ލައިފްސްޓައިލް

އާޓިފިޝަލް ސްވީޓްނާ: ކިހާ ވަރެއްގެ ރައްކާތެރި އެއްޗެއް؟

ހަކުރުބަލި ހުންނަ މީހުންނާއި ބަރުދަން ލުއި ކުރަން ބޭނުންވާ މީހުން ވެސް މިހާރު އާއްމުކޮށް ބޭނުންކުރާ އެކައްޗަކީ މަސްނޫއީ ހަކުރު ނުވަތަ އާޓިފިޝަލް ސްވީޓްނާ އެވެ. މިއީ ކެއިން ބުއިމަށް ބޭނުންކުރާ ތަކެތީގައި ފޮނި ރަހަ ލައްވަން ހަކުރުގެ ބަދަލުގައި ބޭނުންކުރާ އެއްޗެކެވެ. ކުޑަކުދިންނަށް މި ވައްތަރުގެ ހަކުރު ދިނުން ރަނގަޅު ނޫންކަމަށް ސައިންސްވެރިން ބުނެ އެވެ.

އެމެރިކަން އެކަޑެމީ އޮފް ޕީޑިއެޓްރިކްސް (އޭއޭޕީ) ގެ ރިޕޯޓެއްގައިވާ ގޮތުން ހަކުރުބަލި ހުންނަ ކުދިންނަށާއި ފަލަބަލި ހުންނަ ކުދިންނަށް ވެސް އާޓިފިޝަލް ސްވީޓްނާ ދިނުން ރައްކާތެރިއެއް ނޫނެވެ.

އެހެންވެ އޭއޭޕީން މިހާރު ގަސްތުކުރަނީ ކާއެއްޗެތީގައި އާޓިފިޝަލް ސްވީޓްނާ ހުންނަ މިންވަރު ބަޔާންކޮށްފައިވާ ލޭބަލް ތަތްކުރަން މަޖްބޫރުކުރުމަށް ވިސްނަމުންނެވެ. އޭރުން ކުޑަކުދިންނަށް އެފަދަ އެއްޗެތި ކެވޭ މިންވަރު އެކުދިން ގެންގުޅޭ މީހުންނަށް ވަޒަންކުރަން ފަސޭހަވާނެތީ އެވެ.

މިފަދަ ހަކުރު އަޅާފައިވާ ކާ އެއްޗެތި ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ކުދިންނަށް ބޭނުން ކުރެވޭނެ ކަމަށް ސައިންސްވެރިން ލަފާ ކުރެ އެވެ. އެހެންކަމުން މިކަމާމެދު ހޭލުންތެރިކަން އިތުރު ކުރުމުގެ މުހިއްމުކަން މި ހޯދުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ޕީޑިއެޓްރިކް ކާޑިއޮލޮޖިސްޓް ޑރ. ކަރީސާ ބޭކާ - ސްމިތު ފާހަގަ ކުރެއްވި އެވެ.

ހޯދުންތަކުން ދައްކާ ގޮތުގައި ކޮންމެ ހަތަރު ކުއްޖަކުން އެއް ކުއްޖަކު އެކި ބާވަތް ބާވަތުގެ އާޓިފިޝަލް ސްވީޓްނާ އަޅާފައިވާ ކާ އެއްޗެތި ކައެވެ. އަދި 80 ޕަސެންޓް ކުދިން މިފަދަ ކާނާ ކޮންމެ ދުވަހަކުވެސް ކައެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ހުއްދަ ދީފައިވާ އަށް ބާއްވަތެއްގެ ސްވީޓްނާ ބާޒާރަށް ނެރެފައި ވެއެވެ. އޭގެ ތެރެއިން އެންމެ ގިނައިން ބޭނުންކުރާ އެއް ބާވަތަކީ ސެކަރިން އެވެ. މިއީ އާދައިގެ ހަކުރަށް ވުރެ 300-400 ގުނައަށް ފޮނި ގަދަ އެއްޗެކެވެ. ނަމަވެސް މި ވައްތަރުގެ ހަކުރު ކެއުމަށްފަހު އިރުކޮޅެއް ވާއިރަށް އަނގައިގައި ހިތިރަހަ އަކާއި ދަގަނޑު ރަހައެއް ހުރެ އެވެ. މި ވައްތަރު ހަކުރު އާއްމުކޮށް ބޭނުންކުރަނީ ޔޯގަޓް، މެޓާ، އެކި ފާޑުގެ ބުއިންތައް އަދި ޑޮކްޓަރީ ބޭހުގަ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އެސްޕަޓޭމް އެކޭ އެއްފަދައިން އޭސީސުލްފޭމް ޕޮޓޭސިއަމް އަދި ސުކްރަލޯސް ވެސް ވީ ވަރަކުން ބޭނުން ނުކުރުން ރަނގަޅެވެ. މިފަދަ ތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރެވޭވަރަށް ދިރާސާތައް މިހާތަނަށް ކުރެވިފައެއް ނެތެވެ. އެހެންވެ ތަޖުރިބާކާރުން އިރުޝާދު ދެނީ ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް ވީވަރަކުން މިފަދަ އެއްޗެތި ބޭނުން ނުކުރުމަށެވެ.

އެސްޕަޓޭމް އަކީ އާދައިގެ ހަކުރަށް ވުރެ 200 ގުނަ ފޮނި ގަދަ އެއްޗެކެވެ. ފާސްޓް ފުޑް އަދި ބުއިންތަކާއި ޑައެޓް ސޮޑާގައި އާއްމުކޮށް ބޭނުންކުރަނީ އެސްޕަޓޭމް އެވެ. އަދި މާރުކޭޓުގައި އާއްމުކޮށް ވިއްކަން ހުންނަ ގިނަ އާޓިފިޝަލް ސްވީޓްނާ އަކީ ވެސް އެސްޕަޓޭމް އެވެ.

އޭސީސުލްފޭމް ޕޮޓޭސިއަމް އަކީ ކެއުމާއި ބުއިމަށް ތައްޔާރުކޮށްފައި ހުންނަ ތަކެތީގައި ބޭނުންކުރާ އަދި މި ތަކެތި ބޭނުން ކުރުމުން އެއްވެސް ކެލޮރީއެއް ހަށިގަނޑަށް އިތުރުނުވާ ބާވަތުގެ ހަކުރެކެވެ. "ނޯ އެޑަޑް ޝުގާ" ޖަހާފައިވާ ކާ އެއްޗިއްސާއި ބޯ އެއްޗެތީގައި ފޮނި ރަހަ ލައްވަން އާއްމުކޮށް ބޭނުންކުރަނީ މިއެވެ.

މީގެ އިތުރުން ސުކްރަލޯސް، ނިއޮޓޭމް، އެޑްވަންޓޭމް، ސްޓީވިއާ، ލުއޯ ހަން ގުއޯ/މޮންކް ފުރުޓް އަކީ ވެސް އާޓިފިޝަލް ސްވީޓްނާގެ ގޮތުގައި ކޮންމެވެސް ވަރަކަށް ކާ އެއްޗެތި ތައްޔާރުކުރާއިރު އަޅާ ބާވަތްތަކެވެ. ނަމަވެސް މީގެން އެއްވެސް އެއްޗަކީ އެ ހަކުރުގެ ރައްކާތެރިކަމާމެދު ސައިންސްވެރިންނަށް ޔަގީންކަމެއް އޮތް އެއްޗެއް ނޫނެވެ.

އެހެންކަމުން މިކަމާ ގުޅޭގޮތުން ފުރިހަމައަށް ދިރާސާ ކުރެވެންދެން މިފަދަ ތަކެތި ވީވަރަކުން ބޭނުން ނުކުރުމަށް ތަޖުރިބާކާރުން އިރުޝާދު ދެއެވެ. ޚާއްސަކޮށް ކުޑަކުދިންނަށް މިފަދަ ތަކެތި އެކުލެވޭ ކާނާ ނުދީ ވޭތޯ ބެލުމަށް ސަމާލުކަން ދިނުމަށް އިރުޝާދު ދެއެވެ.