ގައުމީ ފުޓްބޯޅް ޓީމް

ސަމުއްޓޭއަށް ސާފް ގޭމްސްގެ ފުރުސަތު ގެއްލިއްޖެ

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި މިއަދު ގުއާމް އާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ޑިފެންޑަރު ސަމޫހް އަލީ (ސަމުއްޓޭ) އަށް އަންނަ މަހު ނޭޕާލްގައި ބާއްވާ ސައުތު އޭޝިއަން ގޭމްސްގައި ނުކުޅެވޭނެ ކަން ގާތް ގަނޑަކަށް ޔަގީން ވެއްޖެ އެެވެ.

މިއަދުގެ މެޗުގައި ރާއްޖޭގެ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކުރީ ސަމުއްޓޭ އެވެ. މެޗުގެ 23 ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ އަލީ އަޝްފާގް ނެގި ކޯނަރު ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ. އޭގެ ފަސް މިނެޓް ފަހުން ގުއާމްގެ ކުޅުންތެރިޔަކު ކުރި ޗެލެންޖެއްގައި ސަމޫހް އަށް ވަނީ އަނިޔާ ވެފަ އެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ ވާތު ބެކް ހައިޝަމް ހަސަން (ބިޑީ) އެވެ.

ސީނިއާ ޓީމުގައި ހިމެނޭ 23 އަހަރުން ދަށުގެ ކުޅުންތެރިންގެ ތެރެއިން ސައުތު އޭޝިއަން ގޭމްސްއަށް ދާނެ ޓީމުގައި އެންމެ މުހިންމު ކުޅުންތެރިޔަކަށް ވާނީ ސަމުއްޓޭ އެވެ. އެހެންނަމަވެސް އޭނާ އަށް ކުރިމަތިވި އަނިޔާއަކީ ރާއްޖެއިން ހައްލު ތަކެއް ހޯދަން ޖެހޭނެ ކަމެކެވެ. މިއަހަރު ޖުލައި މަހު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައިވެސް ސަމުއްޓޭ ނުކުޅެވުނެވެ، އެއީ އޭނާގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

މިއަދުގެ މެޗަށް ފަހު ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ކޯޗް ޕިޓާ ޝެގަޓް ބުނީ، ސަމުއްޓޭއަށް ލިބުނު އަނިޔާ ފެންނަނީ ސީރިއަސް އަނިޔާއެއްގެ ގޮތުގައި ކަމަށެވެ.

"ފުރަތަމަ ގޯލަށް ފަހު އަހަރެމެން މި ޖެހުނީ ބަދަލު ގެންނަން، ސަމުއްޓޭއަށް ލިބުނީ ވަރަށް ބޮޑު އަނިޔާއެއް،" މިއަދުގެ މެޗަށް ފަހު ވާހަކަ ދައްކަމުން ޝެގަޓް ބުންޏެވެ. "ފެންނަ ފެނުމަށް އަނިޔާ ސީރިއަސް، އަހަރެން އުންމީދު ކުރަނީ އެހާ ދުވަހެއް ނުވާނެ ކަމަށް، ފަހަރެއްގައި ތިނެއް ނުވަތަ ހަތަރު ހަފުތާވެސް ވެދާނެ."

ގައުމީ ޓީމުގެ މެނޭޖަރު ޔާމީން އިބްރާހިމް (ޔާންބެ) ބުނީ، ސަމުއްޓޭގެ ފައިގައި މިހާރު ޕްލާސްޓަރު އަޅައިފި ކަމަށާއި އޭނާ ރަނގަޅުވާން ތިން ހަފުތާ ވަރު ހޭދަ ވާނެ ކަމަށް ބެލެވޭ ކަމަށެވެ. ސައުތު އޭޝިއަން ގޭމްސްގައި ކުޅެވިދާނެތޯ ސަމުއްޓޭއަށް ކުޅެވިދާނެތޯ ސުވާލު ކުރުމުން ޔާންބެ ބުނީ އަނިޔާގެ ގޮތުން އޭނާ ކުޅެވޭނެތޯ ބުނަން އުނދަގޫ ކަމަށެވެ.

މިދިޔަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު ރާއްޖޭގެ ދިފާއީ ފާރުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިޔަކީ އދ. މަހިބަދޫއަށް އުފަން ޑިފެންޑަރެވެ. އެކިފަހަރު މަތިން ފަސް ކުރަމުން އައިސް ސައުތު އޭޝިއަން ގޭމްސް މިހާރު ތާވަލު ކޮށްފައި ވަނީ އަންނަ މަހު އެކަކުން 10 އަށެވެ.