ރައްޔިތުންގެ މަޖިލިސް

ކޮސޯވޯގެ މައްސަލަ މަޖިލީހަށް ބެލިދާނެ ކަމާ މެދު ސުވާލު އުފައްދައިފި

ދިވެހި ސަރުކާރުން ކޮސޯވޯގެ މިނިވަންކަން ބަލައިގަނެ، އެ ކަން ރަސްމީކޮށް އިއުލާން ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތު ކުރެވޭތީ އެ ކަން ހިނގާފައިވާ ގޮތް ބަލައި ކަށަވަރު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރެވެން ހުރި ކަންކަން ކުރަން ގޮވާލައި ހުށަހެޅި ގަރާރު އެޖެންޑާ ކުރެވިދާނެ ކަމާ މެދު ސުވާލު އުފައްދައިފި އެވެ.

ކޮސޮވޯގެ މިނިވަންކަން ސަރުކާރުން ބަލައިގަތް މައްސަލާގައި މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ނޮޅިވަރަން ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. އަދި މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ގަރާރުގެ ފުރަތަމަ ކިއުން އިއްވުމަށް އެޖެންޑާ ކޮށްފައި ވެސް ވެ އެވެ.

އެހެން ނަމަވެސް އެ މައްސަލަ ބެލުމަކީ ރައްޔިތުންގެ މަޖިލީހުގެ އިހްތިސާސްތަކުގެ ތެރެއިން ބޭރު ކަމެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ނުކުތާއެއް ފާހަގަ ކުރައްވައިފަ އެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން މަޖިލީހުގެ އެޖެންޑާގައި އިތުރަށް ކަމެއް ހިމަނަން ނުވަތަ އެޖެންޑާގައި ހިމެނޭ ކަމަކާ މެދު ހިތްހަމަ ނުޖެހޭނަމަ ނުވަތަ އެޖެންޑާ ބަދަލު ކުރަން އެއްވެސް މެންބަރަކު ބޭނުންވާނަމަ އެ ކަމެއް ހުށަހެޅެއްވުމުގެ ފުރުސަތު އޮވެ އެވެ.

އެ މައްސަލަ އެޖެންޑާ ކުރެވޭނެ ކަމާ މެދު ސުވާލު އުފައްދަވަމުން އާޒިމް ވިދާޅުވީ، ތިން ބާރު ވަކި ކުރެވިފައިވާ ރިޔާސީ ނިޒާމަށް އަމަލު ކުރަމުން އަންނައިރު، މަޖިލީހުން ކޮސޯވޯގެ މައްސަލަ ބެލުމަކީ ގާނޫނު އަސާސީގައި ރައިސޫލްޖުމްހޫރިޔާގެ ބާބުގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މަޖިލީހުން ވަނުން ކަމުގައި ގަބޫލު ކުރައްވާ ކަމަށެވެ.

އާޒިމް އިޝާރާތް ކުރެއްވީ ދިވެހި ދައުލަތުގެ ހާރިޖީ ސިޔާސަތުތައް ކަނޑައަޅައި، އެ ސިޔާސަތުތައް ހިނގާ އަދި ނުހިނގާ ގޮތް ބަލައި ބޭރު ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި ގުޅުން ގާއިމުކޮށް ދެމެހެއްޓުމުގެ ބާރު ރައީސް އަށް ލިބިދީފައިވާ ކަމަށް ގާނޫނު އަސާސީގައިވާ ރައީސުލްޖުމްހޫރިއްޔާގެ ބާބުގައިވާ މާއްދާއަށެވެ.

އާޒިމްގެ ނުކުތާއާ ގުޅިގެން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އާޒިމް ފާހަގަ ކުރެއްވި ނުކުތާ ބަލައިގަންނަ ކަމަށާއި އެ ކަމާ މެދު މަޖިލީހުގެ އަމީން އާންމު އާއި މަޖިލީހުގެ ކައުންސިލަ ޖެނެރަލް އަދި މައްސަލަ ހުށަހެޅުއްވި މެންބަރާ އެކު މަޝްވަރާ ކުރައްވައި ގާނޫނީ ލަފައާއެކު އެޖެންޑާ ކުރުމާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑު މަޖިލީހުގެ އަމީން އާންމާއި މަޖިލީހުގެ ކައުންސިލަ ޖެނެރަލްއާއެކު މަޝްވަރާ ކޮށް، މި މައްސަލަ ހުށަހަޅުއްވަފައިވާ މެންބަރާ ވެސް މަޝްވަރާ ކުރެއްވުމަށް ފަހު އިރާދަކުރެއްވިއްޔާ ހުރިހާ މެންބަރުންނަށް ވެސް ހިތްހަމަޖެހޭ ގޮތަށް މި ކަމުގައި ގޮތެއް ނިމިގެންދާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޮސޯވޯއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ދިވެހި ސަރުކާރުން ބަލައިގަތީ ވެސް ރައީސް ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރުގަ އެވެ. އެކަމަކު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އެއީ އެންމެ ބުއްދިވެރި ނިިންމުމެއް ކަމުގައި މިއަދު ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ސަބަބެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވީ ދިވެހި ދައުލަތަށާއި ވެރިކަން ކުރާ މައި ޕާޓީ އަދި އެމަަނިކުފާނު ވެސް ނިސްބަތްވާ އެމްޑީޕީއަށް ވެސް ސާބިއާ ދޫކޮށް ސާބިއާ ނޭދެވޭ ގައުމުތަކާ އެކު ގުޅުން ބަދަހިކޮށްގެން ކުރިއަށް ދިއުމަކީ އެހާ ވެސް ފަސޭހަ ކަމެއް ނޫން ކަމަށެވެ.

އެހެން ވިޔަސް ނޮޅިވަރަން ދާއިރާގެ މެންބަރު ނަޝީދުގެ ގަރާރުގައިވާ ތުހުމަތުތައް ބަލައިގަނެވެން ނެތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. ބުއްދިވެރި ނިންމުމަކަށް ނުވިޔަސް އެ ނިންމުމެއް ނިންމީ ރާއްޖޭގެ ގާނޫނުތަކާއި ހާރިޖީ ސިޔާސަތުތަކާއި ބައިނަލްއަގްވާމީ އުސޫލުތަކާއި ހިލާފަކަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މެންބަރު ނަޝީދުގެ ގަރާރުގައި ވަނީ ކޮސޯވޯގެ މިނިވަންކަން ރާއްޖޭން ގަބޫލު ކުރީ ރާއްޖޭގެ އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ބޭރުގެ ބައެއް ފަރާތްތަކުގެ އަތުން ރިޝްވަތު ނަގައިގެން ކަމުގެ ތުހުމަތު ކުރެވުނު ކަމަށެވެ. އަދި މާޗް 5، 2009 ގައި ރައީސް ނަޝީދު އެ މައްސަލަ ތަހުގީގު ކޮށްދެއްވުމަށް ފުލުހަށް އެންގެވި ނަމަވެސް އެ މައްސަލައިގެ ތަހުގީގު މުޅީން ފުރިހަމަ ކޮށްފައި ނުވާތީވެ ސަރުކާރަށާއި ރައްޔިތުންގެ ސަމާލު ކަމަށް ގެންނަން ގޮވާލާ ކަމަށެވެ.

ކޮސޯވޯ އަކީ ވަކި ދައުލަތެއްގެ ގޮތުގައި ފެބްރުއަރީ 17، 2008 ގައި އެ ގައުމުން އަމިއްލައަށް އިއުލާން ކުރި ހިސާބުން ފެށިގެން މިއަދާ ހަމައަށް ވެސް އޭގެ ގާނޫނީ ސައްހަ ކަމާ މެދު ބައިނަލްއަގްވާމީ މުޖުތަމައުގައި ބަހުސް ކުރަމުން އަންނަ މައްސަލައެކެވެ. ރާއްޖޭގެ އެންމެ އަވަށްޓެރި ދެ ގައުމު ކަމުގައިވާ އިންޑިއާ އާއި ސްރީލަންކާގެ އިތުރުން އިގްތޯސާދީ ގޮތުން ރާއްޖޭގެ އެންމެ ގާތް އެކުވެރި ގައުމު ކަމުގައިވާ ޗައިނާއިން ވެސް ދައުލަތެއްގެ ގޮތުގައި ކޮސޯވޯ ބަލައިގެންފައެއް ނުވެ އެވެ.