ލައިފްސްޓައިލް

ބައްޕަ ބަލިވުމުން ކައިވެނީގެ ރަސްމިއްޔާތު ހޮސްޕިޓަލުގައި

އަލަތު ކައިވެނި ކުރާއިރު އެންމެ ލޯބިވާ މީހުން ކައިރީގައި ތިބެން ކޮންމެ މީހަކުވެސް ބޭނުން ވާނެ އެވެ. އެމެރިކާގެ ޓެކްސަސްގައި ދިރިއުޅޭ އާލިޔާ އާއި މައިކަލް ތޮމްޕްސަންގެ ވެސް އުންމީދަކީ އެއީ އެވެ. ނަމަވެސް ކައިވެނި ކުރަން ވަރަށް ކައިރިވެފައި ވަނިކޮށް މައިކަލްގެ ބައްޕަ ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ސާޖަރީއެއް ހަދަން ޖެހުނެވެ. މިކަން ވީ މައިކަލް އާއި އާލިޔާއަށް ލިބުނު ވަރަށް ބޮޑު ހިތްދަތި ކަމަކަށެވެ.

އެމީހުންގެ ކައިވެނީގެ ރަސްމިއްޔާތުގައި ބައްޕައަށް ބައިވެރި ނުވެވޭނެކަން ޔަގީންވުމުން މި ދެ ލޯބިވެރިން ވަރަށް މޮޅު ގޮތެއް ޚިޔާލު ކުރި އެވެ. ހޮސްޕިޓަލުގައި ބައްޕަގެ ކައިރީގައި ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމަށެވެ. އެއްވެސް ހާލެއްގައި އެމީހުން ކައިވެނިކުރާ ތަން ބައްޕައަށް ނުފެނުމަށް އެމީހުން ނޭދޭތީ އެވެ.

އެމީހުން ކައިވެނިކޮށްދޭ މީހާ ވެސް ގޮވައިގެން ހޮސްޕިޓަލަށް ގޮސް ދެ މީހުންގެ މައިންބަފައިންގެ ހާޒިރުގައި ކައިވެނީގެ ރަސްމިއްޔާތު ބޭއްވި އެވެ. ކައިވެނީގެ ހެދުމަކަށް އެމީހުންނަށް ލާން ޖެހުނީ ހޮސްޕިޓަލް ގައުނެވެ. އަދި އިނގިލީގައި އަނގޮޓި ވެސް އަޅުވަން ޖެހުނީ ހޮސްޕިޓަލުގައި ބޭނުންކުރާ އަންގީގެ މަތިންނެވެ. އެހެން ވިޔަސް އެމީހުންގެ ހަޔާތުގެ މި މުހިއްމު ދުވަސް ބައްޕަ އާ ހިއްސާ ކުރެވުނީތީ އެމީހުން ތިބީ އުފަލުންނެވެ.

މި މީހުންގެ ކައިވެނީގެ އެންމެ ބޮޑު ސަޕްރައިޒެއް ދިނީ ހޮސްޕިޓަލުގެ މުވައްޒަފުންނެވެ. އެމީހުން ވަނީ ޑައިބެޓިކް -ފްރެންޑްލީ ކޭކަކާއި މާ އަދި ޖޫސް ހަދިޔާކޮށް އާލިޔާ އާއި މައިކަލް އަށް ހަނދާން ނުނެތޭ ވަރުގެ ހަދިޔާއެއް ދީފަ އެވެ.

އެންބީސީ އަށް ދިން އިންޓަވިއު އެއްގައި މައިކަލް ބުނީ އެމިހުން ނިންމައިގެން ތިބީ ބައްޕަ އެޑްމިޓްކޮށްފައި އޮތް ކޮޓަރީގައި ކުޑަ ގޮތަކަށް ކައިވެނިގެ ރަސްމިއްޔާތު ބާއްވާށެވެ. ނަމަވެސް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ވަނީ އެމީހުން ހައިރާން ކޮށްލާ ވަރަށް ހަނދާނީ ރަސްމިއްޔާތަކަށް އެކަން ބަދަލުކޮށްލާފަ އެވެ.

މައިކަލް ބުނި ގޮތުގައި އެމީހުން ކައިވެނިކުރަން ރާވައިގެން ތިބީ މިދިޔަ މާޗް މަހު އެވެ. ނަމަވެސް އާއިލާގެ މީހަކު މަރުވުމުން ކައިވެނި ކެންސަލްކުރަން ޖެހުނީ އެވެ. އަނެއްކާވެސް ކައިވެނިކުރަން ހަމަޖެއްސި ދުވަހާ ދިމާކޮށް ބައްޕަ ބަލިވުމުން މިފަހަރު ކެންސަލް ނުކޮށް ކައިވެނީގެ ކަންތައް ނިންމާލަން އޭނާ އާއި އާލިޔާ ބޭނުންވީ އެވެ.