނގެއެވެ. އޭނާ ސާރާއާ ބައްދަލުކުރަން އެއްބަސްވީ ސާރާ އާދޭސްކޮށްގެންނެއް ވެސް ނޫނެވެ. ޚުދު ސާރާއާ ބައްދަލުކުރަން ބޭނުންވެގެންނެވެ. މައި ދޮރޯށީ ހުޅުވާލީ ގޭގެ ގެންގުޅޭ މީހަކެވެ. އޭނާ ދާރިއަންއަށް އެތެރެއަށް ވަނުމަށް ތަންދައްކަމުން އަދަބު އިޚްތިޔާރު އަދާކުރިއެވެ. ސާރާ ހާމަފެންޑާގައި ހުރިކަމާއި ދާނޭ މަގު އެ ޚާދިމު ދެއްކިއެވެ.
ހާމަފެންޑާއަށް ދާރިއަންއަށް ނުކުމެވުނުއިރު ބިއްލޫރި ރެއިލިން ކައިރީ ސާރާ މަޑުކޮށްލައިގެން ހުއްޓެވެ. އޭނާ ދާރިއަންއާއެކު އައި ޚާދިމަށް އިޝާރާތެއްކޮށްލުމާއެކު އެމީހާ އެތަނުން ހިނގައްޖެއެވެ. ފަނޑު ހިނިތުންވުމަކާއެކު ސާރާ ދެން އިޝާރާތްކޮށްލީ ދާރިއަންއަށެވެ. އެތަނުގައި ހުރި މޭޒެއްގެ ދޮށުގައި އިށީނުމަށެވެ. ނަމަވެސް ދާރިއަން އައިސް މަޑުކޮށްލީ ސާރާ ހުރި ތަނުގައެވެ. އޭނާ ރެއިލިންގައި ދެއަތުން ހިފަހައްޓާލައި ތިރިއަށް ބަލާލިއެވެ. ދެން އަނެއްކާ ވެސް ސާރާއަށް ބަލާލިއެވެ.
"ސޮރީ..." ސާރާ ބުންޏެވެ.
"ސާރާ އަހަރެންދެކެ ލައިކްތަ ވަނީ ނޫނީ އެއީ ލޯބިތަ؟" ދާރިއަން އެއްސެވެ.
"ލޯބިވެޔޭ ބުނެފިއްޔާ" ދާރިއަންއަށް ބަލަން ވަގުތުކޮޅަކު މަޑުކޮށްލުމަށްފަހު ސާރާ ބުނެލީ ޖެހިލުންވެފައި ހުރެއެވެ.
"އައި ރިއަލީ ޑޯންޓް ވޯންޓް ޓު ހާޓް ޔޯ ފީލިންގްސް، އައި ލައިކް ޔޫ... އެކަމަކު އޭގެ މާނައަކީ އަހަރެން ލޯބިވަނީއެކޭނޫން، ލޯތްބަކީ މުޅިން ތަފާތު ޖަޒުބާތެއް" ދާރިއަން ބުންޏެވެ.
"ލައިކްވޭތަ؟" ސާރާ އަހާލިއެވެ.
"އެހެންނު މިބުނީ، ސާރާދެކެ ފޫއްސެއް ނުވެޔޭ... ލައިކްއާއި ލޯތްބަކީ މުޅިން ތަފާތު ދޭއްޗެއް، ދެމީހުން ގުޅުނަސް ދެމެދުގައި ލޯބިނެތިއްޔާ އެ ގުޅުން ދެމިއެއްނޯންނާނެ" ދާރިއަން ކަމެއް ވިސްނައިދޭން އުޅުނެވެ.
"ލައިކްވަންޏާ ލޯބިވުމުގެ ޗާންސް އޮންނާނެ" ސާރާ ބުނެލިއެވެ. އެހިނދު ދާރިއަންއާއި ސާރާގެ ނަޒަރު އަމާޒުވެލިއެވެ. އެ ދެ ލޮލަށް މަޢުނަވީ ގޮތަކަށް ދާރިއަން ބަލާލުމަށްފަހު ފިނިނޭވާއެއް ލިއެވެ.
"ލޯބިވެދާނެކަމަށް އެމީހަކާ ގުޅުމަކީ މޮޔަ ޚިޔާލެއް، އޭރުން ހަޔާތުން ދުވަސްތަކެއް ބޭކާރުވެގެން އެ ދިޔައީ، އަހަންނަށްވުރެ ރަނގަޅު މީހަކު ސާރާގެ ހަޔާތަށް އަތުވެދާނެ، އެމީހަކީ ސާރާދެކެ އިންތިހާއަށް ލޯބިވާ ބައިވެރިޔަކަށް ވެދާނެ" ދާރިއަން ބުންޏެވެ.
"އިޓްސް ބީން ތްރީ އިޔާސް، އަހަންނަށް ރިއާންއަށްވުރެ އެހެން މީހަކު ޚާއްޞާއެއްނުވި، އަހަރެންދެކެ ރިއާން ފޫހިނުވަންޏާ ރިލޭޝަންޝިޕަކަށް ޗާންސް ދިނުމަކުން ގޯހެއް ނެތެއްނު، އަހަރެން މިހުރީ އިންތިޒާރުކުރަން... އެކުގައި ވަގުތު ހޭދަކުރަން ފެށުމުން ރިއާންގެ ތި ލައިކްވުން ލޯތްބެއް ބަދަލުވެސް ވެދާނެއެއްނު، އެކަން އެނގޭނީ ވެސް އަހަރެމެން ދެ މީހުން ރިލޭޝަންޝިޕަކަށް ދިޔައިމައެއްނު... ޕްލީޒް ރިއާން... އަހަންނަށް ކުޑަކުޑަ ޗާންސެއް ވެސް ނުދޭނަންތަ؟ ތި ހަޔާތަށް އަންނަން ޝަރުތުހަމަނުވަނީތަ؟ ރިއާން ބޭނުންވަނީ ކޮންކަހަލަ އަންހެންކުއްޖެއްތަ؟" ދާރިއާންއާ ދާދި ގާތަށް ސާރާ ފިޔަވަޅު އަޅާލިއެވެ. އެ ދެ ލޮލުން އާދޭސްކުރާ ފަދައެވެ. ދާރިއަން އެއްޗެއް ނުބުނެ ގިނައިރުވާން ފެށުމުން އޭނާގެ ވައަތު މުލައްދަނޑީގައި ހިފާލުމާއެކު އޭނާގެ މޭގައި ސާރާގެ ކަނާއަތްތިލަ ޖައްސާލިއެވެ.
"ޖަސްޓް ގިވް މީ އަ ޗާންސް" ސިއްރުން ކަހަލަ ގޮތަކަށް ސާރާ ބުނެލީ ދާރިއަންއާ ނަޒަރު އަމާޒުކޮށްލައިގެން ހުރެއެވެ.
"ވެލް... އައި... މީތި ވޯކްނުކޮށްފިއްޔާ ދެން" ދާރިއަން އަހާލިއެވެ.
"އިޓް ވިލް ވޯކް... އައި ލަވް ޔޫ، ދުވަސްކޮޅަކުން ރިއާން ވެސް އަހަރެންދެކެ ލޯބިވާނެކަން އެނގޭ" ކެތްތެރިކަން ކުޑަގޮތަކަށް ސާރާ ބުނެލިއެވެ. ނަމަވެސް ދާރިއަންގެ ހިތް އެކަމާ އެއްބަހެއް ނުވިއެވެ.
"އަހަންނަށް ލޯބިނުވެވިގެން ސާރާއާ ދުރަށް ހިނގައްޖެނަމަ އޭރުން މާ ދެރަވާނެ، އަނެއްކޮޅުން ސާރާދެކެ ލޯބިނުވެވިގެން އުޅެނިކޮށް އަހަންނަށް އެހެންމީހަކު ލޯބިވެވިއްޖެއްޔާ އަހަރެން ބޭނުންވާނީ ލޯބިވާ މީހާ ގާތަށްދާން، އޭރުން ވެސް މިބުނާހެން ސާރާއަށް ދޯ ހުރިހާ ދެރައެއް އޮތީ، އަހަރެން ބޭނުމެއްނޫން ސާރާއަށް އެއްވެސް ގޮތަކަށް ދެރައެއްދޭކަށް" ދާރިއަން ބުންޏެވެ.
"އަހަރެން ޝަކުވާއެއް ނުކުރާނަން، އެހެންނޫނަސް ވާންހުރި ގޮތެއް އެކަކަށް ވެސް ނޭނގޭނެ، ތިހުރިހާކަމެއްވުމުގެ ބަދަލުގައި ރިއާންއަށް އަހަރެންދެކެ ލޯބިވުމަކީ ވެސް ވެދާނެ ގޮތެއްނު، އަހަރެން މާ ދެރަވާނެ ރިއާންގެ ލައިފްއިން އަހަންނަށް ކުޑަވެސް ޗާންސެއް ނުލިބި ހުންނަންވެއްޖެއްޔާ... މި ރިލޭޝަން ވޯކްއައުޓް ކުރިޔަސް ނުކުރިޔަސް އެނގޭނީ އެ ޗާންސް ލިބިގެންނު" ސާރާ ބުނެލިއެވެ.
"ފައިން... އައި ވިލް ގިވް އަސް އަ ޗާންސް، އެކަމަކު ބުނަން... މިވާހަކަ އެކަކުކައިރީ ވެސް އަދި ނުބުނާތި، ސާރާއާ އަހަރެން އެއްބަސްމިވީ ކީއްވެކަން ހަނދާންނައްތާ ނުލާތި، ނޯ އިންޓިމެސީ... ޑޯންޓް ފޯސް މީ ޓު އެނީތިންގް، ޕޭރެންޓްސްއާ ހަމައަށް މި ރިލޭޝަންގެ ޚަބަރު ފޯރައިގެން ނުވާނެ، އެހިސާބަށް ދާންވެއްޖެނަމަ އަހަރެމެން ދެ މީހުންނަށް ވެސް އެނގޭނެ، އެންޑް ޔެސް، އަހަރެން ވަގުތު ވާވަރުން ސާރާއަށް ވަގުތު ދޭނަން، އަބަދުއަބަދު ދެމީހުން ބައްދަލުވާން ނުކިޔާތި" ދާރިއަންގެ ޝަރުތުތައް ގިނައެވެ. އެހެންވިޔަސް އެ ވާހަކަތަކަށް ސާރާގެ މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. އޭނާއަށް އުފަލުން ދާރިއަންގެ ގައިގާ ބައްދާލެވުނެވެ. ދުރުކޮށްލަން ސާރާގެ ދެކޮނޑުގައި ހިފާލާފަ ވެސް ދާރިއަން އިތުރު ވިސްނުމަކަށް ދިޔައެވެ. އިރުކޮޅަކު ސާރާގެ އުފާތަކަށް ހުރަސް ނާޅަން މަޑުކޮށްލީއެވެ. ސާރާ އަމިއްލައަށް ދުރަށް ޖެހިލައި ނިކަން އަވަހަށް ސޮރީއޭ ބުނެލިއެވެ.
ދާރިއަން މުޅިން ހިތްހަމަނުޖެހުނަސް އޭނާ ސާރާއަށް ފުރުޞަތެއް ދޭން ނިންމީއެވެ. ހިތުގައި ހޭޒަލްގެ މައްޗަށް އޮތް ޖަޒުބާތުތައް އޮއްބާލަމުންނެވެ. ހުއްޓިފައި ހުރުމަށްވުރެ ދިރިއުޅުމުގައި ކުރިއަށް ދާން އޭނާ ވެސް ބޭނުމެވެ.
* * * * *
ހަފްތާއެއް ފާއިތުވެ ދިޔައިރު ލިއަމްގެ އުޅުން މުޅިން ބަދަލުވެއްޖެ ކަހަލައެވެ. އޭނާ ނަމާދަށް ފަރުވާތެރިވާތީ ހޭޒަލް ދުށްޓެވެ. އޮފީސް ނިންމާފައި އެންމެ ލަސްވެގެން ހަތަރުގަޑި ފަނަރަ ހިނގާއިރު ހުންނަނީ ގޭގައެވެ. ރޭގަނޑު އޮފީހަކަށް ނުނިކުމެވެ. ފޯނު އޮންނަނީ ދުރުގައެވެ. އޭގެ ރިންގު ޖައްސާފައި އޮންނާތީ ނޮޓިފިކޭޝަންގެ އަޑު އިވިއިވި ހުރެއެވެ. ފޯނުން ވެސް ބޭކާރު ކަންތައްތައް ކުރާތީއެއް ނުފެނެއެވެ. ފޯނުން ވާހަކަދައްކާނަމަ ހޭޒަލްއަށް އެ ދައްކާ ވާހަކަ އިވޭ ހިސާބުގައި ހުރެއެވެ.
ހޭޒަލްއާއި ލިއަމް އެއް އެނދުގައި ނިދިއެއްކަމަކު އެ ދެމެދުގައި ގާތްކަމެއް ނެތެވެ. ލިއަމް ކަންބޮޑުވާކަން ހޭޒަލް ދެނަހުއްޓެވެ. އޭނާ ނިދަންލާ ޓީޝާޓުކޮޅާއި ސޯޓުބުރި ލައިގެން އައިސް އެނދަށް އެރިއެވެ. އޭރު ލިއަމް ވެސް އޮތި އެނދުގައެވެ. އޭނާއަށް ފުރަގަސް ދީގެން އޮވެ ރަޖައިން ބޮޑަށް މީހާ ނިވާވެލުމާއެކު ހޭޒަލް ދެ ލޯ މަރާލިއެވެ. އޭނާއަށް ނިދިޖެހެމުން ދަނިކޮށް ފުރަގަހުން ލިއަމް ގާތްވެލިކަން އިޙްސާސް ކުރެވުނެވެ. މަޑުމަޑުން ހޭޒަލްގެ އުނަގަނޑާ ދިމާލުން ބަނޑުގައި އަތްއަޅުވާލައި އިހުނަށްވުރެ ލިއަމް ގާތްވެލިއެވެ. ދެން އިވުނީ އޭނާ މަޑުމަޑުން ނޭފަތް ދަމާލި އަޑެވެ.
"ޒެއްލުއަށްވުރެ ލޯބިވާނޭ އެހެންމީހަކު އަހަރެންގެ ނެތް، އަހަންނަށް މަޢާފުކުރޭ... ޒެއްލު އަހަންނާ ތިހާ ދުރުވެދާނެއެކޭ ހިޔެއްނުކުރަން، އަހަރެން ވަރަށް ދެރަވޭ... ހުރިހާކަމެއް ރަނގަޅުކުރަން އަހަރެން ހަދަންވީ ކިހިނެއް، ޒެއްލުގެ އިތުބާރު ހޯދަން ބޭނުން" ސިއްރެއް ބުނެލާ ފަދައިން ލިއަމް ވާހަކަދެއްކިއެވެ. އޭރު އޭނާއަށް ރަނގަޅަށް ވެސް ރޮވިއްޖެކަން ހޭޒަލް ދެނަހުއްޓެވެ.
"ކުރީން ވެސް ލިއަމްއަށް ތިގޮތް އޮތް، އޮފީހުން އަވަހަށް އާދެވޭނެކަން މިހާރު އެބައިނގޭ، ރޭގަނޑު ދަންކޮށްފައި އޮފީހަށް ނުނިކުތަސް މަސައްކަތް ވެސް އެބަކުރެވޭ" ހިތްހަރުކޮށްލުމާއެކު ހޭޒަލް ބުނެލިއެވެ. އެއާއެކު ލިއަމްގެ ރުއިން ވަކިން ގަދަވިއެވެ. ހޭޒަލްގެ ގައިގާ ވަކިން ބޮޑަށް ބައްދާލިއެވެ. ހޭޒަލްގެ ފުރަގަހުން ކަނދުރާގައި މޫނު ފޮރުވާލައިގެން އޮވެ ލިއަމް ރޮމުން ދިޔައެވެ.
(ނުނިމޭ)