ވިޔަފާރި

ރާއްޖޭގެ ބާޒާރުގެ އަގުތަކަށް މި އަހަރު ވީ ގޮތް އެނގޭތަ؟

Aug 19, 2015
1

ވޭތުވެދިޔަ ތިން އަހަރަކީ ރާއްޖޭގެ ބާޒާރަށް އެންމެ ބޮޑު ލޮޅުންތަކެއް އައި އަހަރުތަކެވެ. ސަބަބަކީ ސިޔާސީ ގޮތުން އައި "ހަލަ ބޮލިކަމާއި" އަވަސް އަވަހަށް އިގްތިސާދަށް ގެނެވުނު ބަދަލުތަކެވެ. މި ބަދަލުތަކުގެ ސަބަބުން މުދަލާއި ހިދުމަތުގެ އަގު ނުވަތަ "އިންފްލޭޝަން" އަށް ބޮޑު ބަދަލެއް އައިސްފައިވެ އެވެ. ތިރީގައި އެވަނީ މި އަހަރުގެ މިހާތަނަށް ރާއްޖޭގެ އިންފްލޭޝަނަށް އައިސްފައިވާ ބަދަލު ތަކެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް 0.15 ޕަސެންޓް މައްޗަށް ދިޔަ ނަމަވެސް ޖެނުއަރީ މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 0.28 ޕަސެންޓް ދަށަށް ގޮސްފަ އެވެ. މީގެ މައިގަނޑު އެއް ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދިއުމެވެ. މި އަހަރުގެ ޖެނުއަރީ މަހު އެންމެ ބޮޑަށް އަގު ދަށަށް ދިޔަ އެއް ބާވަތަކީ ތެލެވެ. ތެލުގެ އަގުތައް ޖެނުއަރީ މަހު 4.75 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ.

މި އަހަރުގެ ފެބްރުއަރީ މަސް ފެށިގެން ދިޔައީ، އިންފްލޭޝަން މައްޗަށް ދިއުމުންނެވެ. ފެބްރުއަރީ މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 0.12 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. ފެބްރުއަރީ މަހު މައިގަނޑު ގޮތެއްގައި އަގުތައް މައްޗަށް ދިޔަ ދާއިރާތަކުގެ ތެރޭގައި ގޭގައި މަސައްކަތްކުރާ ބިދޭސީންނަށް ދޭ މުސާރަތައް ހިމެނެ އެވެ. ބިދޭސީންގެ މުސާރަތައް 11.94 ޕަސެންޓް މައްޗަށް ދިޔަ އެވެ.

ފެބްރުއަރީ މަހު އިންފްލޭޝަން ރޭޓް މަތިވިނަމަވެސް، މާޗް މަހުވަނީ ދަށަށް ގޮސްފަ އެވެ. މާޗް މަހު ރާއްޖޭގެ އިންފްލޭޝަން ހުރީ 0.7 ޕަސެންޓުގަ އެވެ. މާޗް މަހު މައިގަނޑު ގޮތެއްގައި އަގުތައް ދަށަށް ދިޔަ ބާވަތްތަކުގެ ތެރޭގައި މަހާއި ގޭގެ ކުލި ހިމެނެ އެވެ.

އެޕްރީލް މަހަކީ މި އަހަރު އެންމެ ބޮޑަށް އަގުތައް އުފުލުނު އެއް މަހެވެ. އޭޕްރީލް މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 0.67 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. އޭޕްރީލް މަހު އެންމެ ބޮޑަށް އަގުތައް މަތިވެފައިވަނީ ދުންފަތެވެ. ދުންފަތުގެ ޑިއުޓީ ބޮޑު ކުރުމާ ގުޅިގެން އަގުތައް މަތިވެފައިވަނީ 21.5 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.

މި އަހަރު މެއި މަހު ވެސް ރާއްޖޭގެ އިންފްލޭޝަން ވަނީ މައްޗަށް ގޮސްފަ އެވެ. ނަމަވެސް މަތިވި ނިސްބަތް ވަނީ ދަށަށް ގޮސްފަ އެވެ. މެއި މަހު ރާއްޖޭގެ އިންފޭޝަން 0.04 ޕަސެންޓް މައްޗަށް ގޮސްފައިވެ އެވެ. މެއި މަހު މައިގަނޑު ގޮތެއްގައި އަގުތައް މައްޗަށް ދިޔަ ބާވަތްތަކުގެ ތެރޭގައި ތަރުކާރީގެ ބާވަތްތައް ހިމެނެ އެވެ. މި ބާވަތްތަކުގެ އަގުތައް ވަނީ 19.17 ޕަސެންޓް މައްޗަށް ގޮސްފައިވެ އެވެ.

މި އަހަރުގެ ޖޫން މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 0.83 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. ޖޫން މަހު މައިގަނޑު ގޮތެއްގައި އަގު މައްޗަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ފަރުނީޗަރުގެ ބާވަތްތައް ހިމެނެ އެވެ. ފަރުނީޗަރުގެ އަގުތައް ވަނީ 15.68 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.