އިންސާނުން އެންމެ ފުރަތަމަ ޖައްވަށް ފޮނުވުމުގެ ބޭނުމުގައި ނާސާއިން ތައްޔާރުކުރި ސްޕޭސް ސޫޓަކީ ހުރިހާ ގޮތަކުން ރައްކާތެރި އެއްޗެއް ކަމަށް އޭރު ގަބޫލު ކުރެވުނެވެ. މިއަދު ވެސް ގިނަ ޖައްވީ އިދާރާތަކުން ބޭނުން ކުރާ ސްޕޭސް ސޫޓު ތައްޔާރު ކުރަނީ ނާސާގެ ސްޓޭންޑަށް ބަލައިގެނެވެ. މި ސްޕޭސް ސޫޓާމެދު އެންމެ ފުރަތަމަ ވެސް ސުވާލެއް އުފެދިފައިވަނީ ހަނދުގައި އެސްޓްރޮނޯޓުން ހޭދަކުރި ވަގުތުގައި ހިލަ ތަކަކުން ޖެހި ސޫޓުގައި ކޫރުން އެޅިފައި ވުމުންނެވެ. ނަމަވެސް އެއީ އެހާ ބޮޑު ކަމަކަށް ނަހަދައި އެހިސާބުން އެކަން އޭރު ނިންމާލީ އެވެ.
ބައިނަލް އަގްވާމީ ސްޕޭސް ސްޓޭޝަންގައި ހަރަކާތްރިވާ އެސްޓްރޮނޯޓުން ވެސް ބައެއް ފަހަރު ސްޕޭސް ސޫޓު ލާން ޖެހެ އެވެ. އެސްޓްރޮނޯޓުންނަކީ ޖައްވުގައި ހަރަކާތްރިވާއިރު ވަކި ގޮތަކަށް އަމަލު ކުރަން ޖެހޭ ބައެކެވެ. އެގޮތުން ކެއުމުގެ ބާވަތްތަކާއި ނިދަން ޖެހޭ ވަގުތާއި އެކި ވަގުތު ތަކުގައި ހަރަކާތްތެރިވާންވި ގޮތުގައި އިރުޝާދު ދެނީ އެ އެސްޓްރޮނޯޓަކު ނިސްބަތްވާ ޖައްވީ އިދާރާއިންނެވެ. އިރުޝާދުތަކާ ހިލާފުވާނަމަ ސިއްހީ މައްސަލަތައް އެސްޓްރޮނޯޓަށް ކުރިމަތިވާނެ އެވެ.
ޖައްވުގައި އުޅޭ އެސްޓްރޮނޯޓުން ގިނަ މައްސަލަތަކެއް ދިމާވެ އެވެ. ބައެއް ފަހަރު މެޔަށް ތަދުވުމާއި ހަށިގަނޑުގެ ހުޅުތައް ރަނގަޅަށް މަސައްކަތް ނުކުރާ މައްސަލަތައް ކުރިމަތިވެ އެވެ. ނަމަވެސް އިދާރާތަކުން ބުނަމުންދަނީ އެއީ އެކަށީގެންވާ ވަރަށް ކަސްރަތު ނުކުރެވުމުގެ ސަބަބުންނާއި ގްރެވިޓީގެ ސަބަބުން ދިމާވާ ކަމެއް ކަމަށެވެ.
ދެހާސް ސައުވީސް ވަނަ އަހަރު ނާސާއިން އިންސާނުން ހަނދަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ. މި މިޝަނަކީ ތާރީހީ މިޝަނަކަށް ހެދުމުގެ ބޭނުމުގައި ޖައްވީ އުޅަނދާއި ސްޕޭސް ސޫޓު އަލުން ތައްޔާރު ކުރަން ވަނީ ހަމަޖެހިފަ އެވެ. ސްޕޭސް ސޫޓު ވަނީ ތައްޔާރުކޮށް ނިންމާފަ އެވެ. އަދި އޭގެ ޓެސްޓު ވެސް ވަނީ ކޮށްފަ އެވެ.
ޓެސްޓުތަކުގެ ނަތީޖާ ދެއްކި ގޮތުން ގިނަ އެސްޓްރޮނޯޓުންނަށް ސިއްހީ މައްސަލަތައް ދިމާވަނީ ގްރެވިޓީގެ ބަދަލުގައި ސްޕޭސް ސޫޓުގެ ސަބަބުންކަން އެނގިގެން ދިޔަ އެވެ. ސަބަބަކީ ސްޕޭސް ސޫޓު ލައިގެން ހުންނަ ވަގުތު ގްރެވިޓީއާ ދެކޮޅަށް އެކަށީގެންވާ ވަރަށް މަސައްކަތް ކުރަން އުނދަގޫވެ އެވެ. ގްރެވިޓީގެ ބާރު ގަދައީ އެވެ. މިކަން އެގުނީ އާ ސްޕޭސް ސޫޓާއި ކުރީގެ ސްޕޭސް ސޫޓު އަޅާ ކިޔުމުގެ ތެރޭގަ އެވެ.
އެޕޯލޯ 11 އިގެ މިޝަންގައި ބައިވެރިވި ގިނަ އެސްޓްރޮނޯޓުން އެބުރި ދުނިޔެއަށް އައިރު ހިނގުމުގައ ދަތިތަކެއް ދިމާވި އެވެ. ނަމަވެސް އެއީ ކުޑަ ތަންކޮޅެއްގައި ގިނަ ދުވަހު އުޅެން ޖެހުމުން ވީގޮތެއް ކަމަށް ނާސާއިން އޭރު ބުންޏެވެ. ފަހުގެ ސްޕޭސް ސޫޓު ޓެސްޓު ކުރުމުގެ ތެރޭގައި ނާސާއަށް އެނގިގެން ދިޔައީ، ސްޕޭސް ސޫޓު ލައިގެން ހިނގުމަށް ދަތިތަކެއް ހުންނަ ކަމެވެ. ސްޕޭސް ސޫޓު ލައިގެން ހުރެ ހިނގަން ޖެހެނީ ފާޑަކަށް ފުންމައިގެންފައި ކޮރެއް ޖަހަމުންނެވެ. އެއީ ގްރެވީޓީއާ ދެކޮޅަށް ކުރާ މަސައްކަތަކަށް ވިޔަސް މިކަމުގެ ސަބަބުން ބައެއް އެސްޓްރޮނޯޓުން ވަނީ ނުކުޅެދޭ މީހުނަށް ވެފަ އެވެ.
މިހާރު ބޭނުން ކުރަމުންދާ ސްޕޭސް ސޫޓުގެ ރައްކާތެރިކަމާމެދު މިހާ ބޮޑެތި ސުވާލުތަކެއް އުފެދިފައިވާއިރު، ނާސާއިން ބުނަމުންދަނީ ބައިނަލް އަގްވާމީ ސްޕޭސް ސްޓޭޝަންގައި ތިބި އެ އިދާރާގެ އެސްޓްރޮނޯޓުންނަށް ފަހުގެ ސްޕޭސް ސޫޓު ފޯރުކޮށް ދިނުމަށް ދިގު މުއްދަތެއް ނަގާނެ ކަމަށެވެ. ނާސާއިން މިހާރު ނިންމާފައިވަނީ ސްޕޭސް ސްޓޭޝަންގައި ސްޕޭސް ސޫޓު ލައިގެން ހުންނަން ޖެހޭ ވަގުތު މަދު ކުރާށެވެ.