ޔަގީނަށް ވެސް ދިވެހިންގެ ފެވަރިޓަކީ "ގޭމް އޮފް ތްރޯންސް" އެވެ. އެހެންވީމަ މި ސިލްސިލާގެ ނިމުނު ހިސާބާއި ކުރިއަށް އޮތް ސީޒަންގެ ވާހަކަ އިން ފަށައިގަންނަމާ ހިނގާށެވެ.
ކުރިއަށް އޮތީ މި ސިލްސިލާގެ ފަސް ވަނަ ސީޒަނެވެ. އަލަށް މި ސިލްސިލާ ބަލަން ޝައުގުވެރިވާ ފަރާތްތަކަށް ވެސް ދެ ތިން ޕެރެގްރާފު ހާއްސަކޮށްލަން ވާނެ ނޫން ހެއްޔެވެ؟
އެޗްބީއޯގެ މި ފެންޓަސީ ޑްރާމާ އަކީ ހައި-ފެންޓަސީ ވާހަކަ ލިޔުންތެރިޔާ ޖޯޖް އާރް އާރް މާޓިންގެ "އަ ސޯންގް އޮފް އައިސް އެންޑް ފަޔާ" ގެ އަސްލަށް އުފައްދަމުން އަންނަ ޑްރާމާއެކެވެ. ސިޔާސީ ކަތިލުމާއި ލޯބީގެ ކަތިލުންތަކުން ފުރިފައިވާ ވަރަށް ވެސް ފޯރިގަދަ ޑްރާމާ އެކެވެ.
ޑްރާމާއާ ބެހޭ މައުލޫމާތު ނޭނގޭ މީހުންނަށް މި ވަރުން މި ވަގުތަށް ފުދޭނެ އެވެ.
ދެން އޮތީ ހަތަރު ވަނަ ސީޒަން ނިމުނު ގޮތަށް ބަލާލުމެވެ.
ހަތަރު ވަނަ ސީޒަން ނިމިގެން ދިޔައީ ސިލްސިލާގައި ދައްކުވައިދޭ ލެނިސްޓާސްގެ މައި ތަނބު ކަމުގައިވާ، ޓައިވިން ލެނިސްޓާ އަށް އޭނާގެ ހަގު ދަރި، ޓީރިއޮން ލެނިސްޓާ ދިން ދުނިދަނޑީގެ ހަމަލާތަކާ އެކު އޭނާ ހަމަބިމަށް ތިރިކޮށްލުމަށް ފަހު އެވެ.
އިތުރަށް މައުލޫމާތު ބޭނުންވާ ނަމަ ޓީރިއޮން އެ ވަނީ ޖަލުން ފިލައިފަ އެވެ. އަދި އާރްޔާ ސްޓާކް ވެސް ވަނީ މުޅިން އާ ދަތުރެއް ފަށައިފަ އެވެ.
އެހެންވީމަ ކުރިއަށް އޮތީ މި ސިލްސިލާގެ ކޮން ބައިތަކެއް؟
ޕްލޮޓްގެ މާ ގިނަ މައުލޫމާތުތަކެއް ނޭނގެ އެވެ. ޕްލޮޓްގެ ރަހަ ހެޔޮވަރުކޮށްފައި ވަނީ "އަ ފީސްޓް ފޯ ކްރޯސް" އާއި "ދަ ޑާންސް ވިތު ޑްރެގަންސް" އިންނެވެ. މިއީ ހަތަރު ވަނަ ފޮތާއި ފަސް ވަނަ ފޮތެވެ.
އާ ސީޒަން ބެލުންތެރިންނާ ހަމަ އަށް އެނބުރި އަންނާނެ ކަމަށް ބެލެވެނީ އެޕްރީލް މަހު އެވެ. ނަމަވެސް އޭގެ ކުރިން މި ސީރީޒްގެ އާ އެޕިސޯޑެއް އަންނަ މަހު ބެލުންތެރިންނާ ހަމަ އަށް އަންނާނެ އެވެ.
ދެން ފަށަންވީ ކޮން ސީރީޒެއްގެ ވާހަކައިން ހެއްޔެވެ؟ "ހައުސް އޮފް ކާޑްސް" އަކީ ވެސް ފެވަރިޓެކެވެ.
ކުރިއަށް އޮތީ މި ސިލްސިލާގެ ތިން ވަނަ ސީޒަނެވެ. މިއީ ޕޮލިޓިކަލް ޑްރާމާ އެކެވެ. އެމެރިކާގެ ވައިޓް ހައުސްގެ ޕޮލިޓިކްސް އެވެ.
މިއީ ބީބީސީގެ "ހައުސް އޮފް ކާޑްސް" ގެ އަސްލަށް ހަމަ އެނަމުގައި ނެޓްފްލެކްސް އިން 2013 ވަނަ އަހަރުން ފެށިގެން ދައްކަމުން އަންނަ ޝޯ އެކެވެ. މި ޑްރާމާގައި ލީޑް ރޯލު ކުޅެނީ ކެވިން ސްޕޭސީ އެވެ.
"ހައުސް އޮފް ކާޑްސް" ގެ އާ ސީޒަންއެއްކޮށް ބެލުންތެރިންގެ އަތަށް އަންނަ މަހު އަރާނެ އެވެ. ދެ ވަނަ ސީޒަން ނިމިގެން ދިޔައީ އެމެރިކާގެ ރައީސް ކަމުގެ މަގާމާ ފްރޭންކް އަންޑަވުޑް (ސްޕޭސީ) ހަވާލުވާ ހިސާބުންނެވެ.
އެހެންވީމަ ކުރިއަށް އޮތް ޕޮލިޓިކްސް މާ ބޮޑަށް ވެސް ފޯރިގަދަވާނެތާ އެވެ.
"ދަ ވޯކިން ޑެޑް" އަކީ ދިވެހި ބެލުންތެރިންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ އަނެއް ޑްރާމާ އެވެ. އޭއެމްސީގެ މި ޑްރާމާގެ ކުރިއަށް އޮތީ ހަ ވަނަ ސީޒަނެވެ. އެކަމަކު އެންމެ އުފާވެރި ޚަބަރަކީ މި ސިލްސިލާ އޭގެ 11 އަދި 12 ވަނަ ސީޒަނާ ހަމަ އަށް ވެސް ކުރިއަށް ގެންދަން އޭގެ ޕްރޮޑިއުސަރުން ޝައުގުވެރިވާ ކަމެވެ.
ކުރިއަށް އޮތް ސީޒަން ޕްރިމިއާކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ އަށެއްގަ އެވެ.
"ބެޓާ ކޯލް ސޯލް" އަކީ މި އަހަރު ފަށާ އާ ޑްރާމާތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އެއް ޑްރާމާކަން ޔަގީނެވެ. މިއީ މަޝްހޫރު "ބްރޭކިން ބޭޑް" ނިންމާލުމަށް ފަހު އޭގެ ޓީމުން ގެނެސްދޭ ސްޕިންއޮފެކެވެ. "ބެޓާ ކޯލް ސޯލް" ގެ އަސްލު ގުޅިފައި ވަނީ "ބްރޭކިން ބޭޑް" ގައި ފެނިގެން ދިޔަ ކްރިމިނަލް ލޯޔަރު ސޯލް ގުޑްމަންއާ އެވެ.
އާ ސީރީޒްގައި ދައްކުވައި ދޭނީ "ބްރޭކިން ބޭޑް" ގައި އޭނާ އަށް ދިމާވި ކަންތައް ލައިގަތުމުގެ ހަ އަހަރު ކުރިން އޭނާ އުޅުނު ގޮތެވެ. މިއީ ބްލެކް ކޮމެޑީ އެކެވެ. ޕްރިމިއާކުރަން ހަމަޖެހިފައި ވަނީ "ވޯކިން ޑެޑް"އާ އެކު އަންނަ މަހުގެ އަށް ވަނަ ދުވަހު އެވެ.
މަޝްހޫރު އެހެން ޑްރާމާތަކަށް ބަލާއިރު "ޑައުންޓޮން އަބޭ" ޕްރިމިއާކުރަން ހަމަޖެހިފައި ވަނީ މިއަދު އެވެ. ފޮކްސްގެ "ގޮތަމް" މާދަމާ ޕްރިމިއާކުރާއިރު "ސްލީޕީ ހޮލޯ" ގެ އާ ސީޒަން ވެސް މާދަން އެނބުރި އަންނާނެ އެވެ.
ފިނި ހަނގުރާމައިގެ ދުވަސްތަކާ އެކު "ދަ އެމެރިކަން" ސީޒަން ތިނެއް ޕްރިމިއާކުރާނީ މި މަހުގެ 28ގަ އެވެ. އޭބީސީގެ "ގްރޭއިސް އެނަޓޮމީ" ވެސް ހަމަ އެ ދުވަހު އެވެ.
"ދަ ފޮލޯވިން" ގެ ސީޒަން ތިނެއް ޕްރިމިއާކުރަން ހަމަޖެހިފައި ވަނީ މާޗް ދޭއްގަ އެވެ.