ރާއްޖޭގައި ކުޑަކުދިންނަށްކުރާ އަނިޔާގެ ގިނަ މައްސަލަތަކެއް ހުށަހެޅެމުންދާއިރު، އެފަދަ ކުދިންނަށް އިންސާފާއި ރާއްކާތެރިކަން ފޯރުކޮށްދިނުމުގައި މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރަންޖެހިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހާ ގުޅުވައިގެން އެޗުއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލާއި، ކުޑަކުދިންގެ އަދުލުގެ ބިލު ފާސްވެގެންދިޔުމާއެކު ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ.
ނަމަވެސް، އާއިލާގެ ފަރާތުންވާ އިހުމާލާއި، ކުޑަކުދިންނަށް ލިބޭ ނަފްސާނީ އަދި ޖިސްމާނީ އަނިޔާއާއި، އާއިލާގެ ފަރާތުންނާއި ނުދަންނަ ފަރާތްތަކުން ކުރާ ޖިންސީ އަނިޔާގެ ގިނަ މައްސަލަތައް އަދިވެސް ފެންމަތިވަމުންދާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި ދައުލަތުގެ މުއައްސަސާތަކުން ވާ އިހުމާލާއި، ކުޑަކުދިންނަށް ގަނާކުރާކަމަށް ބުނެ ހުށަހަޅާ މައްސަލަތައް ވެސް ހިމެނޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެގޮތުން އެޗުއާރުސީމުން ބުނީ ކުޑަކުދިންނަށްކުރާ އަނިޔާ ހުއްޓުވައި، އެކިއެކި ކުށްތަކުގައި ހައްޔަރުކުރެވޭ ކުޑަކުދިން ބަންދުގައި ތިބޭ ބޮޑެތި މީހުންނާ ވަކިން ބައިތިއްބާނެ އިންތިޒާމެއް އަދިވެސް ހަމަޖެހިފައި ނޯންނަކަމަށެވެ. އަދި ގާނޫނާ ހިލާފު އަމަލުތަކަށް ހުށަހެޅޭ ކުދިންނާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ކުށުގެ ވެއްޓާ ދުރުހެލިކޮށް، އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމައުއަށް ގެނައުމަށް ކަނޑައެޅިފައިވާ ނިޒާމު އިތުރަށް ހަރުދަނާ ކުރަންޖެހިފައިވާކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
"ހަމައެހެންމެ، އަނިޔާ ލިބޭ ކުދިންނަށް ބޭނުންވާ ނަފުސާނީ އެހީތެރިކަން ފަސޭހައިން ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރަމެވެ،" އެ ބަޔާނުގައި ބުންޏެވެ.
އޭގެއިތުރުން، ކުޑަކުދިންނަށް އަނިޔާކޮށްގެން ހުށަހަޅާ މައްސަލަތަކުގައި ތަހުގީގު މަރުހަލާ ލަސްވެ، މައްސަލައިގެ ހެކިގެއްލި، އިންސާފު ހޯދައިދިނުމަށް ހުރަސްއެޅެމުންދާ ކަން ފާހަގަކޮށް، އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް އިންސާފު ނުލިބޭ މައްސަލަތައް މުރާޖައާކޮށް، އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް އިންސާފު ހޯދައިދިނުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް އެ ކޮމިޝަނުން އިތުރަށް ބުންޏެވެ.
"ކުޑަކުދިންނަކީ ޤައުމުގެ މުސްތަގުބަލުކަމަށްވީ ހިނދު އަނިޔާއިން ކުޑަކުދިން ރައްކާތެރިކޮށް، އެކުދިންނަށް ލިބެންވާ ލޯތްބާއި، އަޅާލުމާއި، ރައްކާތެރިކަން ދިނުމަކީ މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ ޒިންމާއެއްކަމަށްދެކި، އެކުދިންނަށް ރައްކާތެރިކަންދިނުމަށް މައިންބަފައިން އަދި މުޖުތަމައުއިން މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއްކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ."
ޖެންޑާ މިނިސްޓްރީން އާއްމުކުރާ ތަފާސް ހިސާބުތަކަށް ބަލާއިރު، ކުޑަ ކުދިނަށް ކުރާ އަނިޔާ ދަނީ މަހުން މަހަށް އިތުރުވަމުންނެވެ.
އެގޮތުން، މިދިޔަ ސެޕްޓެމްބަރު މަހުގެ ރިޕޯޓަށް ބަލާއިރު ކުޑަ ކުދިނަށް ކުރާ އަނިޔާއާ ގުޅިގެން އެ މަހު ހުށަހަޅާފައި ވަނީ 125 މައްސަލައެކެވެ. އެއީ އޯގަސްޓު މަހު ހުށަހެޅި މައްސަލަތަކަށް ވުރެ 23 ޕަސެންޓުގެ އިތުރު ވުމުކެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު، ޖިންސީ ހާނީއްކައިގެ 24 މައްސަލައަކާއި ޖިސްމާނީ ހާނީއްކައިގެ 27 މައްސަލަ އެއް ރިޕޯޓު ކޮށްފައި ވެއެވެ. އަދި ކުޑަކުދިންނަށް އިހުމާލު ވުމުގެ 37 މައްސަލައެއް ވަނީ ހުށަހަޅާފައި ވެއެވެ.
އެހެން ކުދިންގެ ފަރާތުން ބުލީ ކުރި ހަތަރު މައްސަލައަކާއި، އިންޓަނެޓް މެދުވެރިކޮށް ބުލީ ކުރި ތިން މައްސަލަަ އެއް ރިޕޯޓު ކޮށްފައިވާއިރު ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުން ހިފުމުގެ ތިން މައްސަލައެއް ވެސް ހުށަހަޅާފައި ވެއެވެ.
އާއިލީ 26 މައްސަލައެއް މިދިއަ މަހު ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭ ކުދިންނާ ބައްދަލު ނުކުރެވޭތީ ހުށަހެޅި އަށް މައްސަލަ އަކާއި ކުދިން ބެލުމާ ގުޅޭ 12 މައްސަލައަކާއި ދަރިންގެ ހަރަދު ދިނުމުގައި ދިމާވާ ހަ މައްސަލައެއް ހިމެނޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މީގެ އިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ 41 މައްސަލަ ހުށަހަޅާފައިވާއިރު އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަ އެވެ. އޭގެ 12 މައްސަލަ އެއް މި މުއްދަތުގެ ތެރޭ ހުށަހަޅާފައިވެ އެވެ.
ނަފްސާނީ އަނިޔާގެ ނުވަތަ އަނގަ ބަހުން ކުރާ އަނިޔާގެ ނުވަ މައްސަލައަކާއި ޖިންސީ ހާނީއްކަ ކުރުމުގެ ފަސް މައްސަލަ އެއްވެސް ހިމެނެ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުން ވެގެން 16 މައްސަލައެއް ހުށަހަޅާފައިވާއިރު އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުން ވެގެން ހަތް މައްސަލަ ހުށަހަޅާފައިވެ އެވެ.
މީގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ ނުވަ މައްސަލަ އެއްވެސް މިދިޔަ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށްފައި ވެއެވެ.