ވިޔަފާރި

ޓެކް ސްޓާސް "ސްޓާޓްއަޕް" ވީކެންޑް ނިންމާލައިފި

ދިރާގާއި ސްޕާކްހަބް ގުޅިގެން ބޭއްވި ޓެކް ސްޓާސް، "ސްޓާޓްއަޕް ވީކެންޑު ނިންމާލައިފި އެވެ.

މި ހަރަކާތުގައި ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކާއި، ޑިވެލޮޕަރުންނާއި ޑިޒައިނަރުންގެ އިތުރުން އަލަށް ފަށާފައިވާ ވިޔަފާރިތަކުގެ ބޭފުޅުން ބައިވެރިވެ ވިޔަފާރީގެ ދާއިރާގައި ހުރި ވިސްނުންތައް ހަގީގަތަކަށް ގެންނާނެ ގޮތާ ބެހޭގޮތުން މަޝްވަރާކޮށް ބިޒްނަސް މޮޑެލް ތައްޔާރުކޮށް ހުށަހަޅަ އެވެ. އެގޮތުން، ތިން ދުވަހަށް ކުރިއަށްގެންދިޔަ މި ހަރަކާތުގައި 51 ބައިވެރިން ވަނީ 11 ސްޓާޓްއަޕް އައިޑިއާ ތައާރަފްކޮށްފަ އެވެ.

މި އައިޑިއާތައް ޖަޖުންގެ ޕެނަލް އަކުން ބެލުމަށްފަހު އެންމެ މޮޅު ޓީމަކަށް ހޮވާފައިވަނީ އޮންލައިންކޮށް މަސް ގަނެވިއްކާ ހަދާނެ ގޮތެއް ތައާރަފް ކުރި "ފިޝް ބިޑް" ވިޔަފާރި އެވެ. ދެވަނަ އަށް "ދަ ސިޓާސް-ކްލަބް" ހޮވި އިރު އެއީ ބޭބީ ސިޓާސް އާއި ބެލެނިވެރިންނާ ދެމެދު ހިންގާނެ އޮންލައިން ވިޔަފާރި އެކެވެ. ތިން ވަނަ އަށް ހޮވާފައިވަނީ ޒުވާނުންގެ ކަންކަމާ ގުޅޭގޮތަށް އުފެއްދި "އަމްޕަޔާ" އެވެ.

އެއްވަނަ އަށް ހޮވުނު ޓީމް އަށް ސްރީލަންކާގައި އޮންނަ "ޑިސްރަޕްޓް އޭޝިއާ" ސްޓާޓްއަޕް ކޮންފަރެންސްގައި އެޓީމުގެ ވިޔަފާރި ޝޯކޭސް ކުރުމުގެ ފުރުސަތު ދެ އެވެ. މީގެ އިތުރުންވެސް، އެންމެ މޮޅު ތިން ޓީމަށް ދިރާގުގެ ފައިބާ އިންޓަނެޓު އެ ވިޔަފާރިތަކަށް ދޭން ވަނީ ނިންމާފައި ކަމަށް ދިރާގުން ބުނެ އެވެ.

މި ހަރަކާތް ބޭއްވުމުގެ އެންމެ ބޮޑު އަމާޒަކީ ޒުވާނުންގެ މެދުގައި ސްޓާޓް އަޕް ކަލްޗާއެއް ބިނާކޮށް، އެ މީހުންގެ ފުރިހަމަ ހުނަރު ދަސްކުރުމާއި، އުފެއްދުމާއި އަމަލުން ދެއްކުމުގެ މަގުފަހި ކޮށްދިނުން ކަމަށް ދިރާގުން ބުނެ އެވެ.

މީގެ އިތުރުން، މިއީ ވިޔަފާރީގެ ދާއިރާގައި ކުރިއަރާ ދިއުމަށް ބޭނުންވާ މުހިންމު މައުލޫމާތު ތަކެއް ލިބިދޭނެ ވިޔަފާރީގެ ހުނަރު ތަރައްގީ ކޮށްދެވިގެންދާނެ ހަރަކާތެކެވެ. އަދި، ބައިވެރިންނަށް ވިޔަފާރީގެ ދާއިރާގައި ނަމޫނާ ފަރާތްތަކާއި ބިޒްނަސް ކޯޗުންނާއި ބައްދަލުކޮށް ހިއްސާކުރާ ހިޔާލުތަށް ވިޔަފާރީގެ އަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތްވެސް ބައިވެރިންނަށް ކިޔާ ދެ އެވެ.

ދިރާގާއި ސްޕާކްހަބް ގުޅިގެން ޒުވާނުންގެ މެދުގައި ސްޓަރޓްޕް ކަލްޗަރ ބިނާ ކުރުމަށް ރާއްޖޭގައި އަލަށް ލީން ސްޓާޓްއަޕް މެޝިން ވަނީ ތައާރަފުކޮށްފަ އެވެ. އަދި ރާއްޖޭގެ ފުރަތަމަ އިންޓަނޭޝަނަލް ހެކަތޯންކަމަށްވާ "އޭންޖަލް ހެކް" އާއި ސްޓާޓް އަޕް ގްރައިންޑުގެ އެކްސް ސީރީސް ވެސް މީގެ ކުރިން ވަނީ ބާއްވާފަ އެވެ.

ޓެކްސްޓާސް ސްޓަރޓަޕް ވީކެންޑަކީ ޒުވާނުންނަށް ވިޔަފާރީގެ ދާއިރާގައި ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ބައިނަލް އަގުވާމީ ހަރަކާތެކެވެ. އަދި މި މޮޑެލް މިހާރު ދުނިޔޭގެ 150 ގައުމުގައި މި ޕްރޮގްރާމް ވަނީ ކުރިޔަށް ގެންގޮސްފަ އެވެ.