ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހިދުމަތުގައި ސާބިތުކަމާއެކު ދާނީ ކުރިއަށް: ރައީސް

ރައްޔިތުންނަށް ހިދުމަތްކުރުމުގެ މަތިވެރި މަސައްކަތުގައި ސާބިތުވެ ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މި ޔަގީންކަން ދެއްވާފައިވަނީ އެމަނިކުފާނުގެ ވެރިކަމަށް މިއަދު އެއް އަހަރު ފުރުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ހަމަޖެހުމާއި ފާގަތިކަން ގެނައުމަށް އެމަނިކުފާނާއި މަތިކުރެވުނު ޒިންމާއަށް އަހަރެއް ފުރިގެންދާއިރު ރައްޔިތުންގެ ފަރާތުން ލިބުނީ ފުރިހަމަ އެއްބާރުލުމެއް ކަމަށެވެ. އެކަމަށްޓަކައި ރައީސް ވަނީ ދިވެހި ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ.

"ރާއްޖެއަށް ހަމަޖެހުމާއި ފާގަތިކަން ގެނައުމަށް އަޅުގަނޑާ މަތި ކުރެއްވި ޒިންމާއަށް އަހަރު ފުރިގެންދާއިރު ރައްޔިތުން ދެއްވި އިތުބާރާއި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަން. މާތް الله ގެ ވާގިފުޅާއެކު މިމަތިވެރި ހިދުމަތުގަ ސާބިތުކަމާއެކީ ކުރިއަށްދާނެ ކަމުގެ ޔަގީންކަން އަރުވަން." ރައީސްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ދާދި ފަހުން ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު ކާމިޔާބު ކަމާއެކު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގެ ކުރިއެރުމަށް ކޮށްފައިވާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އައިޖީއެމްއެޗްގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ކުރުމާއި ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ގާއިމްކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖެއަށް ހަމަޖެހުމާއި ފާގަތިކަން ގެނައުމަށް އަޅުގަނޑާ މަތި ކުރެއްވި ޒިންމާއަށް އަހަރު ފުރިގެންދާއިރު ރައްޔިތުން ދެއްވި އިތުބާރާއި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަން. މާތް الله ގެ ވާގިފުޅާއެކު މިމަތިވެރި ހިދުމަތުގަ ސާބިތުކަމާއެކީ ކުރިއަށްދާނެ ކަމުގެ ޔަގީންކަން އަރުވަން
އިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

ތިރީސް ހަތަރު ރަށެއްގެ ބަނދަރު މަޝްރޫއު ކޮންޓްރެކްޓަރާ ހަވާލު ކުރެވި، އޭގެ ތެރެއިން 14 ރަށެއްގައި އަމަލީ މަސައްކަތް ފަށާ ހަތް ރަށެއްގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ހިލޭ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމްގެ ދަށުން 4736 ދަރިވަރުން ކިޔަވަމުންދާ ކަމަށާ 567 ދަރިވަރުންނަށް ސްޓޫޑެންޓް ލޯން ދޫކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ދަރިވަރުންގެ ނާސްތާ ޕްރަގްރާމް ފެށި ކާމިޔާބު ކަމާއެކު ދަނީ ކުރިއަށްދާއިރު ހުޅުމާލޭގައި އިތުރު ފްލެޓްތައް އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެ، އަތޮޅުތެރޭގެ އެތައް ރަށެއްގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް 2020 ގެ ބަޖެޓްގައި ހިމަނާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ތެއްތިރީސް ރަށެއްގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާއިރު އަމާޒު ހިފާފައި ވަނީ 2021 އަންނައިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތްތައް ފެށުމަށް ކަމަށް ވިދާޅުވިއެވެ.

އިއާދަކުރަނިވި ހަކަތައިގެ ނިޒާމް 13 ރަށެއްގައި ގާއިމް ކުރެވި، 14 ސަރަހައްދެއް، ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅި، ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވްގައި އައްޑުއާއި ފުވައްމުލައް ހިމެނުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.