އާ ސީޕްލޭން ޓާމިނަލްއާއެކު މަންތާ އެއާގެ ސީޕްލޭން ހިދުމަތް މިއަދު ފަށައިފި އެވެ.
ސީޕްލޭން ޓާމިނަލް ހުޅުވައިދެއްވީ މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް(އެމްއޭސީއެލް)ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހް އެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސް ވެރިންނާއި މަންތާ އެއާގެ އިސްވެރިންގެ އިތުރުން މުވައްޒަފުން ވެސް ވަނީ ބައިވެރިވެފަ އެވެ.
މަންތާ އެއާގެ ސީޕްލޭން ޓާމިނަލް ހުޅުވައިދެއްވާ ވާހަކަ ދައްކަވަމުން މޫސާ ސޯލިހް ވިދާޅުވީ އާ ޓާމިނަލްއާއެކު ސީޕްލެންގެ ހިދުމަތްތަށް ފެށިގެން ދިޔުމަކީ ވަރަށް އުފާވެރި ކަމެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަންތާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ ފްލައިޓު ޑިލޭ ނުވެ، ގަޑިއަށް ފުރުމުން މަންތާ އެއާ އަށް 94 ޕަސެންޓް ހާސިލްކުރެވިއްޖެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި ވިދާޅުވީ އެންމެ ރަންވޭއަކާއެކު ހުސްވި ހަފްތާގެ ތެރޭގައި އެކަނިވެސް އެ އެއާލައިން އަށް ބޮޑު ކާމިޔާބީއެއް ހާސިލް ކުރެވިއްޖެ ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދު ފެށިގެން މިދާ ސީޕްލޭންގެ ހިދުމަތާއެކު އެކުންފުންޏަށް އިތުރު ކާމިޔާބީއެއް ލިބިފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި މިކަމިޔާބީއަކީ އެކުންފުނީގެ މުވައްޒަފުންގެ އިތުރުން އެމްއޭސީއެލްގެ މުވައްޒަފުންގެ އެއްބާރުލުމާއެކު ލިބުނު ކާމިޔާބީއެއް ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ.
މަންތާ އެއާގެ ސީޕްލޭން ދަތުރުތައް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށަން ނިންމާފައިވީ ނަމަވެސް ދަތުރުތައް ފެށިފައިނުވަނީ އާ ޓާމިނަލްގެ މަސައްކަތްތަށް ނުނިމުގެ ސަބަބުންނާއި ސިވިލްއޭވިއޭޝަނުން ނަގަންޖެހޭ ހުއްދަ ނުނެގިން ކަމަށް މަންތާ އިން ވަނީ ބުނެފަ އެވެ.
މަންތާ އެއާގެ ސީޕްލޭން ހިދުމަތަށް މިހާތަނަށް ތިން ބޯޓެއް ރާއްޖެ ގެނެސްފައިވާއިރު މިއަހަރު ނިމުމުގެ ކުރިން އިތުރު ބޯޓުތައް ރާއްޖެ ގެންނާނެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.
މަންތާ އެއާ އިން މިހާރު އުދުހެނީ ދަރަވަންދޫ އާއި ކުޑަހުވަދޫ އަށެވެ. މަންތާ އެއާއިން މި ދަތުރުތަކުގައި ބޭނުން ކުރަނީ "އޭޓީއާރް 600-72" މަރުކާގެ މަތިންދާ ބޯޓެވެ. އަދި އެ ކުންފުނިން ދަނީ ތަފާތު ހިދުމަތްތަކެއް ދެމުންނެވެ. މިގޮތުން ދުރާލާ ސީޓް ބުކް ކޮށްލުމާއި ދުރާލާ ޓިކެޓު ނެގުމުން ބޮޑުތަނުން އަގުހެޔޮވުން ފަދަ ބަދަލުތައް ގެނެސްފައިވެ އެވެ.
ރާއްޖޭގައި މިހާރު ސީޕްލޭންގެ ހިދުމަތް ދެނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ އިތުރުން ޓީއެމްއޭއިންނެވެ. އަދި ފްލައިމީ އިން ވެސް ސީޕްލޭންގެ ހިދުމަތް ފަށަން ދަނީ ތައްޔާރު ވަމުންނެވެ.