ލައިފްސްޓައިލް

އަނބިމީހާއަށްވުރެ މަދުން ފައިސާ ލިބޭނަމަ ސްޓްރެސްވޭ

ކައިވެނި ކުރުމަށްފަހު އަނބިމީހާއަށް ވުރެ މަދުން ފައިސާ ލިބޭ ފިރިހެނުންނަށް ނަފްސާނީ ގޮތުން އުނދަގޫތައް ދިމާވެ ސްޓްރެސް އާ ކުރިމަތިވާ ކަމަށް ފަހުގެ ހޯދުމަކަށް ފަހު ތަޖުރިބާކާރުން ބުނެފި އެވެ.

ވަރަށް ޝައުގުވެރިވާ ޒާތުގެ މި ހޯދުމުގައި ބުނެފައިވާ ގޮތުގައި ފިރިމީހާ އެންމެ ކުޑަކޮށް ސްޓްރެސް ވަނީ އެ ގެއަކަށް ޚަރަދުކުރަން ޖެހޭ މިންވަރުގެ 40 ޕަސެންޓް އަނބިމީހާއަށް ލިބޭ ނަމަ އެވެ. އަނބިމީހާއަށް ލިބޭ މުސާރަ ފިރިހެންމީހާ އަށްވުރެ އިތުރުވުމަކީ ފިރިހެންމީހާ އަށް ނަފްސާނީ ގޮތުން އުނދަގޫތަކެއް ކުރިމަތިކުރުވާ ކަމަކަށް ވާއިރު އަނބިމީހާއަށް އާމްދަނީއަށް މުޅިން ބަރޯސާ ވާން ޖެހުމަކީ އަދި މާ ބޮޑަށް ފިރިހެންމީހާއަށް ނަފްސާނީ މައްސަލަތައް ދިމާވާ ކަމެކެވެ.

ޔުނިވަސިޓީ އޮފް ބާތުގެ މި ދިރާސާއިން ދައްކާ ގޮތުގައި ކައިވެނީގެ ކުރިން އަންހެންމީހާއަށް ކިތަންމެ ބޮޑު އާމްދަނީއެއް ލިބުނަސް ފިރިހެންމީހާއަކަށް އޭގެން ނޭދެވޭ އަސަރެއް ނުކުރެ އެވެ. އަދި އެކަން ގަބޫލުކުރާކަށް އޭނާއަކަށް އުނދަގޫ ކަމަކަށް ވެސް ނުވެ އެވެ.

އެމެރިކާގެ 6،000 ދެމަފިރިންގެ މެދުގައި 15 އަހަރުގެ ދިގު މުއްދަތަކަށް ކޮށްފައިވާ މި ދިރާސާގެ ނަތީޖާ ދެއްކި ގޮތުގައި އާއިލާގައި ހުރި ފައިސާ ލިބޭ ހަމައެކަނި މީހަކީ އޭނާ ކަމަށް ވެފައި ފައިސާގެ ގޮތުން އޭނާގެ ކޮނޑުގައި ހުރިހާ ޒިންމާއެއް އެޅިފައިވުމަކީ ވެސް ގިނަ ފިރިހެނުން ވަރަށް ކަންބޮޑުވެ ހާސްވާ މައްސަލައެކެވެ.

ފިރިހެނުންގެ ސްޓްރެސް ލެވެލް ދަށްވަނީ އެ މީހުންގެ އަނބިންނަށް އާމްދަނީ ލިބޭނަމަ އެވެ. އަދި އެ އާމްދަނީ އަކީ ގެއަށް ކުރަން ޖެހޭ ޚަރަދުގެ 40 ޕަސެންޓް ނަމަ ފިރިހެނުންގެ ސްޓްރެސް ލެވެލް ވަރަށް ދަށްވެ އެވެ. ނަމަވެސް އަނބިމީހާގެ އާމްދަނީ މަތިވަމުންދާނަމަ އަނެއްކާވެސް ސްޓްރެސް ލެވެލް މަތިވެ އެވެ.

މި ހޯދުމުގެ ނަތީޖާއިން ދޭހަވަނީ ވަރަށް ކުރީ ޒަމާނުއްސުރެ ގިނަ ބަޔަކު ގަބޫލުކުރާ ހަމަތަކުގެ އަސަރުތައް ފިރިހެނުންނަށް ވަރަށް ބޮޑަށް ކުރާ ކަމެވެ. އެއީ އާއިލާއެއްގެ ޚަރަދު ބަލަހައްޓަން ޖެހޭ މީހަކީ ފިރިހެންމީހާ ކަމާއި އާއިލާ ބެލެހެއްޓުމަކީ އޭނާގެ ޒިންމާއެއް ކަން ގަބޫލުކުރާ ގަބޫލުކުރުމެވެ. އެހެންވެ އަނބިމީހާ އަށް ގިނައިން އާމްދަނީ ލިބި އާއިލާ ބަލަހައްޓަނީ އަންހެންމީހާ ކަމަށް ވެއްޖެނަމަ ފިރިހެނުންނަށް ނަފްސާނީ ގޮތުން އެކަން ގަބޫލުކުރަން ދަތިވެ ހިތަށް އުނދަގޫތައް ވަނީ އެވެ.