ހަބަރު

ޕީޖީ ވަކިކުރުމުގެ މަސައްކަތް ފަށަން ކޮމެޓީއިން ނިންމައިފި

ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއިން މިއަދު ނިންމައިފި އެވެ.

މިއަދު ބޭއްވި ޖުޑިޝަރީ ކޮމެޓީއަށް ޕީޖީ ވަކި ކުރުމުގެ މަސައްކަތް ފެށުމަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ. އޭނާ އެގޮތަށް ހުށަހެޅުއްވީ ޕީޖީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރުމުގެ ތެރޭގަ އެވެ.

އެ ބިލަކީ ޕީޖީގެ ނަޒާހަތްތެރިކަން އިތުރު ކުރުމަށް ބަދަލުތައް ގެންނަ ބިލެކެވެ. މޫސާ ސިރާޖު ހުށަހެޅުމުގައި ވިދާޅުވެފައިވަނީ ޕީޖީ ނަޒާހަތްތެރިކުރުމަށް އެންމެ މުހިންމު ކަމަކީ މިހާރުގެ ޕީޖީ ބިޝާމް މަގާމުން ވަކިކުރުން ކަމަށެވެ.

ސިރާޖުގެ އެ ހުށަހެޅުމަށް ވޯޓަށް އެހުމުން ކޮމެޓީގައި ތިއްބެވި މެންބަރުންގެ އަގުލަބިއްޔަތުން އެކަން ވަނީ ފާސްވެފަ އެވެ. ކޮމެޓީއިން ޕީޖީ ވަކި ކުރުމުގެ އިޖުރާއަތް ފެށުމަށް ނިންމުމުން އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވާނެ އެވެ.

ގަވައިދު އޮތް ގޮތުން މަޖިލީހުގެ ރައީސް، ކޮމެޓީގެ އެ ނިންމުން މަޖިލިސް ތަޅުމަށް ހިއްސާކޮށް އަނެއްކާވެސް އެ މައްސަލަ ދިރާސާ ކުރުމަށް ޖުޑީޝަލް ކޮމެޓީއަށް ފޮނުވަން ޖެހޭނެ އެވެ. ކޮމެޓީއިން އެކަމަށް ދިރާސާކޮށް، ރިޕޯޓް ތަޅުމަށް ފޮނުވުމުން ބަހުސްކޮށް، ޕީޖީ ވަކި ކުރުމާމެދު ވޯޓު ނަގާނެ އެވެ.

އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ ޕީޖީ ވަކި ކުރާނެ ކަމަށް އޮތީ ބުނެފަ އެވެ. ނަމަވެސް ސުޕަ މެޖޯރިޓީ ލިބުމުން ވެސް ޕީޖީ ބިޝާމް ވަކިކޮށްފައެއް ނުވެ އެވެ. އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މީގެކުރީ މަޖިލީހަށް ހުށަހެޅިޔަސް އެ މައްސަލަ އަނބުރާ ގެންދިޔަ އެވެ. ޕީޖީގެ މައްސަލަ އެމްޑީޕީގެ ޕީޖީ ގުރޫޕަށް މީގެކުރިން ސިރާޖު ހުށަހެޅި އެވެ. އެކަމަކު މައްސަލަ ކުރިއަށް ނުދެ އެވެ.

މިފަހުން ވެސް ޕީޖީ ބިޝާމްއަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔަ އެވެ. އެގޮތުން ރިލްވާން މައްސަލާގައި ކުރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކެއް ހައިކޯޓުން ދޮގު ކުރުމާ ގުޅިގެން ފާޑުކިޔުން އަމާޒުވި އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގައި ޕީޖީގެ އަމަލުތައް ބަހައްޓަނީ ރައީސް ޔާމީނަށް ފައިދާވާ ގޮތަށް ކަމަށް ވިދާޅުވެ ބައެއް މެންބަރުން ވެސް ފާޑުވިދާޅުވި އެވެ.