ރަޝިއާގެ ހަނގުރާމަވެރި މަތިންދާބޯޓުތައް ގަންނަނަމަ މިސްރަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް އެމެރިކާއިން ބުނެފި އެވެ.
މިސްރުން ވަނީ މިއަހަރުގެ ކުރީ ކޮޅުރަޝިއާއެކު ދެ ބިލިއަން ޑޮލަރުގެ ހަތިޔާރު ގަތުމުގެ އެއްބަސްވުމަކަށް ގޮސްފަ އެވެ. އެއްބަސްވުމުގެ ދަށުން ހަނގުރާމަވެރި މަތިންދާބޯޓުގެ ބާވަތެއް ކަމަށްވާ އެސްޔޫ 35 ގެ 20 ބޯޓު ރަޝިއާއިން މިސްރަށް ފޮނުވާނެ އެވެ.
މި އެއްބަސްވުމާ މެދު ހިތްހަމަ ނުޖެހިގެން އެމެރިކާގެ ޕޮލިޓިކަލް މިލިޓަރީގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ވިދާޅުވީ، އެއްބަސްވުމާ އެއްގޮތަށް މިސްރުން އަމަލުކޮށްފިނަމަ ކުރިމަގުގައި އެގައުމަށް ލިބެން ހުރި އިންވެސްޓުމެންޓުތަކަށާއި އިގްތިސޯދަށް ދަތިވާނެ ކަމަށެވެ. އެމެރިކާއިން މިސްރަށް ފިޔަވަޅު އަޅާނީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައިގެންނެވެ.
އެމެރިކާގެ އިންޒާރާ ގުޅިގެން އަދި މިސްރުން އެއްވެސް އެއްޗެއް ނުބުނެ އެވެ. އިންޒާރާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދިނުމަށް ވެސް މިސްރު ސަރުކާރުގެ އޮފިޝަލުންނަށް ވަނީ މަނާކޮށްފަ އެވެ. ރަޝިއާއިން ހަތިޔާރު ގަތުމުގެ ސަބަބުން އެމެރިކާއިން ވަނީ ތުރުކީއަށް ވެސް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.