ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

އަތޮޅަކަށް އަމާޒުކޮށް ދަރިވަރުންގެ ލޯނު ދޫކުރާ ގޮތަށް ހަދަނީ

ކުރިއަށް އޮތް ތަނުގައި ހަޔާ އެޑިއުކޭޝަން މެދުވެރިކޮށް ބޭރު ގައުމުތަކުގެ ޔުނިވާސިޓީތަކުގައި ކިޔެވުމަށް އިއުލާން ކުރާ ލޯން ސްކީމްތަކަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށްގެން ކުރިމަތިލުމުގެ ފުރުސަތު ފަހިވާ ގޮތަށް އޮންނަ ސްކީމްތަކަށް ބަދަލު ކުރާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހާޒިރުވެވަޑައިގެންފައިވާއިރު، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދުގައި ދިރިއުޅޭ ދަރިވަރުންނާއި ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން އެ މިނިސްތްރީގެ ލޯން ސްކީމް ޕްރޮގްރާމްގެ އުސޫލުތަކަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ.

"ލޯން ސްކީމް އިއުލާން ކުރާއިރުގައި ރާއްޖޭގެ އެކި ރީޖަންތަކަށް އަމާޒުކޮށްގެން ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ފަހިވާ ގޮތަށް އުސޫލަށް ބަދަލު ގެންނާނެ ކަން ދަންނަވާލަން." މިނިސްޓަރު އިބްރާހިމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ލޯން ސްކީމްގެ އުސޫލު މިހާރު އޮންނަ ގޮތުން އަހަރެއްގެ ތެރޭގައި ކިތަންމެ ފަހަރަކު ލޯނަށް ފުރުސަތު ހުޅުވާލިޔަސް ބައެއް ސަރަހައްދުގެ ކުދިން ބާކީވާ ގޮތް މެދުވެރިވާ ކަމަށެވެ. ނޫނީ ވަކި ސަރަހައްދެއްގައި އުޅެ ބޮޑުވާ ކުއްޖަކަށް ފުރުސަތު ނުލިބޭ ފަދަ ކަންކަން މެދުވެރިވާ ކަމަށެވެ.

"މިހާރު އެ އޮންނަ މެރިޓް އުސޫލުން ނޫނިއްޔާ ޕްރީއޯރިޓީއަށް ބަލާ ލިސްޓުގައި އެ އޮންނަ ކަންތައްތަކުގެ ތެރެއިން ވަކި އަތޮޅެއްގެ ކުއްޖަކަށް ލޯނު ނުލިބި ހިނގާދާނެ. އަޅުގަނޑުމެން ސްކީމަށް ބަދަލު ގެންނަން ބޭނުންވާ ސަބަބަކީ ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ވެސް ކޮންމެ ވެސް ކުއްޖަކަށް ލޯނު ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށް." މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރަށް މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މެޑިސިންގެ ކޯސްތައް ކިޔަވައިދޭން ފެށި ނަމަވެސް އަދި ފުރިހަމަ ގޮތުގައި އެ ކަން ކުރެވެން ފެށިފައި ނުވާތީ ބޭރު ގައުމުތަކުގެ ޔުނިވާސިޓީތަކުގައި ކިޔަވަން ދޫކުރާ ލޯން ސްކީމްތަކުގައި އެ ކޯހަށް އިތުރު ޖާގަ ދޭނެ ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރާ ހަވާލުވެ ފުރަތަމަ އިއުލާން ކުރި ބުރުގައި މެޑިސިންއަށް ސްލޮޓް މަދު. އެއިރު ރާއްޖޭގައި ކަން ކުރަމުން އައި އުސޫލުން އެއީ ރާއްޖޭގައި ކިޔަވައިދޭ މާއްދާއަކަށްވާތީވެ އެ ދާއިރާއިން ރާއްޖޭން ބޭރަށް ދާން ލޯނުގެ ފުރުސަތު ދެވިފައި ނެތީ. އެހެންވިޔަސް މުސްތަގުބަލުގައި މެޑިސިންގެ ދާއިރާތަކަށް ވަރައް ހާއްސަ ސަމާލު ކަމެއް ދޭނަން." މިނިސްޓަރު ވިދާޅުވި އެވެ.