ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(17 ނޮވެމްބަރ 2019 އާ ގުޅޭ)

"ކުރީން ވެސް ލިއަމްއަށް ތިގޮތް އޮތް، އޮފީހުން އަވަހަށް އާދެވޭނެކަން މިހާރު އެބައިނގޭ، ރޭގަނޑު ދަންކޮށްފައި އޮފީހަށް ނުނިކުތަސް މަސައްކަތް ވެސް އެބަކުރެވޭ" ހިތްހަރުކޮށްލުމާއެކު ހޭޒަލް ބުނެލިއެވެ. އެއާއެކު ލިއަމްގެ ރުއިން ވަކިން ގަދަވިއެވެ. ހޭޒަލްގެ ގައިގާ ވަކިން ބޮޑަށް ބައްދާލިއެވެ. ހޭޒަލްގެ ފުރަގަހުން ކަނދުރާގައި މޫނު ފޮރުވާލައިގެން އޮވެ ލިއަމް ރޮމުން ދިޔައެވެ.

ހޭޒަލް އެއްޗެކޭ ބުނަން އުޅެފައި ވެސް ނުބުނީ އިތުރަށް ލިއަމްގެ ހިތުގައި ނުޖައްސަންވެގެންނެވެ. އޭނާ ގިސްލާ ރޯތަން ދުށުމަކީ ހޭޒަލްގެ ހިތަށް ކުޅަދާނަ މަންޒަރެއްނޫނެވެ. ގަސްދުގައި ލިއަމްގެ ހިތުގައި ޖެއްސުމަކީ ދުވަހަކުވެސް ހޭޒަލް ނުކުރާނެކަމެކެވެ. އެ ދެ މީހުންގެ ދެމެދަށް ދުރުކަމެއް ގެންނަން ހޭޒަލްއަށް ޖެހުނީ ލިއަމްއަށް އެއްޗެއް ވިސްނައިދިނުމުގެ ނިޔަތުގައެވެ. އެފަދަ ނިންމުމެއް ނިންމިއިރު ދުރުކަން ގާތްކަމަށް ބަދަލުނުވެދާނޭތީ އެކަމާ ވެސް ހޭޒަލް ވަރަށް ވިސްނިއެވެ. ލިއަމްގެ މައްޗަށް ތުހުމަތުތަކެއް ކުރުމަކީ އެކަމުން ޚުދު ހޭޒަލްގެ ހިތަށް ވެސް ވޭންލިބޭ ކަމެކެވެ. އެ ދެމެދުގައި އޮތް އިތުބާރާއި ލިއަމްގެ މައްޗަށް އޮތް ޔަގީންކަމުގެ ބާރު ދަށްވެގެންދާ ކަމެވެ. އެކަމަކު މިއަދު ހޭޒަލްގެ އަތުގައި ލިއަމްގެ މައްޗަށް ކުރެވޭ ތުހުމަތުތައް ފިޔަވާ އެއްވެސް އެއްޗެއް ނެތެވެ. ލިއަމްއަކީ ބޭވަފާތެރިއެކޭ ބުނެ ދައްކާނޭ ހަޤީޤީ ހެކިތަކެއްނެތެވެ. ކަންކަން ސިއްރުކުރުމާއެކު ފާފަތަކަށް އަރައިގަނެ އެކަން ލިއަމް ފަރުދާކުރާހެން ހީވިޔަސް އެކަމާ ދެކޮޅަށް ހޭޒަލްއަށް ބުނެވޭނޭ އެއްޗެއް ނެތީ އެހެންވެއެވެ. ކުށުގެ ފަރުދާގެ ތެރެއިން ލިއަމްގެ ހަޤީޤީ ކުލަ ކަޝްފު ކުރުމަށް ހުރި އެންމެ ބޮޑު ހުރަހަކީ އޭނާ އަދާކުރާ ވަޒީފާއާއި އޭނާގެ މަޤާމެވެ. ފުލުހުންގެ އޮފިސަރެއްގެ ރޭންކުގައި ހުރެ އޭނާ މަސައްކަތްކުރާ ޑިޕާޓްމެންޓުގެ ގޮތުން ވެސް އެތައް ބައިވަރުކަމެއް ސިއްރުކުރަން ޖެހޭކަން ހޭޒަލްއަށް އެނގެއެވެ. ދެ މީހުން ކައިވެނިކޮށްގެން ފުރަތަމަ ދެ އަހަރުތެރޭ އޮފީހުގައި ހިނގާ ކަންކަން ކޮންމެވެސް ވަރަކަށް ހޭޒަލްއަށް ލިއަމް ކިޔައިދީ ހެދިއެވެ. ނަމަވެސް މަޑުމަޑުން އެކަން ހުއްޓުނީއެވެ. އެއީ ކީއްވެކަމެއް ހޭޒަލްއަކަށް ނޭނގެއެވެ. މަޤާމުގެ ކުރިއެރުން ލިބެމުންދިޔަ ވަރަކަށް މަސްއޫލިއްޔަތުތައް އިތުރުވާކަން ލިއަމް އައީ ބުނަމުންނެވެ. ގިނަ ވަގުތު އޮފީހުގައި އުޅެން ޖެހެނީ އެހެންވެކަން އޭނާ އައީ ތަކުރާރުކޮށް ބުނަމުންނެވެ. އިތުބާރުކުރެވޭލެއް ބޮޑުކަމުން ހޭޒަލް ސުވާލެއްކުރަން ހިތަށް ވެސް ނާރައެވެ. ނަމަވެސް ހުރިހާ ވަހުމްތަކެއްގެ ފެށުންކަމުގައި ހޭޒަލްއަށް ޤަބޫލުކުރެވެނީ ފުރަތަމަ ފަހަރަށް ލިއަމް ދުރުގައި ހުންނަން ޖެހުމުންނެވެ. ރާއްޖޭން ބޭރަށް ލިއަމް އޮފީސް ފަރާތުން ދާން ޖެހުނަސް އަތޮޅުތެރެއަށް ދާން ޖެހުނު އެއީ ފުރަތަމަ ފަހަރެވެ. ލޮލަށް ފެނުނު ކަންކަން ނުފެންނަ ކަމަށް ހަދާނޭ ގޮތެއް ހޭޒަލްއަކަށް ނޭނގެއެވެ. އޭގެ ފަހުން އެ ދެމެދުގައި އޮތް ގުޅުމުގައި ރެދުލައިފިކަން ގައިމެވެ. މަޢާފާއެކު އެ ރެނދު ބެދުނެއްކަމަކު އޭގެ އަސަރު ފިލައިގެނެއް ނުދިޔައެވެ. އެހެންޏާ ވިސްނުން ނުހިންގޭ ކިތަންމެ ދިމާއަކަށް ހޭޒަލްގެ ވިސްނުން ހިނގައްޖެއެވެ. ލިއަމްގެ ވަޒީފާގެ ގޮތުން އޭނާއަކީ ޢާންމު މީހަކަށްވުރެ ކުށުގެ ވެއްޓަށް ތަންދޮރު އޮޅުންފިލާފައި ހުރި މީހަކަށްވާނޭކަން ޔަގީނެވެ. އެތައް "ނެޓްވޯކް"ތަކާ އޭނާ ގުޅުން ބަދަހިނުކުރާ ކަމެއް ވެސް ނޭނގެއެވެ. ކަންކަމުގައި މަގުފަހިކޮށްދޭނޭ އެތައް ބަޔަކު ގާތުގައި ނޫޅޭކަމެއް ވެސް ނޭނގެއެވެ. ވީއިރު ކަމެއްގައި ބެދިދާނޭތީ އޭނާ އެހެން އެއްވެސް މީހަކަށްވުރެ ބޮޑަށް ސަމާލުވާނޭކަން ކަށަވަރެވެ.

ފިނިނޭވާއެއް ހޭޒަލް ދޫކޮށްލިއިރު އޭނާގެ ސިކުނޑިވަނީ ވަރުބަލި ވެފައެވެ. އޭނާގެ އަމިއްލަ ޟަމީރާއި ހިތާއި ސިކުނޑިއަކީ އެއް ހަށިގަނޑުގައިވާ ތިން މީހުން ފަދައެވެ. އެ ތިންމީހުން ގޮތް ނިންމަނީ ތިންގޮތަށެވެ. ފިކުރުބޮޑުވުމުން ހަށިގަނޑަށް ލިބޭ ލޮޑުކަން އިތުރުވެއެވެ. އެކަމަކު މިއަދު ވިސްނާ ފިކުރުނުކޮށް ވާކަށް ނެތެވެ. ހޭޒަލްގެ ދިރިއުޅުން އަނދިރި އަނދަވަޅަކަށް ބަދަލުވާކަށް އޭނާ ނޭދެއެވެ. ލިއަމް ރަނގަޅު މަގަށް އެޅިއްޖެނަމަ އޭނާގެ ޢަމަލުތައް އިސްލާހުވާނޭކަން ހޭޒަލް ޤަބޫލުކުރެއެވެ. ދީނީ ކަންކަމަށް ނަފްސު ހޭނިއްޖެނަމަ ކުށްފާފައާ އެ ނަފްސު ދުރުވާނެކަން ޔަގީނެވެ. ލިއަމްއަށް ދެވަނަ ފުރުޞަތެއް އޭނާ އެ ދިނީ އެހެންވެއެވެ. ﷲގެ ރަހުމަތުން ބޭރުވެފައިވާ މީހަކު ކަމުގައި އަމިއްލަ ފިރިމީހާވުން އެދޭނީ ކޮން އަނތްބެއް ހެއްޔެވެ. ހޭޒަލް ވަކީލުކުރަނީ ﷲ އަށެވެ. އޭނާ އެ ކައިވެނި ސަލާމަތްކުރުމަށް ޓަކައި ވާގިއެދެނީ އެކަލާނގެ ހަޟްރަތުންނެވެ.

ލިއަމްގެ ރުއިން ހުއްޓި ގިސްލުމެއްނޫނީ ނީވެއެވެ. އޭނާ މަޑުމަޑުން އެނދުން ފައިބަން ފެށުމުން ހޭޒަލްއަށް ފަހަތަށް އެނބުރިލެވުނެވެ. ލިއަމް ގޮސް ވަނީ ފާޚާނާއަށެވެ. އޭނާ އެވަރަށް ރުއި އިރު ވެސް އަޅާނުލެވުމުން ހޭޒަލް އޮތީ މާޔޫސްވެފައެވެ. ކަންތައް މިކުރެވެނީ ރަނގަޅަށް ބާއޭ އެތައް ފަހަރަކު އަމިއްލަ ނަފްސާ އޭނާ ސުވާލުކުރެއެވެ. އެ ވިސްނުމުގައި އޮއްވަ ލިއަމް ފާޚާނާއިން ނުކުމެގެން އައިސް އެނދަށް އެރިއެވެ. ކޮޓަރީގައި ހުރި ފަނޑު އަލީގެ ތެރެއިން ލިއަމްގެ ރަތްވެފައިވާ މޫނު ފެނުމުން ހޭޒަލްގެ ހިތް ބާރަށް ރޯލިއެވެ. ނޭފަތުގެ ކޮޅުގައި ހުރި ރަތްކަން ވަކިން ގަދައެވެ. ހީވަނީ އެއައީ ނޭފަތް ފޮޅައިގެން ހެންނެވެ. ނިތްކުރިމަތިން އިސްތަށިތަކުގައި ތެތްކަން ހުރުމުން އެ އައީ މޫނު ވެސް ދޮވެގެކަން ހޭޒަލް ދެނެގަތެވެ. ހޭޒަލްއަށް ފުރަގަސްދޭން ލިއަމް އުޅުމުން އޭނާގެ ކޮނޑުގައި ހިފެހެއްޓިއެވެ. ލޯތްބާއެކު ލިއަމްގެ ނިތްކުރިމަތީގައިވާ އިސްތަށިކޮޅުތައް އެއްފަރާތްކޮށްލައި އެ މޫނުގައި ހޭޒަލް ފިރުމާލިއެވެ.

"މެރީކޮށްގެން މީހާ ދުވަހު އުޅުނުއިރު ބަދަލުތަކެއް އަންނާނެކަން އެނގޭ، އެކަމަކު ދެ މީހުންނަށް އެކަކުއަނެކަކު ނޭނގޭވަރަށް ބަދަލުވާންވީ ކީއްވެ؟... ލިއަމްއަށް އަހަންނަށް އިތުބާރެއްނުކުރެވޭތަ؟ މީހުން ކިޔާހެން، އަންހެނަކަށްވީތީ އަހަންނަށް ވެސް ސިއްރު ނުހިފެއްޓޭނެޔޭ ލިއަމްއަށް ހީވަނީތަ؟... އެހެންވެތަ އަހަރެން ގާތު އެއްވެސް ވާހަކައެއް ނުބުނަނީ... އަހަރެމެން ދެމެދަށް ލިއަމްގެ އޮފީސް އެންމެ ބޮޑަށް ވަންނަނީ، އޮފީހަށޭ ބުނެ ގޮސް ލިއަމް ކޮންމެފަދަ ކަމެއް ކުރިޔަސް އަހަރެން ހުންނަނީވީތަ އަނގައިން ނުބުނެ... މިހާ ދުވަސްވީއިރު އަހަރެން ނުބެހެމެންނު ލިއަމް އަދާކުރާ ވަޒީފާއަކާ... ގެއަށް އަންނައިރު ވަރުބަލިވެގެން ހަލާކުވާވަރުވެފައި ލިއަމް ހުއްޓެއްކަމަކު އަހަރެން ބައިވެރި ސުވާލުތަކެއް ނުކުރަމެންނު، އެންމެ ބޮޑުވަރު ވެގެން ވެސް އަހަންނަށް ބުނެވިފަ ހުންނާނީ... މިއަދު މާ ބުރައީ ހޭ... ލިއަމް ހޫނއެކޭ ލައްވާލީމަ އަހަންނަށް ޖަވާބު ލިބުނީކަމުގައި ހީކޮށްލާ އެ ހިސާބުން ހުއްޓާލަނީ، އަހަންނަކީ އެއްވެސް އިރަކު ބޭކާރު އަނގަތަޅާ މީހެއްނޫން..." ހޭޒަލް ވާހަކަ ދެއްކީ ވަރަށް މަޑުމަޑުންނެވެ. އޭރު ވެސް އޭނާ ލިއަމްގެ ތުނިކޮށް ހުރި ތުނބުޅީގައި ފިރުމައެވެ.

"ދެން އަހަރެން އެއްވެސް ކަމެއް ޒެއްލުއަށް ސިއްރެއްނުކުރާނަން، ގޯޑް ޕްރޮމިސް... އަހަރެން ގަސްދުގައި ކަންކަން ކިޔާ ނުދެނީއެއްނޫން، ކުރީން ވެސް ބުނިހެން އޮފީހުގެ ވާހަކަތައް ގެއަށް އައިސް ދެއްކުން މުހިންމުކަމަކަށް އަހަންނަށް ނުވާތީ ނުދެއްކެނީ.... އަހަރެން ނޯންނާނެ ޒެއްލުއަށް ސިއްރުން ކަމެއްކޮށްފައެއް، އަހަންނަށް ޔަގީން ކޮންމެވެސް މީހަކު ޒެއްލުގެ ބޮލަށް އެރެނީކަން، ފާޑުފާޑުގެ ވާހަކަދައްކައި އަހަރެންގެ މައްޗަށް ޒެއްލު ފޫހިކުރުވަން އެ އުޅެނީ... އެމީހަކު އެނގިއްޖެއްޔާ ހޭއަރުވާލާނަން، އެހެން އަދި އަހަންނާ އަހަރެންގެ އަންހެނުން ވަތްކެއް ނުކުރެވޭނެ، ޒެއްލު ޕްލީޒް... ކަމަކާ ޑައުޓްވެއްޖެއްޔާ އަހަރެން ގާތު އަހާ، ހަމަހުވާ ހުރިހާކަމެއް ކިޔައިދޭނަން، އެއްވެސް ކަމެއް ސިއްރެއްނުކުރާނަން، އަހަރެން ކުރާ ހުރިހާކަމެއް ޒެއްލުއަށް އެނގޭނެ މީގެ ފަހުން" ހޭޒަލްގެ އުނަގަނޑުގައި ހިފާ ގާތްވެލަމުން ލިއަމް ވާހަކަދެއްކިއެވެ.

"ލިއަމްއަށް އެނގޭތަ؟ ހުރިހާ ޚަރަދެއް ލިއަމް ބަލަހައްޓާއިރު އަހަންނަކަށް ނޭނގެ އަހަރެންގެ ފިރިމީހާއަށް ލިބޭ މުސާރަ ވެސް، ލިބެނީ ކިހާ ވަރެއްކަމެއް... ގެއަށް ޚަރަދުވަނީ ކިހާ ވަރެއްކަމެއް، އެހެން ކަންކަމުގައި ޚަރަދުވަނީ ކިހާ ވަރެއްކަމެއް، ބައެއްފަހަރު ހިތަށް އަރާ އަހަރެން ވެސް ވަޒީފާއަކަށް ދާންވީއޭ" ހޭޒަލްއަށް ނޭނގި އޮތް ކަމެއް ފާހަގަކުރިއެވެ.

"ބޭބީ އެކަހަލަ ކަންކަމާ ނުވިސްނަބަލަ، އަހަރެން ހުރިހާ ކަމެއް މެނޭޖުކުރަމެންނު... ޒެއްލުއަށް އެއްވެސް ކަމެއް ނުވެފައެއް ނުހުރެއެއްނު، ޒެއްލު ޖޮބަކަށް ދާނެކަމެއްނެތް، އޮފީހަކަށް ގޮސް މަސައްކަތާ ހެދި ޒެއްލު ސްޓްރެސްވާކަށް އަހަރެން ބޭނުމެއްނޫން، ޕްލީޒް ބޭބީ... އަހަރެން ބޭނުމެއްނޫން ޒެއްލު ޖޮބަކަށް ފޮނުވާކަށް، ގޭގަ ހުއްޓަސް ޒެއްލުއަށް ހުރިހާކަމެއް އަހަރެން ކޮށްދެމެންނު، އިރާދަކުރެއްވިއްޔާ ޒެއްލު ދުވަހަކު ވަޒީފާއެއް އަދާނުކުރިޔަސް އަހަންނަށް ޒެއްލު ބެލޭނެ" ހޭޒަލްގެ ކޯތާފަތުގައި ލިއަމް ބޮސްދިނެވެ. މިފަހަރު އޭނާގެ އެ ޢަމަލު ހޭޒަލް ނުހުއްޓުވައެވެ.

"އަހަރެން ބޭނުން ހުރިހާ ޚަރަދުތަކެއް ބަލަން" ހޭޒަލް ބުންޏެވެ. އޭނާގެ ހަމައެކަނި މަޤުޞަދަކީ ގެއަށް ޚަރަދުވާވަރު ބެލުމެއްނޫނެވެ. ލިއަމްގެ މުސާރައަށް ވާގޮތެއް ހޯދުމެވެ. މަސްނިމޭއިރު ހުންނަނީ ކިހާވަރެއްތޯއާއި ލިއަމް ޚަރަދު ކުރަނީ ކޮންކޮން ކަންތައްތަކަށްތޯ ބެލުމެވެ. ހޭޒަލްގެ ބަހަށް ލިއަމް އެއްބަސްވިއެވެ. އޭނާ އެއްވެސް ކަމެއް ސިއްރުނުކުރާނަމޭ ބުނަމުންނެވެ.

"ލިއަމް ނަމާދުކުރަން ފެށީމަ ވަރަށް އުފާވި، އޮފީހުގައި އުޅޭއިރު ކުރަންތަ؟ ނޫނީ ގެއަށް އާދެވުނީމަ އެކަނިތަ ތިކުރަނީ" ހޭޒަލް އަހާލިއެވެ.

"ތެދަށް ބުނަންޏާ ބަރާބަރަށް ނުކުރެވޭ... އެކަމަކު އަހަރެން މަސައްކަތްކުރާނަން ޤަވައިދުން ހުރިހާ ނަމާދެއް ކުރަން، އަހަންނަށް އެނގޭ މާބޮޑަށް އަހަރެން ފަރުވާކުޑައީކަން، އެކަމަކުދެން އެހެނެއްނުވާނެ... ނަމާދަށް ފަރުވާތެރިވާނަން، ޒެއްލު!... ޕްލީޒް ސްޓޮޕް ސެއިން އަހަރެން ބަދަލުވެއްޖޭ... އަހަރެން ބަދަލެއްނުވަން، އަދިވެސް މީ ޒެއްލުގެ ލިއަމް، އަހަރެން ދުވަހަކުވެސް ޒެއްލުއާ ދުރެއްނުވާނަން، ޒެއްލުއަށް ދެރަގޮތެއްވިޔަ ނުދޭނަން... އެއަށްވުރެ މާ ބޮޑަށް ލޯބިވޭ ޒެއްލުދެކެ" ލިއަމް ގެނައި ހަރަކާތަކާއެކު އޭނާގެ ގައިގާ ހޭޒަލް ތަތްކޮށްލިއެވެ. އަދި ހޭޒަލްގެ މޭގައި ލިއަމް މޫނު ފޮރުވާލައިގެން އޮތެވެ.

* * * * *

ފާއިތުވަމުން ދިޔަ ދުވަސްތަކާއެކު ދިރިއުޅުން ވެސް ކުރިއަށް ދިޔައެވެ. ހޭޒަލް ދިން ފުރުޞަތާއެކު އޭނާ ޝަކުވާކުރާނޭ ޖާގައެއް ލިއަމް ނުދެއެވެ. ފުރިހަމަ އެއްމަހަށްފަހު އަލުން އެ ދެމަފިރިންގެ ގުޅުން ރަނގަޅުވެ އާދައިގެ އުޅުމަށް ބަދަލުވެއްޖެއެވެ. ކުރިއާ ޚިލާފަށް ލިއަމް އޮފީހަށް ދިއުމަށްފަހު ހޭޒަލްއަށް ގުޅާލެއް ގިނައެވެ. އެހެންޏާ ލިއަމް ބިޒީއޭ ބުނެ ވާހަކަނުދައްކާ ވަގުތުތަކުގައި ހޭޒަލްއާ ވާހަކަދައްކައެވެ. ފޯނު ނުނެގިއްޖެނަމަ އަވަހަށް މެސެޖު ކުރެއެވެ. ފިރިމީހާގެ ފުށުން ފެންނަމުންދިޔައީ ހިތް ރުހޭ ފަދަ އުފާވެރި ބަދަލެކެވެ. ހޭޒަލްއަށް ދެރަގޮތެއް ލިއަމް ނުހަދާނޭކަން ޤަބޫލުކުރަން އަމިއްލަ ނަފްސަށް ހޭޒަލްއަށް މަޖުބޫރުވީ ލިއަމްގެ ހެޔޮ ބަދަލު ފެނިއެވެ.

ހޭޒަލް ގެއިން ނުކުތީ ލިއަމް އަންނަން ވާއިރަށް މީރު ކާއެއްޗެއް ހަދަން ބޭނުންވާނޭ އެއްޗެހި ގަންނާށެވެ. ދޮރޯށިން ނުކުމެވުނު ހޭޒަލްގެ ކުރިމައްޗަށް އެ މަގަށް ވަން ސައިކަލެއް މަޑުކޮށްލިއެވެ. އެހާ ކައިރީގަ މަޑުކޮށްލުމުން ހޭޒަލްއަށް ބޭއިޚްތިޔާރުގައި އެއްކޮށް ނުލެއްޕި ހުރި ދޮރޯށިން އެތެރެއަށް ޖެހިލެވުނެވެ.

"ހޭ ބިއުޓިފުލް" އިވުނީ ސައިފްގެ އަޑެވެ.

"ސައިފް..." ހޭޒަލް ގޮވާލިއެވެ. ދޮރުމަތީ ސައިކަލު މަޑުކޮށްލި ގޮތަށް ސައިފް އިނީ ނިކަން ހިނިއައިސްފައި ހޭޒަލްއަށް ބަލާށެވެ.

"ފިލައިގެންނު ތިއުޅެނީ، އަހަންނާ ވާހަކަނުދައްކަންވެގެން ދޯ އަލުން ބުލޮކް ކޮށްލީ..." ސައިފްއަށް ޖަވާބު އެނގޭއިރު ވެސް އަހާލިއެވެ.

"އެހެނެއްނޫން... ދެން މިހާރު އެހެން ވާހަކަދައްކާކަށް ވަގުތެއްނުވޭ" ހޭޒަލް ބުނެލީ ކުޑަކޮށް ހިނިތުންވެލައިގެން ހުރެއެވެ.

"އަދިވެސް ހާދަ ރީއްޗޭ" ހޭޒަލްގެ ހަށިގަނޑަށް މަސްތީގޮތަކަށް ބަލާލައި ސައިފް ބުނެލިއެވެ.

"ކޮބާ ދަރިފުޅު؟ ރަނގަޅުތަ؟..." ހޭޒަލް އަހާލީ ސައިފް ދައްކަން އުޅުނު ވާހަކައެއް ހުއްޓުވާލުމަށެވެ.

"އާން، އޯކޭ..." ހޭޒަލް ކުރި ސުވާލަށް ޖަވާބު ދިނެއްކަމަކު ސައިފްގެ މޫނުން ގަޔާނުވާކަމުގެ އަސަރު ފާޅުވެލިތަން ހޭޒަލް ދުށްޓެވެ. ސައިފްގެ އުޅުމާމެދު ހޭޒަލްގެ ޟަމީރު އަޑުލައިގަތެވެ. އެހެންނަމަވެސް އޭނާ އެކަމުގެ އެއްވެސް އަސަރެއް ސައިފްއަކަށް ނުދެއްކިއެވެ. އޭނާގެ ކިބައިން ސަލާމަތްވެގެން ހޭޒަލް ބެލީ އޭނާ ގެއިން ނުކުތް ބޭނުން ފުއްދުމަށެވެ.

ގޭކައިރީ ހުންނަ ބޮޑު ސުޕާމާކެޓަށް ހޭޒަލް ވަދެވަދެ ހުއްޓާ ޖީންސުގެ އަރިމަތީ ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށިއެވެ. ފޯނު ނަގާ ބަލާލިއިރު ގުޅަނީ ލިއަމްގެ މަންމައެވެ. އެ ކޯލަށް ޖަވާބު ދިނުމެއްނެތި ހޭޒަލް ވައިބްރޭޓް ކަނޑާލިއެވެ. އެ ދެމަފިރިންގެ ޚަބަރެއްނުވެގެން މުހުސިނާ ވަރަށް ގިނައިން ގުޅައެވެ. ލިއަމްއަށް ގުޅާ ފޯނު ނުނެގުމުން އޭނާ ދެން ގުޅަނީ ހޭޒަލްއަށެވެ. މުހުސިނާއަށް ޖަވާބެއްދިނުން ހޭޒަލްއަށް ފަސޭހައެއްނޫނެވެ. އޭނާ ބޭނުންވަނީ މުހުސިނާގެ ސުވާލުތަކަށް ލިއަމް ޖަވާބެއް ދޭށެވެ. އެއީ ލިއަމްގެ މަންމައެވެ. އެ މަންމައާ ވާހަކަދައްކަން ފަސޭހަވާނީ ވެސް ލިއަމްއަށް ކަމަށް ހޭޒަލް ޤަބޫލުކުރެއެވެ.

ވިޔަފާރިކޮށްގެން ގެއަށް އައިއިރު މުހުސިނާ ހަތަރު ފަހަރު ގުޅާފައި އޮތެވެ. އެހެންވެ އެޕާޓްމެންޓަށް ވަދެވުނު ގޮތަށް ހޭޒަލް ގުޅީ ލިއަމްއަށެވެ. އޭނާ ފޯނުކޯލަށް ވަގުތުން ޖަވާބު ދިނެވެ. މުހުސިނާ ވަރަށް ގިނަފަހަރު ގުޅިކަން ލިއަމްއަށް ހޭޒަލް ހާމަކުރިއެވެ. ގޭގައި ކަމެއް ދިމާވެގެން އުޅެނީތޯ ހޭޒަލް ސުވާލުކުރިއެވެ. އޭނާގެ ޖަވާބަކަށްވީ މުހިންމުކަމެއް ދިމާވެގެން އުޅޭނަމަ އޭނާގެ ފޯނަށް މަންމަ ނޫނީ ބައްޕަ ގުޅާނެކަމެވެ. އެމީހުން ނުގުޅީވިއްޔާ ގޭގައި ދެން ތިބި ބަޔަކު ވެސް ގުޅާނޭ ކަމެވެ. މުހުސިނާ ޝަކުވާކުރާނޭވަރު އެނގޭތީ އޭނާއާ ވާހަކަދައްކާކަށް ނުކުރޭނެއޭ ހޭޒަލް ބުންޏެވެ. ހަވީރު އޮފީހުން އައިސް މުހުސިނާއަށް ގުޅާލާނީ ކަމަށް ލިއަމް ޚިޔާލު ދިނެވެ. އަދި މުހުސިނާ ކަންތައްބޮޑުކޮށްލައިފިނަމަ އެކަމާ ލިއަމް ކުރިމަތިލާނަމޭ ބުނެލީ އަމިއްލައަށެވެ.

* * * * *

ފޯނު ބާއްވާލުމާއެކު އެނދުގައި އޮތް ދާރިއަން އެނބުރިލީ ކޮޓަރިއަށް މީހަކު ވަންކަން އެނގިގެންނެވެ. އޭނާގެ ބޮލުގައި ރިއްސާތީ މެންދުރުވާންވީއިރު އޮފީހުން ގެއަށް އަތުވެއްޖެއެވެ. އޭނާ ހީކުރީ އިބާ އައީކަމަށެވެ. ނަމަވެސް ނަޒަރު ސީދާވީ ކޮޓަރިއަށް ވަން ސާރާއާއެވެ.

"ރިއާންގެ ހާލު ބަލާލަން މިއައީ... މީ ރިއާން މަންމަ ދިން ޖޫސްތަށްޓެއް، ރިއާންއަށް ގެންގޮސްދޭށޭ ބުނީ" ސާރާ ބުނެލިއެވެ. ދާރިއަން ބޯޖަހާލުމުން ސާރާ އައިސް ދާރިއަންގެ މަގަތުން އެނދުގައި އިށީނދެ އަތުގައި އޮތް ޖޫސްތަށި ދިއްކޮށްލިއެވެ. ދާރިއަން ތެދުވެ ފާރުގައި ބުރަކަށި ޖައްސާލައި ކައިރީގަ އޮތް ބާލީސް ގެނެސް އުނގުމަތީ އަޅާލިއެވެ. އަދި އަތުގައި އޮތް ފޯނުގެ އިސްކުރީނު ނިކަން އަވަހަށް ނިއްވާލައި ފައިކައިރީ ބަންޑުން ބޭއްވިއެވެ. އޭނާ އޮތީ ހޭޒަލްގެ ފޮޓޯތައް ފޯނުން ބަލާށެވެ. އެވަގުތު ސާރާ އެ ކޮޓަރިއަށް ވަދެދާނޭ ހިޔެއްނުކުރެއެވެ. އޭނާ ގެއަށް އައީ ސާރާ އޮފީހުގައި އުޅެނިކޮށެވެ. އެކަމަކު ގެއަށް އައީ ސާރާ ގާތުގައި ބުނެފައެއްނޫނެވެ. ސާރާ ދިއްކޮށްލި ޖޫސްތަށީގައި ހިފައި އަވަސްއަވަހަށް އެ ޖޫސްތަށި ދާރިއަން ބޯލައިފިއެވެ.

"ކީއްވެ ބޮލުގަ ރިއްސަނީ؟... މިދިޔަ ހަފްތާ ހުރިހާ ޓެންޝަނެއް އެ ދިޔައީ، ޕްރޮޖެކްޓް ނިންމާލެވުނީމަ ކިހާ ބޮޑު ބުރައެއް އެ ފިލީ" ސާރާ ބުނެލިއެވެ.

ސާރާއާއެކު އޮންނަ ރަޙުމަތްތެރިކަމުގެ ގުޅުމަށްވުރެ ގާތް ގުޅުމަކަށް ފުރުޞަތުދޭން ދާރިއަން އެއްބަސްވީ ނަމަވެސް އޭނާގެ ހިތަށް ކުޑަ ވެސް ބަދަލެއް ނައެވެ. ހުރިހާ އިޙްސާސެއް ސާރާއާ ދާރިއަން ޚިއްޞާއެއް ނުކުރެއެވެ. ބައްދަލުވާލެއް ގިނަ ވިޔަސް އެ ދެމެދުގައި އަދިވެސް އޮތީ ކުރިން އޮތް ރައްޓެހިކަމުގެ ގުޅުން ފަދައެވެ. މާބޮޑު ގާތްކަމަކާ ޚާއްޞަކަމެއް އެ ދެމެދުގައި ނެތެވެ. އޮޅިގެން ވެސް ސާރާގެ ގައިގާ ނުބީހެވޭތޯ ދާރިއަން ބަލައެވެ. ނަމަވެސް ގައިގޯޅިވާނޭ ކިތަންމެ ފުރުޞަތެއް ސާރާ ހުޅުވާލައެވެ. އެ ފުރުޞަތުތަކާ ދާރިއަން ކުރިމަތިލަނީ ޚިއްސު ކެނޑިފައިވާ ލޯކަނު ބީރުމީހަކު ފަދައިންނެވެ. ހަޤީޤަތަކީ ސާރާ މާ ގާތްވެއްޖެނަމަ ދާރިއަންއަށް އުނދަގޫވާކަމެވެ.

ޚިޔާލުތަކަށް ގެއްލި ޖޫސް ހުސްކުރި ތަށި ދެއަތަށް ލައިގެން އިން ދާރިއަން ސިހުނީ އޭނާގެ ނިތްކުރީގައި ސާރާގެ އަތްތިލަ ޖައްސާލުމުންނެވެ. އަވަސް އަވަހަށް އެ އަތް އޭނާ ދުރަށް ގެންދިޔައެވެ.

"އަހަރެން ނިދާލަން ބޭނުންވަނީ... ރެސްޓްކޮށްލަނިކޮށް އޯކޭވާނެހެން ހީވޭ، ހޭލާފަ ސާރާއަށް ގުޅާނަން" ދާރިއަން އަވަސް އަވަހަށް ބުނެލިއެވެ. އޭނާ އިޝާރާތްއެކުރަނީ ކޮންކަމަކަށްކަން ސާރާއަށް އެނގުނެވެ.

"ބޯ މޮޑެލަދެންތަ، އޭރުން ވަރަށް ރިލެކްސްވާނެ" ސާރާ ބުނެލިއެވެ.

"ތޭންކްސް ބަޓް އައި އޭމް އޯކޭ... ސާރާ އިނިއްޔާ އަހަންނަކަށް ނުނިދޭނެ..." ދާރިއަން ބުންޏެވެ.

"އަހަރެން ރިއާންއަށް އުނދަގުލެއްނުކުރާނަމޭ" ސާރާ ބުނެލިއެވެ.

"ސާރާ!..." ނިކަން ސީރިއަސްކަމާއެކު ދާރިއަން ގޮވާލީ ތަންކޮޅެއް ބާރަށެވެ. މާގިނަ ވާހަކައެއް ދެއްކުމެއްނެތި ހަމައެކަނި ސާރާގެ ނަމުން ދާރިއަން އެ ގޮވާލި ގޮވާލުން ހުރިހާކަމަކަށް ފުދުނެވެ. ދާރިއަން ރުޅި ނާންނަނީސް އެ ކޮޓަރިން ނުކުތުންކަން ރަނގަޅުވާނީ ސާރާއަށް ވިސްނުނެވެ.

"ވައި ޑިޑް އައި ސޭ ޔެސް..." ކޮޓަރީގެ ދޮރު ތަޅުލާފައި އައިސް އެނދުމައްޗަށް ވެއްޓިގަންނަމުން ދާރިއަން ބުނެލިއެވެ. އަދި ބަންޑުން ބާއްވާފައި އޮތް ފޯނު ނަގައި އިސްކުރީނު ހުޅުވާލިއެވެ. އެއާއެކު ޢީދަށް ކެލައަށް ކުރި ދަތުރުގައި ދާރިއަން ނަގާފައި ހުރި ހޭޒަލްގެ ފޮޓޯއެއް ފެންނަން ހުއްޓެވެ.

"ޔޫ އާ ދި އޮންލީ ވަން" ފޮޓޯއަށް ބަލަން އޮވެ ދާރިއަން ބުނެލި ބުނުމުގައި ރިހުންއެކުލެވިފައި ވިއެވެ. އޭނާ އެހާވަރަކަށް ބޯހާސްވެގެން އެއުޅެނީ ހޭޒަލްގެ ޚަބަރެއް ނުވާތީއެވެ.

* * * * *

އިރުއޮއްސުނު ވަގުތެވެ. މުހުސިނާ ރުއްސަން ވެގެން އެގެއަށް ލިއަމްގެ ދެމަފިރިން ހަވީރު ގޮސްފައި ނުކުތީ ގެއަށް އަންނާށެވެ. ލިއަމް ގަސްދުކުރީ ހޭޒަލް ގޮވައިގެން ދުއްވާލާފައި ގެއަށް ދާށެވެ. އެހެންވެ ބޮޑުތަކުރުފާނު މަގުން ހުޅަނގަށް ސްޓެލްކޯ ކައިރިން އައެވެ.

"ވަޓް ދަ...." ސައިކަލުގަ އިނދެފައި ހޭޒަލް އެނބުރިލުމާއެކު ބުނެލިއެވެ. ކިހިނެއްވީތޯ ލިއަމްއަށް ވެސް އަހާލެވުނީ ހައިރާންކަމާއެކުއެވެ.

ސައިކަލު ދިޔަ ދެ މީހުން ފެނި ހޭޒަލް ވެސް އަޖައިބުވިއެވެ. އެހެންވާނީ ކިހިނެއްތޯ ވަގުތުން އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ.

"ވީރާއަށް ސައިފް އެނގެނީ ކިހިނެއްބާ" ހޭޒަލްއަށް އަހާލެވުނީ ހިތާހިތުންނެވެ.

(ނުނިމޭ)