މަސްތުވާތަކެތި

މަލްއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ފަދަ ދައުވާއެއް!

މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ފިލްމީ ތަރި މަލީހާ ވަހީދު (މަލް) ގެ މައްޗަށް އުފުލި ދެ ދައުވާއަށް އޭނާ މިއަދު އިންކާރުކޮށްފި އެވެ.

މަލް ހައްޔަރު ކޮށްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސާއި އދ. މަހިބަދޫ ޕޮލިހާއި މާމިގިލީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އދ. މާމިގިލިންނެވެ. އެ މައްސަލާގައި މަލްއާއެކު އިތުރު އަންހެނަކު ވެސް ހައްޔަރުކޮށްފައި ވެއެވެ. އެ ދެ މީހުން ހައްޔަރު ކޮށްފައިވަނީ މާލެއިން ފުރައިގެން މާމިގިއްޔަށް ދަތުރުކުރި ލޯންޗަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެނެވެ. އެއީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު އެވެ.

އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށައް ގެނެސް ބަލާފާސްކުރިއިރު އެ މީހުންގެ އަތްދަބަހުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އިތުރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން އޭރު ވަނީ ބުނެފައެވެ.

އަދި 15 ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު އޭނާ ވަނީ ދޫކޮށްލާފައެވެ. ފުލުހުން ވަނީ އެ މައްސަލަ ތަހުގީގުކޮށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައެވެ. އަދި ޕީޖީން ވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އާއި ކެނެބިސް ބޭނުން ކުރުމުގެ ދައުވާ އުފުލާފައެވެ.

ނަމަވެސް އެ ދެ ދައުވާއަށްވެސް އޭނާ މިއަދު ވަނީ އިންކާރުކޮށްފައެވެ.

މީގެ ތެރެއިން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށަކީ ބޮޑު އަދަބު ކަނޑައެޅިފައިވާ ހުުކުމެކެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އުމުރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާއިން ފެށިގެން އެއްމިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.