ލައިފްސްޓައިލް

ޕައިލެޓަކަށް ހެދިގެން ދަތުރުކުރާ މީހަކު ފަޅާއަރައިފި

އިންޑީއާގެ ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓި އޮފިޝަލުންނަށް މިދިޔަ ހޯމަ ދުވަހު ވަރަށް އާދަޔާޚިލާފު މީހަކު ފާހަގަ ކުރެވުނެވެ. ލުފްތަންސާ އެއާލައިންގެ ޕައިލެޓެއްގެ ޔުނިފޯމް އަޅައިގެން ހުރި މީހެކެވެ.

އެއާއޭޝިއާއިންޑިއާ ފްލައިޓުން ކޮލްކަތާއަށް ދަތުރުކުރަން އެއާޕޯޓަށް ގޮސް ހުރި މި މީހާ އާ މެދު ޝައްކު ކުރެވޭތީ ސެކިއުރޓި އޮފިޝަލުން ޗެކް ކުރިއިރު މި މީހާގެ އަތުގައި ފޭކް އައިޑީ ކާޑު ވެސް އޮތެވެ.

އެއާޕޯޓުގައި ތިބި ފުލުހުން ވަގުތުން ލުފްތަންސާއަށް ގުޅައި މި އައިޑީ ކާޑުގައިވާ ނަމުގެ މީހަކު އެތާގައި މަސައްކަތް ކުރޭތޯ ޗެކް ކުރި އެވެ. އަދި ލުފްތަންސާ އޮފިޝަލުން ވަގުތުން އެއާޕޯޓަށް އައިސް މި މީހާ އަކީ ކާކުތޯ ބެލިއިރު މިއީ އެތާގެ މުވައްޒަފަކަށް ހެދިގެން އުޅުނު މީހެއްކަން އެނގުނެވެ.

މި މީހާ ހައްޔަރުކޮށް ސުވާލު ކުރުމުން އޭނާއަކީ ޕައިލެޓަކަށް ހެދިގެން އުޅޭ މީހެއް ކަމަށް އެއްބަސްވެފައިވާ ކަމަށް އިންޑިއާގެ ފުލުހުން ބުނެފައި ވެއެވެ.

ރަޖަން މަހްބޫބާނީ ނަމަކަށް ކިޔާ މި މީހާ އެ ދުވަހު ފަޅާއެރިއިރު ފާއިތުވީ ހަ މަހެއްހާ ދުވަހުގެ ތެރޭގައި ޕައިލެޓަކަށް ހެދިގެން 15 ފްލައިޓެއްގައި މި މީހާ ވަނީ ދަތުރުކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި ފޭކް އައިޑީ އޭނާ ގަތީ ބެންކޮކުންނެވެ. އޭނާއަކީ ކޮލްކަތާގައި ހުންނަ ލުފްތަންސާ އެއާލައިންގެ ކޮންސަލްޓަންޓެއް އަދި އިންސްޓްރަކްޓަރެއް ކަމަށް އެ މީހާ ބުނާ ކަމަށް ވެއެވެ.

އޭނާ ޕައިލެޓަކަށް ހެދިގެން ދަތުރުކުރަނީ މާ ބޮޑު މަންފާއެއް އޭގެން ލިބޭތީއެއް ނޫނެވެ. ޕައިލެޓުންނަށް އެއާޕޯޓުގައި ލިބޭ ޚާއްސަ އިމްތިޔާޒުތަކުގެ ބޭނުން ހިފައި އަވަހަށް އަދި ފަސޭހައިން ސެކިއުރިޓީ ކްލިއަރެންސް ހޯދުމަށެވެ. އޭނާ އާއްމުކޮށް ބޭނުންކުރަނީ ކުރޫ މެމްބަރުން ޗެކިން ވާ ތަނުންނެވެ. ބައެއް ފަހަރު މި މީހާ އޭނާގެ ސީޓު ވެސް އަޕްގްރޭޑް ކުރުވާފައި ވެއެވެ.

މި މީހާ އަކީ އެކި ކަހަލަ ޔުނިފޯމްތައް އަޅައިގެން ފޮޓޯ ނެގުމަށް ވަރަށް ޝައުގުވެރިވާ މީހެކެވެ. އެގޮތުން އާމީ އޮފިޝަލެއްގެ ޔުނިފޯމްގައި ނަގާފައިވާ ފޮޓޯތައް ވެސް އޭނާގެ ފޯނުގައި ހުރިކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި މިނޫނަސްވެސް ތަފާތު ޔުނިފޯމްތަކުގައި އޭނާ ފޮޓޯ ނަގައި ޓިކްޓޮކް ގައިވެސް ޝެއާ ކޮށްފައި ވެއެވެ.

މި ޚަބަރަށް ކޮމެންޓްކުރި ބައެއް މީހުން ބުނި ގޮތުގައި މި މީހާ އަކީ ސްޓީވަން ސްޕީލްބާގްގެ "ކެޗް މީ އިފް ޔޫ ކޭން" ބަލާފައި އެ ފިލްމުގައި ލިއޮނާޑޯ ޑިކެޕްރިއޯ އުޅޭ ގޮތް ކޮޕީކުރަން މަސައްކަތް ކޮށްފައިވާ މީހެކެވެ.