ހަބަރު

މާސްޓާ ޑެންޓާލް ކެއާއިން ތްރީޑީ ސްކޭން ތައާރަފުކޮށްފި

ދަތުގެ ތްރީޑީ ސްކޭން ނުވަތަ ކޯންބީމް ސްކޭނިންގެ ހިދުމަތް މާސްޓާ ޑެންޓަލް ކެއާ ސެންޓަރުން ދޭން ފަށައިފި އެވެ. މިއީ ދަތުގެ ތްރީޑީ ސްކޭންގެ ހިދުމަތް ރާއްޖޭގައި ފެށި ފުރަތަމަ ފަހަރެވެ.

މާސްޓާ ޑެންޓަލް ކެއާގެ ހުޅުމާލޭ ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްކޭން ހިދުމަތް ފައްޓަވައި ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.

ފަރުވާ ދޭން ގިނަ އަދަދަކަށް ދިވެހި ޑޮކްޓަރުން ތިބޭ މާސްޓާ ޑެންޓަލް ސެންޓަރުން މިއަދު ތައާރަފުކުރި ދަތުގެ ތްރީޑީ ސްކޭނީ މެޝިނަކީ އަނގަ އާއި މޫނުމަތި ހިމެނޭ ގޮތަށް ތްރީ ޑައިމެންޝަންކޮށް ބަލައި އެކްސްރޭއިން ނުފެންނަ ތަފްސީލުތައް ހޯދޭ މެޝިނެކެވެ. އެ ސްކޭން މެދުވެރިކޮށް މޫނު މަތީގެ ކަށިގަނޑުގައި އުފެދިފައި ހުންނަ ސިސްޓާއި ޓިއުމަރުތައް ހޯދައި ފަރުވާ ދޭން ފަސޭހަވެ އެވެ.

އެންމެ ޑޮކްޓަރަކާއެކު މާސްޓާ ޑެންޓަލް ކެއާގެ ހިދުމަތް ފަށާފައި ވަނީ 2011 ވަނަ އަހަރު އެވެ. މިހާރު އެ ސެންޓަރުގައި 11 ޑޮކްޓަރުންނާއި 40 އަށްވުރެ ގިނަ މުވައްޒަފުން އުޅެ އެވެ.