ހަބަރު

ލޯކަލް ކައުންސިލް އިންތިހާބު އޭޕްރީލް 4 ގައި

Nov 20, 2019

ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

މިދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބަށްވުރެ ކައުންސިލް އިންތިހާބުގައި ގޮންޖެހުމާއި އޮޅުންތައް ބޮޑުވާނެތީ އެ އިންތިހާބު ކުރީގެ އިންތިހާބުތަކާއި ތަފާތުކޮށް ބާއްވަން އީސީން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، އެއްފޮއްޓަކަށް ލެވޭ އެންމެ ގިނަ އަދަދަކީ 700 ކަމުގައި ހަމަޖައްސާފައިވެ އެވެ. އޭގެ ސަބަބުން 178 ވޯޓް ފޮށި އިތުރުވެގެން ދާއިރު، އޮފިޝަލުންގެ އަދަދުވެސް 7000 އަށް އިތުރުވާނެ އެވެ.

ނަމަވެސް، ރާއްޖެއިން ބޭރު ގައުމުތަކާއި ރިސޯޓްތަކާއި ސިނާއީ ރަށްރަށުގައި ވޯޓް ފޮށި ބަހައްޓާނީ އިލެކްޝަންސް ކޮމިޝަން އިން ކަނޑައަޅާ އަދަދަކަށް އެ ތަންތަނުގައި ވޯޓްލާން މީހުން ރަޖިސްޓްރީ ކުރުމުން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ރާއްޖެއިން ބޭރު ގައުމެއްގައި ވޯޓް ފޮށި ބަހައްޓާނީ އެ ގައުމަކަށް ވޯޓްލާން އެދި މަދުވެގެން 150 މީހުން ރަޖިސްޓްރީ ކޮށްފި ނަމަ އެވެ. އަދި ރިސޯޓްތަކުގައި ވޯޓް ފޮށި ބަހައްޓާނީ އެ ރިސޯޓެއްގައި ވޯޓްލާން މަދުވެގެން 50 މީހުން ރަޖިސްޓަރީ ވެގެނެވެ.

މީގެ އިތުރުން ސިނާއީ ރަށްރަށުގައި ވޯޓް ފޮއްޓެއް ބަހައްޓާނީ އެފަދަ ރަށަކަށް ވޯޓްލާން 25 މީހުންނަށްވުރެ ގިނައިން ރަޖިސްޓަރީ ވެގެން ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ އިންތިޚާބުގައި ވެސް ޖަލު ތަަކުގައި ވޯޓް ފޮށި ބަހައްޓާނެ ކަމަށާއި އެކަމަކު ޖަލެއްގައި ވޯޓް ފޮށި ބެހެއްޓޭނީ 25 މީހުންނަށްވުރެ އިތުރަށް ރަޖިސްޓަރީވެއްޖެ ނަމަ ކަމަށެވެ.

ކައުންސިލް އިންތިހާބު ބާއްވަން 65 މިލިއަނާއި، 70 މިލިއަނާއި ދެމެދުގެ އަދަދެއް ހަރަދުވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. އެ އިންތިހާބަށް ކޮމިޝަން ތައްޔާރުވަމުން އަންނަ އިރު، މޮނިޓަރުންނާއި، ކެނޑިޑޭޓުންގެ މަންދޫބުންނަށް ފޯނާއި، އައިޕެޑާއި ވޯޓާސް ލިސްޓް ފަދަ ތަތެކި އިންތިހާބު އޮންނަ މަރުކަޒަށް ވެއްދޭ ގޮތް ހަދަން ގާނޫނަށް އިސްލާހު ހުށަހަޅަން ވެސް އީސީން ވަނީ ތައްޔާރުވެފައެވެ.