ސިނަމާލެ ބްރިޖު މެދުވެރިކޮށް ކަރަންޓު ދޭ ހިންގާ ގްރޭޓާ މާލެ ކަރަންޓު ވިއުގަ ގުޅާލުމުގެ މަޝްރޫއުގެ 45 ޕަސެންޓް ނިމިއްޖެ އެވެ.
ސްޓޭޓް އިލެކްޓިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު ބުނި ގޮތުގައި ގްރޭޓާ މާލޭ ސަރަހައްދުގެ އާބާދީ ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމާއެކު، މި ސަރަހައްދުގެ ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވަމުންދާ ކަމަށާ، އެހެންކަމުން ޑިމާންޑާ އެއްވަރަށް ހިދުމަތްދޭން އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ ކުންފުނިން ބުނީ މި މަސް ނިމުމުގެ ކުރިން ހުޅުލޭގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ސަބްސްޓޭޝަންގެ ކޮންސްޓްރަކްޝަން މަސައްކަތް ފެއްޓޭނެ ކަމަށެވެ. އަދި އިންޓަކަނެކްޝަން ކޭބަލް މެދުވެރިކޮށް މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓް ވިއުގަ ގުޅުވާލެވިގެންދާއިރު، މި ތިން ސަރަހަށްދަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި މައި އިންޖީނުގެއެއްގެ ގޮތުގައި ބޭނުން ކުރަނީ އަލަށް އިމާރާތްކޮށްފައިވާ 50 މެގަވޮޓުގެ އައު އިންޖީނުގެ ކަމަށެވެ.
ސްޓެލްކޯ އިން ބުނީ މި މަޝްރޫއުގެ ސަބަބުން ކަރަންޓު ނެޓްވޯކު އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށެވެ. އެގޮތުން ކޭބަލް މެދުވެރިކޮށް މާލެ އާއި ހުޅުމާލެއާ ދެމެދު 50 މެގަވޮޓުގެ ކަރަންޓް ޓްރާންސްފާ ކުރެވިގެންދާއިރު 100 މެގަވޮޓާ ހަމަ އަށް ކަރަންޓް ދޫކުރުމުގެ ގާބިލުކަން މި ކޭބަލްގައި ހުންނާނެ ކަމަށެވެ.
"މި މަޝްރޫޢާއެކު ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި މިހާރަށްވުރެ ލުއި ފަސޭހަވެގެންދާނެ އެވެ. ވަކިން ހާއްސަކޮށް ޖަނަރޭޓަރުތައް އޯވަ ލޯޑުވެގެން ކަރަންޓު ކެނޑޭކެނޑުން ނިމުމަކަށް އައިސް، ޕަވާ ޝޯޓޭޖެއް އަތުވެއްޖެ ހާލަތެއްގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކަރަންޓު އަނބުރާ ފޯރުކޮށްދެވޭނެ،" ސްޓެލްކޯ އިން ބުނެފައިވެ އެވެ.
ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ ހަކަތައިގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފިފްތް ޕަވާ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭގައި އަލަށް ހަދާފައިވާ އިންޖީނުގޭގައި އެއް ފަހަރާ 8.9 މެގަވޮޓުގެ ކަރަންޓް އުފައްދާ ހަ ޖަނެރޭޓަރު ވަނީ ބަހައްޓާފަ އެވެ. މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު ހަރަދު ކުރާ ކަމަށެވެ.