ހަބަރު

ގުރުއަތުން ޖާބިރު ހުށަހެޅި އަޑީ ދައުލަތުގެ މައްސަލަ ހޮވި، ބަހުސް ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުއްލި މައްސަލައެއް ހުށަހެޅުއްވުމުން މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރާނެ މައްސަލައެއް ކަނޑައަޅަން ގުރު ނަގައިފި އެވެ.

ގުރު ނަގައިގެން މިއަދުގެ ޖަލްސާއަށް ހުށަހަޅަން ހޮވުނީ މެންބަރު ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ އެވެ. އެއީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޖާބިރު ހިމެނޭހެން 20 މެންބަރަކަށް މަރުގެ އިންޒާރު ދެމުން ދާތީ ކަމަށް ވިދާޅުވެ، އެ ކަމުގެ ފަހަތުގައި ތިބި "އަޑީ ދައުލަތުގެ" ވެރިން ހޯދުމަށް ގޮވާލައި އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައެކެވެ.

ޖާބިރުގެ ކުއްލި މައްސަލަ ތަޅުމަށް ބަލައިގަނެ ބަހުސަށް ހުޅުވާލަން ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. ބަހުސަށް ހުުވާލަން ނުފެންނަ ކަމަށް ނުވަ މެންބަރަކު ވޯޓު ދެއްވި އެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ދެ މެންބަރަކު ތިއްބެވި އެވެ. 22 މެންބަރަކު ވޯޓުގައި ބައިވެރިވެފައިވާތީ، 11 މެންބަރުންގެ ވޯޓުން ބަހުސް ކުރަން ފާސްވި އެވެ.

މިއަދު މަޖިލީހަށް މެންބަރު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައަކީ ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވުމުން ފްރަންޓް ލައިންގައި މަސައްކަތްކުރަމުންދާ އެކި އިދާރާތަކުގެ މުވައްޒިފުންނަށް ސަރުކާރުން ދިނުމަށް ނިންމި އެލަވަންސް މިހާތަނަށް ވެސް ދީފައިނުވާތީ އެ އެލަވަންސް ދިނުން އަވަސް ކުރުމަށް ގޮވާލައި ހުށަހެޅުއްވި ކުއްލި މައްސަލައެކެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މަޖިލީހުގެ ޖަލްސާއަކަށް ދެ ކުއްލި މައްސަލައެއް އައުމުން އެ ޖަލްސާގައި ބަހުސް ކުރާނެ ކުއްލި މައްސަލައެއް ކަނޑައަޅާނީ ގުރެއް ނަގައިގެންނެވެ. ގުރު ނަގައިގެން ނުހޮވޭ ކުއްލި މައްސަލައިގެ ބަހުސް ކުރާނީ ދެން އޮންނަ ޖަލްސާއަކަށެވެ.

މިއީ ނަވާރަވަނަ މަޖިލީހުގައި ޖަލްސާއަކަށް ދެ ކުއްލި މައްސަލައެއް ހުށަހެޅުމުން، ބަހުސް ކުރާނެ މައްސަލައެއް ކަނޑައެޅުމަށް ގުރު ނެގި ތިންވަނަ ފަހަރެވެ. މި ތިން ފަހަރު ވެސް ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައިވެ އެވެ.

މިފަދަ ކުއްލި މައްސަލައެއް ޖާބިރު ހުށަހަޅުއްވިއިރު ފުލުހުންގެ މުއައްސަސާއިން ތަހުގީގު ކުރަމުންދާ ބޮޑެތި ހިޔާނާތާއި މަރުތަކުގެ މައްސަލަތަކުގެ ތަހުގީގުތައް އަނބުރާލަމުންދާ ކަމަށާއި އެ ތަހުގީގުތައް އަނބުރާލަމުން ދަނީ "އަޑީ ދައުލަތުން" ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. "އަޑީ ދައުލަތު" ގެ ވާހަކައަކީ ނަޝީދު ވަރަށް ގިނައިން ވިދާޅުވާ ވާހަކަފުޅެކެވެ.