ހަބަރު

ކްލިކް ކޮލެޖުން ސްކޫލް ނިންމާ ކުދިންނަށް އާ ދޮރެއް

Nov 19, 2019

އޯ ލެވަލް އަދި އޭލެވަލް ނިންމާ ކުދިންނަށް ކްލިކް ކޮލެޖުން ހާއްސަ ފުރުސަތު ތަކެއް ލިބޭ، އިވެންޓެއް ބާއްވަން ތައްޔާރު ވެއްޖެ އެވެ.

ކްލިކް ކޮލެޖުން "ނެކްސްޓް ސްޓެޕް" ގެ ނަމުގައި ދެ ދުވަހުގެ މުއްދަތަށް ކުރި އަށް ގެންދާ ހާއްސަ ކެރިއަ ގައިޑެންސް އިވެންޓް އޮންނާނީ މި މަހުގެ 24 އަދި 25 ވަނަ ދުވަހު ނޭޝަނަލް އާޓްގެލަރީގަ އެވެ.

އެ ކޮލެޖުން ބުނި ގޮތުގައި ސްކޫލްގަ އުޅޭ ދުވަސްވަރު ހުރިހާ ދަރިވަރުން ވެސް މަސައްކަތް ކުރަނީ އިމްތިހާނުގަ ރަނގަޅު ނަތީޖާއެއް ހޯދުމަށް ކަމަށާ، ނަމަވެސް އޯލެވެލް އަދި އޭލެވެލް ނިމުމުން ހުސްކޮށް ތިބެން ޖެހޭ ކަމަށެވެ. އަދި އެއަށްފަހު ބައެއް ކުދިން އިންތިޒާރު ކުރަނީ ނަތީޖާ ނުކުންނާނެ ދުވަހަކަށް ކަމަށެވެ. މި އިވެންޓުގެ މަގުސަދަކީ ކުދިންނަށް ދާނެ މަގެއް ނުވަތަ ކުރިއަށް ގެން އަޅަން ޖެހޭ ސްޓެޕް ކިޔައި ދިނުން ކަމަށެވެ.

"ބައެއް ކުދިން ތިބެނީ މަތީ ތައުލީމް ހާސިލް ކުރުމުގެ އުއްމީދުގަ އެވެ. ބައެއް ކުދިން ވަޒީފާ އެއް ހޯދުމަށް ނުކުމެ އެވެ. އެހެންނަމަވެސް ވަރަށް ގިނަ ފަހަރު މި ކުދިންނަށް ރާއްޖޭގައި ހުރި ފުރުސަތު ތަކެއް ނޭނގެ އެވެ. ރާއްޖޭގައި ވަޒީފާ އަދާ ކުރެވެން ހުރީ ކޮން ކަހަލަ ތަފާތު ދާއިރާ ތަކެއް ކަމެއް ނޭނގެ،" ކްލިކް ކޮލެޖުން ބުނެފައިވެ އެވެ.

"ނެކްސް ސްޓެޕް" ގެ ނަމުގައި ކްލިކް ކޮލެޖުން ބާއްވާ މި ހާއްސަ އިވެންޓުގައި ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން ބައިވެރިވެ އެވެ. އެ ފަރާތްތަކުގައި ހުރި ފުރުސަތު ތަކެއް ކިޔައިދޭނެ އެވެ. މީގެ އިތުރުން މި ވެންޓުގައި ސްޕީކާސްގެ ގޮތުގައި ވެސް މުހިންމު ބައެއް ފަރާތް ތަކުން ބައިވެރިވާނެ އެވެ. އަދި ވަޒީފާ އަކަށް ނުކުންނަ ކުއްޖަކަށް ބޭނުންވާ ބައެއް ހުނަރުތައް ކިޔައިދޭނެ އެވެ. މީގެތެރޭގައި އިންޓަވިއު ސްކިލްސް އާއި ސީވީ ހެދުމުގެ ސްކިލްސްގެ އިތުރުން ސިއްހީ ގޮތުން ބަހައްޓަން ޖެހޭ ރީތި އާދަތަކާއި މިނޫން ވެސް ހުނަރުތައް ހިމެނެ އެވެ.