އިދިކޮޅު ފަރާތްތައް

އިދިކޮޅުގެ މިފަހަރުގެ އެއްވުމަކީ "ހިބަރުވަދު"

"ހިބަރުވަދު" މިނަމުގައި އިދިކޮޅު ކޯލިޝަނުން ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ "ހިބަރުވަދު" މިނަމުގައި ޕްރޮގްސިވް ކޯލިޝަނުން ބާއްވާ ޖަލްސާ އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ ކަމަށެވެ.

އެ ރޭ 8:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާ އޮންނާނީ ކާނިވާ ސަރަހައްދުގައެވެ.

"ގައުމު ދެކެ ލޯބިވާ ހުރިހާ ބޭފުޅުންނަށް މި ޖަލްސާއަށް ދައުވަތު އަރުވަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން މިފަހުން ގެންދަނީ ކާނިވާ ސަރަހައްދުގައި ޖަލްސާތައް ބާއްވަމުންނެވެ. މި ޖަލްސާތައް ބާއްވަމުން ދަނީ ތަފާތު ނަންނަމުގައެވެ.

އެގޮތުން މިހާތަނަށް "ދަވާލައިފި"، "ފުނޑާލައިފި"، "އަންނަނީ އަންނަނީ" ފަދަ ނަންނަމުގައި ޖަލްސާތައް ވަނީ ބާއްވާފައެވެ.

މި ޖަލްސާތަކުގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވައެވެ.

"ހިބަރުވަދު" މިނަމުގައި އިދިކޮޅު ކޯލިޝަނުން ބާއްވާ ޖަލްސާއަކީ ރައީސް ޔާމީނަށް ހުުކުމް ކުރުމުގެ ކުރިން ބޭއްވޭނެ އެންމެ ފަހު ޖަލްސާ ކަމަށް ބެލެވެއެވެ. ރައީސް ޔާމީނަށް ހުކުމް ކުރުން އޮތީ މިމަހުގެ 28 ވަނަ ދުވަހުއެެވެ.