ދުނިޔެ

ސްރިލަންކާގެ ގާނޫނު ހަދާ މަޖިލީސް އުވާލަނީ

Nov 19, 2019

ސްރީލަންކާ ޕޮޑުޖަނާ ޕެރަމުނާ ޕާޓީގެ ކެންޑިޑޭޓް ގޮތަބަޔަ ރާޖަޕަކްސާ ވެރިކަމަށް ވަޑައިގަތުމާ ގުޅިގެން، ޕާލަމެންޓުގެ އަޣުލަބިއްޔަ އޮތް ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުން ލަންކާގެ މަޖިލިސް އުވާލަން ނިންމައި މަޝްވަރާކޮށްފި އެވެ.

މަޖިލީސް އުވާލަން ނިންމީ ބޮޑުވަޒީރު އަދި ޔޫއެންޕީގެ ލީޑަރު ރަނިލް ވިކްރަމްސިންހާ ވެސް ބައްދަލުކުރައްވާ މަޝްވަރާތަކަށްފަހު އެވެ. ބައްދަލުވުމުގައި ބައިވެރިވި މިނިސްޓަރު މިކަމާ ގުޅިގެން ވިދާޅުވީ، އެ ޕާޓީން އަބަދުވެސް ރައްޔިތުންގެ ނިންމުތަކަށް އިހްތިރާމް ކުރާނެ ކަމަށެވެ.

ލަންކާގެ ގާނޫނު ބުނާ ގޮތުން ޕާލަމެންޓް އުވާލެވޭނީ ހިނގަމުންދާ ފަސް އަހަރުގެ ދައުރުން ހަތަރު އަހަރާއި ބައި ފާއިތުވުމަށް ފަހު އެވެ. ލަންކާ ޕާލަމެންޓުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ އޮގަސްޓް މަހު އެވެ. އެހެންވެ އެންމެ އަވަހަށް ވެސް ޕާލަމެންޓް އުވާލެވޭނީ ފެބްރުއަރީ މަހު އެވެ. އެހެން ނަމަވެސް އޭގެ ކުރިން ޕާލަމެންޓް އުވާލަން ބޭނުން ނަމަ އެކަން ކުރެވޭނީ ޕާލަމެންޓުގެ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތުން އެގޮތަށް ފާސް ކުރުމުންނެވެ.

ލަންކާގައި ގާނޫނުގައި އިތުރަށް ވާގޮތުން އާ ރައީސަކު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް، ޕާލަމެންޓުގެ ދައުރު ނިމެންދެން ބޮޑު ވަޒީރުކަމުގެ މަގާމުގައި ރަނިލް އަށް ދެމިހުންނެވޭނެ އެވެ. ނަމަވެސް ގޮތަބަޔަ ވިދާޅުވެފައި ވަނީ ވެރިކަން ލިބިއްޖެ ނަމަ ބޮޑު ވަޒީރަކަށް ހަމަޖައްސާނީ ބޭބޭފުޅު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ ކަމަށެވެ.

ލަންކާގައި ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ގޯޓާބަޔަ ކާމިޔާބު ކުރެއްވީ 52.25 ޕަސެންޓު ވޯޓާއެކުގަ އެވެ. އެ އިންތިހާބުގައި އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ޔޫއެންޕީގެ ކެންޑިޑޭޓު ސަޖިތު ޕްރޭމަދާސައަށް ލިބުނީ 41.99 ޕަސެންޓު ވޯޓެވެ.