ކުޅިވަރު

ގުއާމް ކޮޅަށް ތިން ލަނޑު ޖަހައި ރާއްޖެ މޮޅުވެއްޖެ

އަލީ އަޝްފާގް (ދަގަނޑޭ)ގެ ލަނޑާއެކު ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެއިން ގުއާމް ބަލިކޮށްފި އެވެ. މިއަދުގެ މެޗުން ރާއްޖެ މޮޅުވީ 3-1 ލަނޑުންނެވެ.

ފުރަތަމަ ހާފުގައި ދެ ލަނޑު ކާމިޔާބު ކުރި ނަމަވެސް ނަތީޖާ ފުޅާ ކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބުނެވެ. އަލީ އަޝްފާގް (ދަގަނޑޭ) އަށްވެސް ވަނީ ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިފަ އެވެ. ފުރަތަމަ ފުރުސަތުގައި އަޝްފާގްއަށް ލިބުނު ބޯޅަ އޭނާގެ ކަނާތު ފައިން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ރާއްޖޭގެ ފުރަތަމަ ލަނޑު ޑިފެންޑަރު ސަމޫހް އަލީ (ސަމުއްޓޭ) ކާމޔާބު ކުރީ އަޝްފާގް ނަގައިދިން ކޯނަރު ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 23 ވަނަ މިނެޓްގަ އެވެ. މެޗުގެ 29 ވަނަ މިނެޓްގައި ރާއްޖެއިން ޖެހުނީ ސަމްޙް ބަދަލު ކުރާށެވެ. އެއީ އޭނާއަށް ލިބުނު އަނިޔާއާ ގުޅިގެންނެވެ. ބަދަލުގައި ކުޅެން ނުކުތީ ހައިޝަމް ހަސަން (ބިޑީ) އެވެ.

ރާއްޖޭގެ ދެ ވަނަ ލަނޑަކީ، ބިޑީ އޭރިއާ ތެރެއަށް ނަގައިދިނީ އޭރިއާ ތެރޭގައި އަޝްފާގް ހުރުމުންނެވެ. ބިޑީ ނަގައިދިން ބޯޅަ ޓްރިވާސް ނިކްލޭ ދިފާއު ކުރަން އުޅުމުގެ ތެރޭގައި އެ ބޯޅަ ވަނީ އަމިއްލަ ޓީމުގެ ބައި ކޮޅަށެވެ.

ފުރަތަމަ ހާފުގެ ފަހު ކޮޅުގައި އަޝްފާގް ވަނީ ރަނުގެ ފުރުސަތެއް ލިބިފަ އެވެ. ހަމްޒާ މުހައްމަދު (ހަމްޕް) ދިން ބޯޅަ އަޝްފާގް ވާތު ފައިން ފޮނުވާލި އެވެ. އެ ބޯޅަ ގޯލަށް ވަންނާނެ ކަމަށް ހީކޮށް ދަނޑުގައި ތިބި ރާއްޖޭގެ ސަޕޯޓަރުން ތަރުހީބުވެސް ދިނެވެ. އެހެންނަމަވެސް ރާއްޖޭގެ ނަސީބު ދެރައެވެ. އަޝްފާގް ފޮނުވާލި ބޯޅަ ދިޔައީ ގޯލް ދަނޑިއާ އިންޗިއެއްހާ ކައިރިން ބޭރަށެވެ.

ދެ ވަނަ ހާފަށް ބޮޑު އިތުބާރާއެކު ރާއްޖެއިން ކުޅޭނެ ކަމަށް ބެލެވުނު ނަމަވެސް ކުޅުންތެރިންގެ ފަރާތުން ފެނުނީ ވަރުބަލި ކަމެވެ. ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓްގައި ގުއާމުން ވަނީ އެ ޓީމުގެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އެ ޓީމުގެ ލަނޑު ޖޯން މެޓްކިން އެވެ.

ދެ ވަނަ ހާފުގައި ފަހު ކޮޅު ރާއްޖެއަށް ރަނގަޅު ފުރުސަތެއް ލިބިގެން ދިޔަ އެވެ. ރާއްޖޭގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ އަޝްފާގް އެވެ. އެ ލަނޑަކީ ގުއާމްގެ ކީޕަރު އޭރިއޭ ބޭރަށް ނުކުމެ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ބޯޅައަށް އެރި އަޝްފާގްގެ ފައިގައި ޖެހިފައި ގޯލްގެ ތެރެއަށް އޮހިގެން ދިޔަ ބޯޅައެކެވެ.