މަސީ

އެއްބާރުލުން ލިބޭނެ، މައްސަލަ ނިންމައިދީ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އޮންނަ ހުޅުލޭގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހަދާ ސީޕްލޭން ޓާމިނަލް އޮޕަރޭޓަރުންނަށް ދޫކުރުމާއި ގުޅޭގޮތުން އޭސީސީން ބަލަމުންދާ މައްސަލައަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އާ ސީޕްލޭން ޓާމިނަލް ކުއްްޔަށް ދޫކުރުމުގައި ވަކި އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖައިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގު ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ ވަނީ ބުނެފައެވެ.

އެކަން ހާމަކޮށް އިއްޔެ އެ ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އާ ސީޕްލޭން ޓާމިނަލް ޖާގަ ދޫކުރުމުގައި އަކަމީޓަރެއް 10.35 ޑޮލަރަށް ކުއްޔަށް ދޫކުރަން އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑްގެ ބައްދަލްވުމެއްގައި ނޮވެންބަރު 28، 2017 ގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ބޯޑްގައި ކުރިން ތިއްބެވި ފަރާތްތަކާއި، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑްގައި މިހާރު ތިބި ފަރާތްތަކާއި، ވީއައިއޭގައި މިހާރު ސީޕްލޭން އޮޕަރޭޓްކުރާ ތިން ފަރާތުގެ ތެރެެއިން އަމިއްލަ ދެ ކުންފުނި ކަމަށްވާ ޓީއެމްއޭ އަދި މަންތާ އެއާ އާ ދެމެދު އާއިލީ އަދި ވިޔަފާރީގެ ގުޅުން އޮންނައިރު، އެމްއޭސީއެލްގެ ބޯޑްގައި ކުރިން ތިއްބެވި ފަރާތްތަކާއި، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑްގައި މިހާރު ތިއްބެވި ފަރާތްތަކުގެ މަސްލަހަތު އެ ދެ ކުންފުނީގައި އޮންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"... އެ ފަރާތްތަކުގެ މަސްލަހަތު އޮންނަ މިފަދަ ކުންފުނިތަކާއި އެމްއޭސީއެލްއާ ދެމެދު ވެވޭ އެންމެހާ އެއްބަސްވުންތަކާއި ގުޅޭ ނިންމުންތައް ނިންމާއިރު އެ ފަރާތްތަކުގެ މަސްލަހަތު ފުށުއަރާކަން މި ކޮމިޝަން [އޭސީސީ] ގެ ތަހުގީގަށް ފާހަގަ ކުރެވިފައިވެ އެވެ." ބަޔާނުގައި ވެއެވެ.

އޭސީސީން ބުނީ އެ ކޮމިޝަނުން ކުރި ތަހުގީގުން ފާހަގަ ކުރެވުނު ވަރަށް ގިނަ ކަންތައްތައް ރަނގަޅު ކުރުމަށް އެމްއޭސީއެލްއަށް އަންގާފައިވާ ކަމަށާއި މި މައްސަލާގައި ވަކި އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖައިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން އާ ސީޕްލޭން ޓާމިނަލްއާ ގުޅޭ ގޮތުން އޮޕަރޭޓަރުންނާއެކު މަޝްވަރާކުރި ނަމަވެސް އެއްވެސް ފަރާތަކާއެކު އެއްބަސްވުމެއް ހަދާފައިނުވާކަން ވެސް ފާހަގަކޮށް އެ ނޫންވެސް ވަރަށް ގިނަ ކަންކަން އޭސީސީގެ ބަޔާނުގައި ހިމަނާފައި ވެއެވެ. އެގޮތުން ދައުލަތަށް އެންމެ ފައިދާހުރި ގޮތާއި، ދައުލަތަށް ގެއްލުން ލިބޭނެ ގޮތްތައްވެސް އެ ބަޔާނުގައި ވެއެވެ.

އޭސީސީން ނެރުނު ބަޔާން އާންމުކުރައްވާ ކުރެއްވި ޓްވީޓަށް ދެއްވި ޖަވާބެއްގައި އެމްއޭސީއެލްއިން ބުނެފައިވަނީ އެމްއޭސީއެލްއިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ގައުމުގެ ފައިދާއަށް ކަމަށެވެ. އެ ކުންފުންޏާމެދު ދައުލަތުގެ އެއްވެސް އިދާރާއަކުން މައްސަަލައެއް ބަލާނަމަ އެކަމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އަދި އޭސީސީން މިހާރު ބަލަމުންދާ މައްސަލަ އަވަހަށް ނިންމައިދިނުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. އެމްއޭސީއެލްއިން ބުނީ އެއާޕޯޓަށް ބާރުބޮޑުވެ، އެއާލައިންތަކާއި، ފަސިންޖަރުންނަށް ދިމާވަމުންދާ ދަތިތައް ހައްލުކުރުމަށް އައު ރަންވޭ ހުޅުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާ އެކަން ކުރެވެން އޮތީ މިހާރު ބޭނުން ކުރަމުންދާ ސީޕްލޭން ޓާމިނަލް ހުސްކޮށް، އައު ސީޕްލޭން ޓާމިނަލަށް އޮޕަރޭޝަން ބަދަލުކޮށްގެން ކަމަށެވެ.

އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލް އިން ބޮޑު ޖާގައެއް ދޭން ނިންމާފަ އެވެ.

ނަމަވެސް މާލިއްޔަތު ކޮމެޓީގައި އެ ކުންފުނީގެ ސީއީއޯ އެމްޔޫއެމް ފައުޒީ ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން 19،000 އަކަ މީޓަރުގެ ބިމުގެ ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. އެހެން ކަމުން އެގޮތަށް އަމަލުކޮށް ދިނުމަށެވެ. އެއީ މާލިއްޔަތުގެ ގަވާއިދާ ހިލާފު ކަމެއް ކަމަށް ބުނެ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް މަޖިލީސް މެންބަރުންނާއި، ސިޔާސީ ބައެއް ބޭފުޅުން ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

މި މައްސަލައިގެ ތެރެއަށް މިހާރު ވަނީ ސީޕްލޭން އޮޕަރޭޓަރު މަންތާވެސް ވަދެފައެވެ.

މި މައްސަލައާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް މަންތާގެ ބަސް ކަމާބެހޭ ފަރާތްތަކާއި މިހާރު ވަނީ ހިއްސާކޮށްފައެވެ. އެގޮތުން މަންޓާގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަނީ ސިޓީއެއް ފޮނުވާފައެވެ.

ފުރަތަމަ ކަމަކަށް މަންތާއިން ވަނީ އެ ކުންފުނީގެ އަޑުވެސް މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އިއްވުމުގެ ފުުރުސަތަކަށް އެދިފައެވެ. އަދި މާލިއްޔަތު ކޮމެޓީގައި މަންތާގެ ވާދަވެރި ޓީއެމްއޭއިން ދައްކާފައިވާ ގިނަ ވާހަކަތަކާމެދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މީގެ އިތުރުން މަންތާއިން ވަނީ އައު ސީޕްލޭން ޓާމިނަލްއާ ގުޅޭގޮތުން ސަރުކާރުން އެންމެ ފަހުން ނިންމާ އާންމުކޮށްފައިވާ އުސޫލަކީ ގަބޫލުކުރެވޭ އުސޫލެއް ކަމަށް ބުނެފައެވެ. މި ސިޓީގައި މަންތާއިން ވަނީ ޓީއެމްއޭގެ އަމާޒު ހުރީ މުޅި ޓާމިނަލްގެ ކޮންޓްރޯލް ނަގާ، ވާދަވެރިންނަށް ފުރުސަތު ގެއްލުވާލުމަށް ކަމަށް ބުނެފައެވެ. އަދި ޓީއެމްއޭއިން އެދޭގޮތަށް އާ ސީޕްލޭން ޓާމިނަލުން 19،000 އަކަމީޓަރުގެ ބިމުގެ ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ނިންމައިފިނަމަ އެއީ މުޅި އިގްތިސާދަށް އެކަމުން ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ވަނީ ބުނެފައެވެ.