ހަބަރު

ޕީޖީ ބިޝާމް ވަކިކުރުމުގެ މަސައްކަތް ބާތިލްކޮށްފި

ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއިން އިއްޔެ ނިންމި ނިންމުން ހަމައެކަނި އެ ކޮމެޓީއިން މިއަދު ބާތިލްކޮށްފި އެވެ.

މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި އެ ނިންމުން ނިންމިކަން ޔަގީންވެފައިވާއިރު އެ ނިންމުން ބާތިލް ކުރަން ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދެވެ. ޖިހާންގެ އެ ހުށަހެޅުމަށް ކޮމެޓީގެ ހަތަރު މެންބަރަކު ތާއިދު ކުރެއްވުމާއެކު ހުށަހެޅުން ފާސްވި އެވެ.

އިއްޔެ ނިންމުން ބާތިލް ކުރަން ޖިހާން ހުށަހެޅުއްވީ އެ ހުށަހެޅުން ހުށަހަޅާފައިވަނީ އެމްޑީޕީގެ އުސޫލުތަކާ ހިލާފަށް ކަމަށް ވިދާޅުވެ ކަމަށް މައުލޫމާތު ލިބެ އެވެ. އިއްޔެ އެ ހުށަހެޅުން ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ. އޭނާ މިއަދުގެ ކޮމެޓީ ބައްދަލުވުމަށް ވަޑައިނުގަންނަވަ އެވެ.

އެމްޑީޕީގެ އުސޫލުތަކާ ހިލާފު ކަމަށް ބުނެ ނިންމުން ބާތިލްކުރިއިރު އިއްޔެ މެންބަރު ސިރާޖު އެ ހުށަހެޅުން ހުށަހަޅާފައިވަނީ ކޮމެޓީތަކުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އުސޫލުގެ މަތިންނެވެ. ސިރާޖު އެގޮތަށް ހުށަހެޅުއްވީ ޕީޖީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރުމުގެ ތެރޭގަ އެވެ.

އެ ބިލަކީ ޕީޖީގެ ނަޒާހަތްތެރިކަން އިތުރު ކުރުމަށް ބަދަލުތައް ގެންނަ ބިލެކެވެ. މޫސާ ސިރާޖު ހުށަހެޅުމުގައި ވިދާޅުވެފައިވަނީ ޕީޖީ ނަޒާހަތްތެރިކުރުމަށް އެންމެ މުހިންމު ކަމަކީ މިހާރުގެ ޕީޖީ ބިޝާމް މަގާމުން ވަކިކުރުން ކަމަށެވެ.

ގަވައިދު އޮތް ގޮތުން މަޖިލީހުގެ ރައީސް، ކޮމެޓީގެ އެ ނިންމުން މަޖިލިސް ތަޅުމަށް ހިއްސާކޮށް އަނެއްކާވެސް އެ މައްސަލަ ދިރާސާ ކުރުމަށް ޖުޑީޝަލް ކޮމެޓީއަށް ފޮނުވަން ޖެހޭނެ އެވެ. ކޮމެޓީއިން އެކަމަށް ދިރާސާކޮށް، ރިޕޯޓް ތަޅުމަށް ފޮނުވުމުން ބަހުސްކޮށް، ޕީޖީ ވަކި ކުރުމާމެދު ވޯޓު ނަގާނެ އެވެ.

އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ޕީޖީ ވަކި ކުރާނެ ކަމަށް އޮތީ ބުނެފަ އެވެ. ނަމަވެސް ސުޕަ މެޖޯރިޓީ ލިބުމުން ވެސް ޕީޖީ ބިޝާމް ވަކިކޮށްފައެއް ނުވެ އެވެ. އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މީގެކުރީ މަޖިލީހަށް ހުށަހެޅިޔަސް އެ މައްސަލަ އަނބުރާ ގެންދިޔަ އެވެ. ޕީޖީގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގުރޫޕަށް މީގެކުރިން ސިރާޖު ހުށަހެޅި އެވެ. އެކަމަކު މައްސަލަ ކުރިއަށް ނުދެ އެވެ.

މިފަހުން ވެސް ޕީޖީ ބިޝާމްއަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔަ އެވެ. އެގޮތުން ރިލްވާން މައްސަލާގައި ކުރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކެއް ހައިކޯޓުން ދޮގު ކުރުމާ ގުޅިގެން ފާޑުކިޔުން އަމާޒުވި އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި ޕީޖީގެ އަމަލުތައް ބަހައްޓަނީ ރައީސް ޔާމީނަށް ފައިދާވާ ގޮތަށް ކަމަށް ވިދާޅުވެ ބައެއް މެންބަރުން ވެސް ފާޑުވިދާޅުވި އެވެ.