ފިލިޕީންސް މެޗުން ބަލިވުމުން އޭނާއަށް ކުރިމަތިވި ފާޑު ކިޔުންތައް ބަލައިގަންނަ ކަމަށާއި އެހެންނަމަވެސް އޭނާ މަސައްކަތް ކުރަމުން ދަނީ ރަނގަޅަށް ކަމަށް ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނެފި އެވެ.
ފިލިޕީންސް އަތުން ބަލިވުމުން އާންމުންގެ ފާޑު ކިޔުން ވަރަށް ބޮޑަށް ޝެގަޓަށް ވަނީ އަމާޒުވެފަ އެވެ. މާދަމާ ގުއާމް އާ ދެކޮޅަށް މާލޭގައި ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޝެގަޓް ބުނީ، ފިލިޕީންސް އަތުން ބަލިވެ ތިން ވަނައަށް ދާން ލިބުނު ފުރުސަތު ގެއްލުނު ނަމަވެސް އޭނާ ގަބޫލު ކުރަނީ އަދިވެސް ރާއްޖެ އޮތީ ރަނގަޅު ހިސާބެއްގައި ކަމަށެވެ.
"ކޮންމެ މީހަކަށްވެސް އަހަންނަށް ފާޑު ކިޔޭނެ، އެ ފާޑު ކިޔުންތައް އަހަރެން ބަލައިވެސް ގަންނަން، އެކަމަށް އިހްތިރާމްވެސް ކުރަން،" ސަޕޯޓަރުންގެ ފާޑު ކިޔުންތަކަށް ދޭން އޮތް ޖާވަބަކީ ކޮބައިތޯ ސުވާލު ކުރުމުން ޝެގަޓް ބުންޏެވެ. "އަހަރެންގެ ހިޔާލުގައި އަހަރެން މި މަސައްކަތް ކުރަނީ އަހަންނަށް އެނގިފައި އޮތްގޮތުގައި ރަނގަޅު މިސްރާބެއްގައި."
އޭނާ ބުނީ، ކުރިމަތިލާ ކޮންމެ މެޗަކުން މޮޅު ނުވެވޭ ކަމަށްޓަކައި ސަޕޯޓަރުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ. މާދަމާގެ މެޗުން ފަސޭހަ މޮޅެއް ހޯދި ދާނެތޯ ސުވާލު ކުރުމުން ޝެގަޓް ބުނީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ފަސޭހަ މެޗެއް ނާންނާނެ ކަމަށާއި ގުއާމް އަތުން އެ ގައުމުގައި މޮޅުވެވިފައި ވީނަމަވެސް މާދަމާ ކުޅޭ މެޗު އުނދަގޫ ވާނެ ކަމަށެވެ.
"އަހަރެމެން އަތުން އެ ގައުމުގައި ފުރަތަމަ މެޗުން މޮޅު ވެވިފައިވުމުން، މިހާރު މުޅި އެ ޓީމުން ބޭނުންވާނެ އަހަރެމެން ބަލި ކުރަން، އެ ޓީމު އޮތީވެސް އެކަހަލަ ރޫހެއްގައި." ޝެގަޓް ބުންޏެވެ. "އަހަންނަކަށް ނުފެނޭ އުނދަގޫ ނޫން މެޗެއް، މެޗުގެ ކުރިން އެ އިހްތިރާމްވެސް އެ ޓީމަށް އޮންނާނެ."
ޓީމުގެ މިޑްފީލްޑާ އިބްރާހިމް އައިސަމް (ޓޯނީ) އަށް ދެ ކާޑު ހަމަވެފައި ވުމުން މާދަމާގެ މެޗުގައި ނުކުޅެވޭނެ އެވެ. ޝެގަޓް ބުނީ އައިސަމްގެ މަގާމަށް ހައްލުތަކެއް ހޯދާނެ ކަމަށެވެ. އޭނާ ވަނީ އައިސަމް ދައްކަމުންދާ ކުޅުމަށް ތައުރީފް ކޮށްފަ އެވެ.
ޝެގަޓް ބުނީ، އައިސަމް ގައުމީ ޓީމަށް ކުޅެނީ އޭނާ ޒުވާން ވެގެން ނޫން ކަމަށާއި އޭނާގެ ކިބައިގައި އެ ކޮލިޓީ ހުރުމުން ކަމަށެވެ. އަދި ޓީމުގެ މިޑްފީލްޑްގައި އައިސަމް ހައްލުތަކެއް ގެނެސްދޭ ކަމަށް ކޯޗް ބުންޏެވެ.
އޭނާ ބުނީ އޭނާގެ ޓާގެޓަކީ ކޮންމެހެން ތިން ވަނަ ހޯދުން ނޫން ކަމަށާއި އޭޝިއަން ކަޕަށް ދިއުން ކަމަށެވެ. އޭނާއަށް މިވަގުތު އެންމެ މުހިންމީ އޭޝިއަން ކަޕް ކޮލިފިކޭޝަނަށް ދާންވާއިރަށް ވަރުގަދަ ޓީމެއް ތައްޔާރު ކުރުން ކަމަށެވެ.
"އަހަރެމެންނަށް މުހިންމެއް ނޫން އެންމެ މެޗެއްގެ ވާހަކަ ދެއްކުމެއް، މިވަގުތު އަހަރެމެންނަށް މުހިންމީ ކުޅުންތެރިންގެ ޑިވްލަޕްމެންޓް، ސަބަބަކީ އޭޝިއަން ކަޕްގެ ކޮލިފިކޭޝަން ފަށާއިރު ވަރުގަދަ ޓީމެއް އޮތުން މުހިންމު ވާތީ،" ޝެގަޓް ބުންޏެވެ. "ރަނގަޅު ތިން ވަނަ ލިބިއްޖެއްޔާ (ކޮލިފިކޭޝަންގެ ތިން ވަނަ ބުރު) ފަސޭހަ ވާނެ، އެކަމަކުވެސް އަހަރެމެންގެ ސަޕޯޓަރުންނަށްޓަކައި އަހަންނަށް މުހިންމު ހުރިހާ މެޗަކުންވެސް މޮޅުވުން."
އޭނާ ބުނީ ފިލިޕީންސް އަތުން ބަލިވިޔަސް ދިވެހި ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފް ކުރަން ޖެހޭ ކަމަށެވެ. ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ގަނީ ވަނީ ފިލިޕީންސް މެޗުގެ ރެފްރީންގެ ނިންމުމާމެދު ހިތްހަމަ ނުޖެހުން ފާޅު ކޮށްފަ އެވެ.