ބަދަލު ކުޅުންތެރިޔެއްގެ ގޮތު ދަނޑުން ފޭބުމަކީ އޭނާ އެދޭ ގޮތެއް ނޫން ކަމަށާއި ނަމަވެސް އޭނާ ހުރީ މުޅިން ފިޓްކޮށް ނޫން ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ޔުވެންޓަސްގެ ފޯވަޑް ވަނީ އެންމެ ފަހުން ކުލަބުގައި ކުޅުނު ދެ މެޗުގައި ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދަނޑުން ބާލާފަ އެވެ. އިޓާލިއަން ލީގްގައި އޭސީ މިލާން އާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ރޮނާލްޑޯ ބޭލުމުން މެޗު ނިމުމުގެ ކުރިން އޭނާ ވަނީ ސްޓޭޑިއަމުން ނުކުމެފަ އެވެ.
ގައުމީ ޓީމަށް ޖަހައިދިން 99 ވަނަ ލަނޑާއެކު ރޭ ލަގްޒަމްބާގް ބަލިކޮށް އަންނަ އަހަރުގެ ޔޫރޯއިން ޖާގަ ކަށަވަރު ކުރި ޕޯޗްގަލްގެ ފޯވަޑް ބުނީ، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ފައިބާން އޭނާގެ ހިތް ނޭދޭ ސަބަބަކީ މެޗުގެ އެންމެ ފަހު ވަގުތާ ހަމައަށްވެސް ޓީމަށް އެހީތެރިވާން ދަނޑު މަތީގައި ހުންނަން ބޭނުންވުން ކަމަށެވެ.
"މިދިޔަ ތިން ހަފުތާގައި އަހަރެން ކުޅެމުން ދިޔައީ އެންމެ ފިޓްކޮށް ހުރެގެނެއް ނޫން،" ރޭ ގެ މެޗަށް ފަހު ވާހަކަ ދައްކަމުން ރޮނާލްޑޯ ބުންޏެވެ. "އެހެން ނަމަވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދަނޑުން ފޭބުމަކީ އަހަރެންގެ ހިތް ބޭނުންވާ ކަމެއް ނޫން، އަހަރެން ބޭނުންވީ ޔުވެންޓަސްއަށް އެހީވާން، އެއީ އަހަރެން އެދޭ ގޮތަކީ."
އޭނާ ބުނީ މިފަހަރުގެ އިންޓަނޭޝަނަލް ބުރޭކުގައި ޕޯޗްގަލްގައި ދެ މެޗު ކުޅުނުއިރުވެސް އޭނާ ހުރީ މުޅިން ފިޓްކޮށް ނޫން ކަމަށާއި ނަމަވެސް ގައުމީ ޓީމާއި ކުލަބަށް އަބަދުވެސް ގުރުބާން ވުމަކީ އޭނާ އެދޭ ގޮތް ކަމަށެވެ.
"އަހަރެންގެ ކެރިއަރުގައި ސީރިއަސް އިންޖަރީއެއް އަހަންނަކަށް ކުރިމަތި ނުވޭ، އަހަރެން ކޮންމެ އަހަރަކުވެސް 50 މެޗު ނުވަތަ 60 މެޗު ކުޅެން،" ރޮނާލްޑޯ ބުންޏެވެ. "އަހަރެން މިވަގުތު 100 ޕަސަންޓް ފިޓް ނުވުމުގައި ކޮންމެވެސް ކަހަލަ އުނދަގުލެއް އެބަހުރި."
ރޮނާލްޑޯ ބުނީ، ޔޫރޯގައި ޓާގެޓަކީ ކުރިން ދެމެހެއްޓި ކާމިޔާބު ދެމެހެއްޓުން ކަމަށާއި އެހެންނަމަވެސް ޕޯޗްގަލްއަކީ މުބާރާތުގެ ފޭވަރިޓް ނޫން ކަމަށެވެ. ފްރާންސްގައި 2016 ވަނަ އަހަރު ބޭއްވި ޔޫރޯގެ ޗެމްޕިއަނަކީ ޕޯޗްގަލް އެވެ.