ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ވަކި ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފެށުމަށް މަޖިލީހުގެ ރިޔާސަތައް މައްސަލަ އަންގަން ޖުޑީޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ޖުޑިޝަރީ ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ނުނިމި ހުރި މައްސަލަތަކުގައި ގޮތެއް ނިންމުމަށް އެ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބޭއްވި އެވެ. މިއަދުގެ ބައްދަލުވުމުގައި ޕީޖީ ބިޝާމް ވަކި ކުރުމުގެ މަސައްކަތް ފެށުމާ މެދު ވޯޓަށް އެހި އެވެ.
މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހަޅުއްވައި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ތާއީދު ކުރެއްވި އެ ހުށަހެޅުއްވުން ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން މިއަދުގެ ކޮމިޓީގައި ފާސްކުރި އެވެ. އެ މަސައްކަތް ފެށުމުގެ ގޮތުން މަޖިލީހުގެ ރިޔާސަތުގެ ސަމާލު ކަމަށް އެ ކަން ގެންނާނެ އެވެ.
މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން، މަޖިލީހުުގައި ބާއްވާ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް ތަޅުމުގައި އެ ނިންމުމެއް އިއުލާންކޮށް އަނެއްކާ ވެސް އެ މައްސަލަ ދިރާސާ ކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވަން ޖެހޭނެ އެވެ. އެ މައްސަލައެއް ދިރާސާކޮށް ކޮމިޓީން ތަޅުމަށް ފޮނުވާ ރިޕޯޓަށް ބަހުސްކޮށް، ވަކި ކުރުމާ މެދު ވޯޓަށް އަހާނެ އެވެ.
އެމްޑީޕީގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ޕީޖީ ވަކި ކުރާނެ ކަމަށް އެ ޕާޓީން ކުރިން އޮތީ ބުނެފަ އެވެ. އެހެން ވިޔަސް 19 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީއާއެކު ވެސް ޕީޖީ ބިޝާމް ވަކި ކުރުމުގެ މަސައްކަތް އޮތީ ނުފެށިފަ އެވެ. މީގެ ކުރިން ވެސް އޭނާ ވަކިކުރުމުގެ މަސައްކަތް ފަށަން ޖުޑީޝަރީ ކޮމިޓީން ފާސްކުރިޔަސް ފަހުން އެ ނިންމުން ކޮމިޓީން ބާތިލް ކުރި އެވެ.
މީގެ ކުރިން ޕީޖީ ބިޝާމް ވަކިކުރަން ކޮމިޓީއަށް ހުށަހެޅުއްވީ އެ ކޮމިޓީގެ ނައިބު މުގައްރިރު އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް އެވެ. ސިރާޖް ހުށަހެޅުއްވުން ފުރަތަމަ ކޮމިޓީން ފާސްކުރި އެވެ. އެކަމަކު އެއީ އެމްޑީޕީގެ އުސޫލުތަކާ ހިލާފަށް ހުށަހެޅުއްވި ކަމެއް ކަމަށް ވިދާޅުވެ އެ ނިންމުން ބާތިލް ކުރަން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދް ހުށަހެޅުއްވުން އެ ގޮތަށް ކޮމިޓީން ފަހުން ފާސްކުރި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ސިޔާސީ ލީޑަރުންނަށް ދައުވާ އުފުލުމާ ގުޅިގެން، އެމްޑީޕީ ހިމެނޭ ގޮތަށް އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒު ކުރި އެއް ބޭފުޅަކީ ވެސް ޕީޖީ ބިޝާމެވެ. މި ފަހުން ވެސް އަހްމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ކުރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކެއް ހައިކޯޓުން ދޮގު ކުރުމާ ގުޅިގެން ވެސް އޭނާއަށް ފާޑުކިޔުން އަމާޒުވި އެވެ.