ބޭރު ގައުމުތަކުގައި ދިވެހިން ހަރުކަށި ފިކުރު ކިޔަވަމުންދާ ކަން އަދި ކިޔަވައިގެން ރާއްޖެއަށް އަންނަކަން އެނގިވަޑައިގެންފައި ނުވާ ކަމަށް މަޖިލީހުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައެއް މެންބަރުން ނުރުހުން ފާޅު ކުރައްވައިފި އެވެ.
ހަޔާ އެޑިއުކޭޝަން މނިސްޓަރު އިބްރާހިމް ހާޒިރުވެވަޑައިގެންނެވީ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އޭނާއަށް ކުރައްވަން ހުށަހަޅުއްވާފައިވާ ސުވާލަކަށް ޖަވާބު ދެއްވާށެވެ. އެ މެންބަރުގެ ސުވާލަށް މިނިސްޓަރު ޖަވާބު ދެއްވުމަށް ފަހު، އިތުރު ވަގުތުގެ ތެރޭގައި އެހެން މެންބަރުންނަށް ވެސް ސުވާލު ކުރުމުގެ ފުރުސަތު އޮވެ އެވެ.
އެ ވަގުތުގެ ތެރޭގައި ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމް ސުވާލު ކުރެއްވީ ރާއްޖޭގައި ހަރުކަށި ފިކުރު ކިޔަވަމުންދާ ފަރާތްތައް ދަނީ ބޭރުގެ ކޮންކޮން ގައުމުތަކަށްތޯ މިނިސްޓަރަށް އެނގިވަޑައިގަންނަވާތޯ އެވެ. އެ ސުވާލުގެ ޖަވާބަށް މިނިސްޓަރު ވިދާޅުވީ އެފަދަ ދިރާސާއެއް މިހާތަނަށް ކޮށްފައި ނުވާތީވެ ވަކި ގައުމަކުން ކިޔަވައިގެން އަންނަ މީހުންގެ ތެރޭގައި އެފަދަ މީހުން ހިމެނޭ ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެކަހަލަ ދިރާސާއެއް މިހާތަނަށް ހެދިފައެއް ނެތް، ވަކި ގައުމަކުން ކިޔަވައިގެން އަންނަ މީހުންގެ ތެރޭގައި ދީނީ ހަރުކަށި ފިކުރު އެބަހުރި ހުއްޓޭ ބުނެ ދިރާސާއެއް ނެތި ވަކި ގައުމެއްގެ ވާހަކަ ބުނުން ވާނީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ޒިންމާދާރުކަން ކުޑަ ކަމަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރުގެ ޖަވާބާ ގުޅިގެން އިތުރު މެންބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދެއްކެވި އެވެ. އެ ގޮތުން މެންބަރު ކުރެއްވި ސުވާލު އެމަނިކުފާނަށް ދޭހަވި ގޮތް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ސުވާލަށް މިނިސްޓަރުގެ ފަރާތުން ސާފު ޖަވާބެއް ހޯއްދަވަން މެންބަރުން އެދިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑަށް އަޑު އިވުނު ގޮތުގައި އިއްޒަތްތެރި މެމްބަރު އެއްސެވި ސުވާލަކީ ހަރުކަށި ފިކުރު ކިޔަވައިދޭ މަތީ ތައުލީމުގެ ތަންތަން އިއްޒަތްތެރި ވަޒީރަށް ފާހަގަ ވެފައިވޭތޯ؟ އެފަދަ ތަންތަނަށް ދިވެހިން ދޭތޯ؟ ކިހިނެއްތޯ ދިވެހިން އެ ތަންތަނަށް ދަނީ؟ ކިހާ ދިވެހިންނެއްތޯ އެ ތަންތަނަށް ދަނީ؟ އެތަންތަނުގައި ދިވެހިން ކުރަނީ ކޮން ކަމެއްތޯ؟ އެނބުރި އައިސް ދެން ވަނީ ކިހިނެއްތޯ؟" ސުވާލު ތަފުސީލު ކޮށްދެއްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ސުވާލު ތަފުސީލު ކޮށްދެއްވުމަށް ފަހުގައި ވެސް، މިނިސްޓަރު ޖަވާބުގައި ވިދާޅުވީ މިހާތަނަށް އެފަދަ ދިރާސާއެއް ކުރެވިފައި ނުވާތީވެ މިހާތަނަށް އެފަދަ ކަންކަން ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.
މިނިސްޓަރުގެ އެ ޖަވާބާއެކު ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ނިޒާމީ ނުކުތާއެއް ނަންގަވައި އޭނާ ވިދާޅުވީ ހަރުކަށި ފިކުރުގެ މައުލޫމާތު މިނިސްޓަރަށް އެނގިވަޑައިގަންނުގަންނަވާތީވެ އެ ފިކުރުގެ ސަބަބުން ހިނގާ ކަންކަމުގެ ހަބަރު މީޑިއާގައި ފެތުރޭ ކަމާއި އެ ކަންކަމާ ބެހޭ ރިޕޯޓްތައް ވެސް މަޖިލީހަށް ލިބޭ ކަން މިނިސްޓަރުގެ ސަމާލު ކަމަށް ގެންނަވާ ކަމަށެވެ.
ކެލާ ދާއިރާގެ މެންބަރުގެ ނިޒާމީ ނުކުތާއާ ގުޅިގެން ރައީސް ނަޝީދު ނުރުހުން ފާޅު ކުރައްވައި ދެން ވިދާޅުވީ "އިއްޒަތްތެރި ވަޒީރަށް އިތުރުފުޅެއް ނުހެއްދެވޭނެ" ކަމަށެވެ.
އޭގެ ފަހުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވެސް ނިޒާމީ ނުކުތާއެއް ނެންގެވި އެވެ. އޭނާ ވިދާޅުވީ އެ ސުވާލަށް ވަރަށް ސާފު ޖަވާބެއް ބޭނުންވާ ކަމަށާއި ރާއްޖޭގައި ޖަމިއްޔާ ހަދައިގެން ބޭރަށް ކުދިން ފޮނުވައިގެން ހަރުކަށި ފިކުރު ކިޔަވައިދޭކަން މިނިސްޓަރަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.
މިނިސްޓަރު ދެން ވިދާޅުވީ އޭނާ ދޮގު މައުލޫމާތު ނުދެއްވާ ކަމަށެވެ. އޭނާ ފާހަގަ ކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ބޭރު ގައުމުތަކުން ދޭ ސްކޮލާޝިޕް ފުރުސަތުތަކުގައި އެފަދަ އެއްވެސް ގައުމެއް ނުހިމެނޭ ކަމަށެވެ. އަދި އަމިއްލަ ގޮތުން ކިޔަވަންދާ ދަރިވަރުންގެ މައުލޫމާތު މިނިސްޓްރީގައި ނުހުންނަ ކަމަށެވެ.