މާލޭ ސިޓީ ކައުންސިލް

ސިޓީ ކައުންސިލްގެ ކޯޅުން ބޮޑުވެ، ވައިބާ ގްރޫޕަކުން ޝިފާ ބޭރުވެސް ކުރި

މާލެ ސިޓީ ކައުންސިލްގެ މެންބަރުންގެ މެދުގައި އޮތް އެތެރޭގެ ކޯޅުން ބޮޑުވެ، ސިޓީ ކައުންސިލްގެ މާރުކޭޓް ތަރައްގީ ކުރުމުގެ ކޮމިޓީގެ ވައިބާ ގްރޫޕުން އެ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު އާއި އެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ބޭރުކުށްފައިވާ ކަން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި މިއަދު ހާމަވެއްޖެ އެވެ.

މާރުކޭޓު ބަންދުކުރިއިރު އެ ތަނުގައި 174 ގޮޅި ހުރެ އެވެ. ކައުންސިލުން ފުރަތަމަ އެ އަދަދު 70 އަށް މަދު ކުރަން ފާސްކުރިއިރު، ފަހުން ފާސްކުރީ 117 ގޮޅި ހެދުމަށެވެ. އެކަމަކު ޝިފާ ގަބޫލު ކުރައްވަނީ ގޮޅީގެ އަދަދު ކުރިއަށްވުރެ ވެސް އިތުރު ކުރަން ޖެހޭ ކަމަށެވެ. އެ ހިޔާލުތަފާތުވުންތަކާ ގުޅިގެން އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.

އެ މައްސަލައާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މެންބަރުން މިއަދު ވަނީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ. އެ ކޮމިޓީ ބައްދަލުވުމުގައި މާރުކޭޓު ނުހުޅުވި ލަސްވަމުން ދިޔުމުގައި އެކި މެންބަރުން ވަނީ އަނެއް މެންބަރުންނަށް ތުހުމަތުތަކެއް ވެސް ކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގައި މޭޔަރު ޝިފާ ވަނީ ސިޓީ ކައުންސިލްގެ މާރުކޭޓު ކޮމިޓީން ކުރަން ޖެހޭ ކަންކަން ނުކުރައްވާ އެ ކޮމިޓީގެ މެންބަރުންނަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. އަދި މާރުކޭޓު ކޮމިޓީގައި ތިއްބަވާ ކައުންސިލް މެންބަރުން ވަނީ ޝިފާއަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.

ޝިފާ ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލްގެ ހިންގުން ބެލުމަށްޓަކައި ކައުންސިލްގެ ކޮމިޓީގެ ކަންކަން ވެސް ރާވަފައިވާ އޮންނާނީ އޭނާ އާއި ޝަމާއު ހިމެނޭ ގޮތަށް ކަމަށެވެ. އެހެން ނަމަވެސް މި ހިޔާލުތަފާތުވުންތަކާ ގުޅިގެން މާރުކޭޓް ކޮމިޓީގެ ގްރޫޕުން އޭނާ އާއި ޝަމާއު ބޭރުވެސް ކޮށްލާފައިވާ ކަމަށް ޝިފާ ވިދާޅުވި އެވެ.

"މުޅި ކައުންސިލްގެ ހިންގުން ބެލުމަށްޓަކައި ކައުންސިލްގެ ކޮމިޓީތަކުގެ ވައިބާ ގްރޫޕްތަކުގައި ވެސް މޭޔަރާއި ޑެޕިއުޓީ މޭޔަރު ތިބޭނެ. މާރުކޭޓު ކޮމިޓީގެ ގްރޫޕްގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ގްރޫޕުން އަޅުގަނޑުމެން ދެ މީހުން ބޭރު ވެސް ކުރި. އެކަމު އެ ކަން ކުރަން ޖެހޭނެ އެއްވެސް ސަބަބެއް ނެތް." ޝިފާ ވިދާޅުވި އެވެ.

މާރުކޭޓު ކޮމިޓީގެ ގްރޫޕުން ޝިފާ ބޭރުކުރި ކަން އޭނާ ހާމަ ކުރެއްވުމާ ގުޅިގެން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ސުވާލު ކުރެއްވުމުން މާރުކޭޓުގެ ކޮމިޓީގައި އިންނަވާ ކައުންސިލް މެންބަރު ފަޒީން ވިދާޅުވީ ޝިފާ އެ ގްރޫޕުން ވަކިކުރީ މަސްވެރިންގެ ޕާކްގައި ހުރި ގާޑިއާތައް ނެގުމުގައި ދިމާވި މައްސަލައެއްގެ ތެރެއިންނެވެ.

"ޖެހުނު މައްސަލައަކީ މަސްވެރިންގެ ޕާކްގައި ހުރި ގާޑިއާތައް ނަގަންވެގެން އަޅުގަނޑުމެން ދިޔައީ އެގްރިމެންޓްގައި ހުރި އިޖުރާއަތްތައް ފުރިހަމަ ކުރަމުން، އެއަށް ދޭން ޖެހޭ މުހުލަތު ދީގެން އެ ނަގަން ފޮނުވަން ޖެހޭ ނޯޓިސް ދީ އަދި ހުސް ކުރަމުން، އެހެން އޮތްވާ މޭޔަރު އަޅުގަނޑުމެންނަށް ނާންގާ މެމޯއެއް ތަތް ކުރީ، އެއީ މިވެނި ދުވަހެއް މިވެނި ވަގުތެއް ފަހުން މި ތަނުގައި ހުރި ގާޑިއާތަކަކީ ކުނީގެ ގޮތުގައި ބަލައި އުކާލެވޭނެއޭ،" ފަޒީން ވިދާޅުވި އެވެ.

މޭޔަރު ޝިފާ ވިދާޅުވީ 117 ގޮޅި ހަދަން ފާސްކުރީ ވެސް މިދިޔަ އަހަރުގެ ފަހުކޮޅު ކަމަށާއި އެކަމަކު މާރުކޭޓޫގެ ގޮޅިތައް ކުރަހައިގެން ޑިޒައިންކޮށް ގެނައީ މިި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށެވެ. މާރުކޭޓު ކޮމިޓީގެ މަސައްކަތް ލަސް ކަމަށް ވިދާޅުވެ އެ ކޮމިޓީއަށް މޭޔަރު ޝިފާ ފާޑުވިދާޅުވި އެވެ.

އޭގެ އިތުރުން މާރުކޭޓުގެ ކަންކަމާ ގުޅިގެން މާރުކޭޓު ކޮމިޓީން ސާވޭއެއް ހެދިއިރު ވެސް ސާވޭގައި ކުރިއަށް ގެންދިޔައީ މާރުކޭޓަށް އެންމެ ބޭނުންވެފައި ތިބި އާންމު ރައްޔިތުންގެ ވާހަކަ ނުހޯދާ ކަމަށް ވެސް ޝިފާ ވިދާޅުވި އެވެ. އެހެންވިޔަސް ސާވޭއިން އެ ތަން ދޫކުރި މީހުން ބޮޑެތި ކުލިތަކުގައި އެހެން މުއްސަނދި މީހުނަށް ދޫކޮށްފައިވާ ކަން ފާހަގަވި ކަމަށާއި މާރުކޭޓްގެ މަގްސަދުވެސް ހާސިލްނުވާ ކަމަށް މޭޔަރު ޝިފާ ވިދާޅުވި އެވެ.

މާރުކޭޓު ކޮމިޓީގެ ކަންކަމަށް މޭޔަރު ޝިފާ ފާޑުވިދާޅުވުމުން އެ ކޮމިޓީގެ މެންބަރުން ވެސް ވަނީ ޝިފާއަށް ރައްދު ދެއްވައިފަ އެވެ. އެ ގޮތުން މެންބަރު ފަޒީން ވިދާޅުވީ މިހާރު ކޮމިޓީގެ މަސައްކަތް ނިމިއިރު ވެސް މޭޔަރު ޝިފާ އެ ނިންމުމުގައި ސޮއިނުކުރައްވާ ކަންކަން ލަސް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ފަޒީން އާއި މާރުކޭޓު ކޮމިޓީގެ މެންބަރުން ފާހަގަ ކުރެއްވި ގޮތުގައި 193 ގޮޅި ހަދާނަމަ އެ ގޮޅިތަކުގައި ބަޔަކު ވިޔަފާރި ކުރާނެ ތަނަވަސް ޖާގައެއް ނޯންނާނެ އެވެ. އެ ގޮތުން މެންބަރުން ފަޒީން ވިދާޅުވީ، 117 ގޮޅި ހަދައިފިނަމަ ގޮޅިއެއްގެ ބޮޑުމިނަކީ ދިގު މިނުގައި، އަށް ފޫޓު އަދި ފުޅާމިނުގައި 6.5 ފޫޓް ކަމަށެވެ. އެކަމަކު 193 އަށް އެ އަދަދު ބަދަލުކޮށްފިނަމަ ގޮޅިއެއްގެ ކުރިމައްޗަށް ހަތަރު ފޫޓު ވެސް ހަމަނުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައިބައިވުންތަކެއް ނެތް، މައްސަލާގައި އެއްބަސްވުމަކަށް އާދެވޭނެ"

ދަތުރުވެރިންގެ މާރުކޭޓުގެ މައްސަލާގައި މެންބަރުންގެ ހިޔާލުތަފާތުވުންތަކާ ގުޅިގެން އެ މައްސަލައާ ގުޅޭ ގޮތުން ފަހުން ބޭއްވި ސިޓީ ކައުންސިލްގެ އެއްވެސް ބައްދަލުވުމަކަށް ކޯރަމް ހަމަވެފައެއް ނުވެ އެވެ. ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމުން ވެސް ފާހަގަ ކުރެވުނީ ކައުންސިލްގައި އެތެރޭގެ ބޮޑު ކޯޅުމެއް އޮތް ކަމެވެ.

އެކަމަކު ކައުންސިލްގެ ބައިބައިވުންތަކާ ގުޅޭ ގޮތުން ނައިފަރު ދާއިރާގެ އިދިކޮޅު މެންބަރު އަހްމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވީ ސިޓީ ކައުންސިލްގެ ތެރޭގައި "ތަފާތު ސަރުކާރުތަކެއް" އުފެެދިގެން ނޫޅޭ ކަމަށާއި މިއީ އެއް ޕާޓީއެއްގެ މެޖޯރިޓީ އޮތް އެއް ފިކުރެއްގެ ކައުންސިލެއް ކަމަށެވެ.

އެހެންވިޔަސް ބައެއް މައްސަލަތަކުގައި މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އޮންނާނެ ކަމަށް ޝަމާއު ވިދާޅުވި އެވެ. އެ މައްސަލަތަކުގައި އެއްބަސްވުންތަކަށް އަންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ހިޔާލުތަފާތުވުންތައް އޮތް ނަމަވެސްް ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތެއް ލަސްވެގެން ނުވާނެ ކަމަށް ވިދާޅުވެ މަޖިލީހުގެ މެންބަރުން ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އަދި އެ މައްސަލާގައި ކައުންސިލްގެ މަސައްކަތްތައް ވަރަށް ގާތުން ލާމަރުކަޒީ ކޮމިޓީން ބަލަމުންދާނެ ކަމަށް ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވި އެވެ.

އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން މާދަމާގެ ވަގުތެއްގައި ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ބާއްވައި ހުރިހާ މެންބަރުންނަށް އެއްބަސްވެވޭނެ ގޮތަކަށް ކައުންސިލުން ގޮތެއް ނިންމާނެ ކަމުގެ ޔަގީންކަން ކައުންސިލްގެ މެންބަރުން ފަހުން ދެއްވި އެވެ. ކޮމިޓީ ބައްދަލުވުން ނިންމާލީ އެ ޔަގީންކަން މެންބަރުން ދެއްވުމުންނެވެ.