ހަބަރު

ޔޫއޭއީގެ ޕްރިންސް އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ފޮނުއްވައިފި

ޔޫއޭއީގެ ރައީސް ޝައިޚް ހަލީފާ ބިން ޒާޔިދު އަލް ނަޙްޔާންގެ ކޮއްކޯފުޅު، ޝައިހް ސުލްތާން ބިން ޒާޔިދު އަލް ނަޙްޔާން އަވަހާރަވުމާއި ގުޅިގެން، ޔޫއޭއީގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފި އެވެ.

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ރައީސަށް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތައުޒިޔާގެ މެސެޖުގައި، ޝައިހް ސުލްތާން ބިން ޒާޔިދު އަލް ނަޙްޔާން އަވަހާރަވުމާއި ގުޅިގެން ޝާހީ އާއިލާއަށް ކުރިމަތިވި ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އަބޫދާބީގެ ޝާހީ އާއިލާއަށާއި، އެގައުމުގެ ރައްޔިތުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެ އެވެ.

ޔޫއޭއީގެ ރައީސް ޝައިޚް ހަލީފާ ބިން ޒާޔިދު އަލް ނަޙްޔާންގެ ކޮއްކޯފުޅު، ޝައިހް ސުލްތާން ބިން ޒާޔިދު އަލް ނަޙްޔާން އަވަހާރަވެފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ.