އިންޑިއާގެ ސްޓޭޓެއް ކަމަށްވާ އުއްތަރަ ޕްރަދޭޝްގައި ސިޓީއެއް ކަމަށްވާ އަޔޯދިއާގެ ބާބްރީ މިސްކިތް ހުރި ބިން ހިންދޫންނަށް ދޭން އިންޑިއާގެ ސްޕްރީމް ކޯޓުން ކުރި ހުކުމް އަލުން މުރާޖައާކޮށްދިނުމަށް އެދި ހުށަހަޅާނެކަމަށް އިންޑިއާގެ މުސްލިމުންގެ ޖަމާއަތަކުން ބުނެފި އެވެ.
ބާބްރީ ހުރި މިސްކިތަކީ 16 ގަރުނު ވަންދެން މުސްލިމުންގެ ބޭނުމަށް ދޫކޮށްފައިވާ ބިމެކެވެ. ސުޕްރީމް ކޯޓުން ބާބްރީ މިސްކިތް ހުރި ސަރަހައްދު ހިންދޫންނަށް ދޭން ނިންމީ އެކަމަށް އެދި ހިންދޫން ސަރުކާރުގައި އެދެމުންދާތާ އަހަރުތަކެއް ވެފައި ވަނިކޮށެވެ. ހިންދޫން ބޭނުންވަނީ ބާބްރީ މިސްކިތް ހުރި ބިމުގައި ފައްޅި އެއް އެޅުމަށެވެ.
ނަމަވެސް، އޯލް އިންޑިއާ މުސްލިމް ޕާސަނަލް ލޯ ބޯޑު ނަމަކަށް ކިޔާ ޖަމާއަތަކުން ބުނީ ސުޕްރީމް ކޯޓުން ކުރި ހުކުމްގައި މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށާއި، އެހެން ކަމުން އެ ހުކުމް އަލުން މުރާޖައާކޮށްދިނުމަށް އެ ކޯޓުގައި އެދޭނެ ކަމަށެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުން ބާބްރީ މިސްކިތް ހުރި ސަރަހައްދު ހިންދޫންނަށް ދޫކުރީ އެސަރަހައްދުން ފަސް އޭކަރުގެ ބިމެއް މިސްކިތެއް އަޅަން ދޭ ގޮތަށް ޝަރުތު ކުރުމަށްފަހު އެވެ. އުއްތަރް ޕްރަދޭޝްގެ މުސްލިމުން ބުނަމުންދަނީ އެމީހުން ބާބްރީ މިސްކިތުގައި ނަމާދު ކުރަމުން އަންނަތާ އެތަކެއް ގަރުނެ ވެފައިވާތީ އެއީ މުސްލިމުންގެ ބިމެއް ކަމަށެވެ. ނަމަވެސް ހިންދޫން ބުނަމުންދަނީ އެއީ އެމީހުންގެ ކަލާނގެއް އުފަންތި ތަނެއް ކަމަށެވެ. ކޯޓުން ހުކުމް ކުރީ ވެސް ހިންދޫން ކޮޅަށް ބުރެވެ ކަމަށް ގިނަ މުސްލިމުން ދަނީ ބުނަމުންނެވެ.
މީގެ 27 އަހަރު ކުރިން ހިންދޫން ވަނީ ބާބްރީ މިސްކިތަށް ވަރަށް ބޮޑަށް ގެއްލުން ވެސް ދީފަ އެވެ. ފަހުން ވަނީ އެ މިސްކިތް އެއްކޮށް ތަޅާ ބިމާ ހަމަކޮށްފަ އެވެ. އެއަށްފަހު ހިންދޫން ދިޔައީ އެތަނުގައި ބުދެއް ބެހެއްޓުމަށްފަހު އަޅުކަން ކުރަމުންނެވެ.