ލައިފްސްޓައިލް

ދެ މޫނު ލީ ބުޅާ ވަރަށް މަޝްހޫރު ވެއްޖެ

އުފަންވީއިރު ދެ މޫނު އިން ބުޅަލެއް ސޯޝަލް މިޑިއާގައި ވަރަށް މަޝްހޫރު ވެއްޖެ އެވެ. މި ބުޅާ ސަލާމަތް ނުވާނެ ކަމަށް ބެލެވުނު ނަމަވެސް އޭތި އުފަންވީއްސުރެ ރަނގަޅު ފަރުވާއެއް ދިނުމުގެ ސަބަބުން މިހާރު އޭގެ ފުރާނަ ވަނީ ސަލާމަތް ވެފަ އެވެ.

ޑިއޯ ގެ ނަން ދީފައިވާ މި ބުޅަލުގައި ވަރަށް ގިނަ ސިއްހީ މައްސަލަތައް އެބަހުއްޓެވެ. އެއް ހަށިގަނޑު، އެއް ބޯ ހުރި ނަމަވެސް މި ސޮރުގެ ދެ ނޭފަތާއި ދެ އަނގަ އަދި ހަތަރު ލޯ ހުރެ އެވެ. މިގޮތަށް ހުންނަ ބުޅާ އުފަންވާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަރުވި ނަމަވެސް ޑިއޯގެ ފުރާނަ ސަލާމަތްވެ މިހާރު އެސޮރުގެ އުމުރުން ހަތަރު މަސް ވަނީ ފުރިފަ އެވެ.

ކެލިފޯނިއާގައި ދރިއުޅޭ ޖަނަވާރުންގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ރަލްފް ޓްރެން ބުނި ގޮތުގައި އުފަންވުމާއެކު އެސޮރުގެ މަންމަ ވަނީ އެ ސޮރު ނުބަލާ ދޫކޮށްލާފަ އެވެ. އުފަންވީއިރު އެ ސޮރު އޮތް ހާލަތަކުން މާ ގިނައިރު ދުނިޔޭގައި އޮންނާނެ ކަމަކަށް ޚުދް ޑރ. ރަލްފް ވެސް ގަބޫލެއް ނުކުރެ އެވެ. ނަމަވެސް އޭނާ ވަރަށް މަސައްކަތުން އެ ސޮރުގެ ފުރާނަ ވަނީ ސަލާމަތް ކޮށްފަ އެވެ.

މި މައްސަލަތައް ހުރި ނަމަވެސް މިހާރު ޑިއޯ އަށް ކޮންމެ އާއްމު ދިރިއުޅުމެއް އުޅެވޭ ގޮތް ވަނީ ވެފަ އެވެ. ކައި ބޮއި ނިދުމަކަށް އެ ސޮރަކަށް އެއްވެސް ހުރަހެއް ނެތެވެ. އޭތި ކައި ބޮއި ނިދާ އަދި ކުޅެ އުޅޭ ކަމަށް ޑރ. ރަލްފް ބުންޏެވެ.

"މި ސޮރު ދެ ނޭފަތުން ވެސް ނޭވާލާ. އަދި ދެ އަނގައިން ވެސް ކައި. އަދި ދެ އަނގައިން އަޑު ވެސް ގޮއްވާ. ބައެއް ފަހަރު ދެ އަނގައިން ވަކިން އަނެއް ބައިވަރަކަށް އެއްކޮށް ވެސް "މިއޯ މިއޯ" ގޮވާ،" ޑޮކްޓަރު ބުންޏެވެ.

ޑިއޯގެ މައްސަލައަކީ އެސޮރުގެ މެދުގައި އިން ދެ ލޯ ގުޅިފައި ވުމެވެ. އެހެންވެ އޭއްޗަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް އުފުލަން ޖެހެ އެވެ. އެހެންވެ ދުވަސްކޮޅެއް ފަހުން އެސޮރުގެ މެދު ލޯގެ ސާޖަރީއެއް ހަދައި މެދުގައި އިން ލޯ ނަގާނެ ކަމަށް ޑޮކްޓަރު ބުންޏެވެ.