އެސްޓީއޯއާއެކު ވިޔަފާރި ކުރަން ފަށައި އެކި ފަރާތްތަކުން ބަހައްޓާފައިވާ ސެކިއުރިޓީ ޑިޕޮސިޓް ނަގަން އެ ކުންފުނިން ފުރުސަތެއް ދީފި އެވެ.
ރާއްޖެ އަށް އެންމެ ގިނައިން ތެލާއި ކާޑު އެތެރެކުރާ ކުންފުނި، އެސްޓީއޯ އިން ބުނެފައިވާ ގޮތުގައި އެ ކުންފުނިން އެކި ފަރާތްތަކާ އެކު ހަދާފައިވާ ކްރެޑިޓް ފެސިލިޓީ އަދި ރެންޓް އެގްރީމެންޓްގެ ދަށުން އެ ކުންފުންޏަށް ދައްކާފައިވާ އެޑްވާންސް ޑިޕޮސިޓް ފައިސާއާ ބައެއް ފަރާތްތަކުން ހަވާލުނުވެ ހުރި ކަމަށެވެ. އެހެންކަމުން އެޑްވާންސް ޑިޕޮސިޓްގެ ގޮތުގައި ދައްކަވާފައިވާ ފައިސާ ހަވާލު ނުވެވި ފަރާތެއް ވާނަމަ އަންނަ މަހުގެ 25 ގެ ކުރިން ރަސްމީކޮށް ސިޓީ އަކުން އެ ކުންފުންޏަށް އެންގުން އެދޭ ކަމަށެވެ.
އެސްޓީއޯ އިން އާއްމު ގޮތެއްގައި ސެކިއުރިޓީ ޑިޕޮސިޓް ނަގަނީ ކާޑު ފަދަ ބާވަތްތައް ވިއްކަން ފެށުމުގެ ގޮތުންނެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހުރެ އެ ވިޔަފާރި ކުރާ ފަރާތް ތަކުން ވިޔަފާރި ހުއްޓާލުން ނުވަތަ އެހެން ވިޔަފާރިއެއް ކުރަން ފެށުމާއެކު ފަހުން ޑިޕޮސިޓް ގޮތުގައި ބެހެއްޓި ފައިސާ ނުނަގައި ހުރެ އެވެ.