ރައްޔިތުންގެ މަޖިލިސް

އަންހެން މެންބަރުންނަށް އީސަ ދަބަސް ބައްސަވަނީ

ތިމާވެއްޓާ ރައްޓެހި، ރިޔޫޒަބަލް ކޮތަޅު ބޭނުންފުޅުއްވާ މަޖިލީހުގެ އަންހެން މެންބަރުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސައާ ގުޅަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ނަޝީދު މިކަމަށް އެދިވަޑައިގެންނެވީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މުޅި މަޖިލީސް ހިމެނޭ ކޮމެޓީގައި މަޝްވަރާ ކުރުމަށް މިއަދު ބޭއްވި ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މެންބަރުން އެ އިސްލާހުތަކަށް ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް ނަޝީދު ވަނީ ކޮމެޓީ އެ ބައްދަލްވުމުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ފެނިވަޑައި ނުގަންނަވަނީ ކީއްވެކަން ވިދާޅުވެ ދެއްވާފަ އެވެ. ނަމަވެސް ނަޝީދު އެހެން ވިދާޅުވީ މެންބަރު އީސަ ކޮމެޓީ ބައްދަލްވުމުގައި ބައިވެރިވެވަޑައި ނުގަންނަވާތީ އެކަން އެއްވެސް މެންބަރަކު ފާހަގަ ކުރައްވައިގެނެއް ނޫނެވެ. ވިދާޅުވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އުޅުއްވަނީ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ އަށް ދަބަހެއް ހަދިޔާ ކުރެއްވުމުގައި ކަމަށެވެ.

"ކެނދިކުޅުދޫ ދާއިރާގެ މެންބަރު ވެއްޖެ ދަބަހެއް ހަދިޔާ ކުރައްވަން ވަޑައިގެން މަޖިލީހުގެ ނާއިބު ރައީސަށް. އެހެން ވެގެން ތިޔަ ބޭފުޅުންނަށް ކެނދިކުޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ތިޔަ ފެނިވަޑައި ނުގަންވަނީ. މަޖިލީހުގެ ނާއިބު ރައީސަށް ދަބަހެއް ހަދިޔާ ކުރެއްވުމުގައި އުޅުއްވަނީ." ނަޝީދު ވިދާޅުވިއެވެ.

ކޮމެޓީ ބައްދަލްވުން ނިންމަވާލައްވަމުން ވެސް ނަޝީދު ވަނީ އެ މައުލޫގައި ވާހަކަފުޅު ދައްކަވާފަ އެވެ. ނަޝީދު ވިދާޅުވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު ތިމާވެއްޓާ ރައްޓެހި ދަބަސް ބައްސަވަމުން ގެންދަވާ ކަމަށެވެ. އަދި އެއްވެސް އަންހެން މެންބަރަކު އެކަހަލަ ދަބަހެއް ބޭނުންފުޅުވާނަމަ މެންބަރު އީސައާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ ކަމަށެވެ.

"އެއްވެސް އިއްޒަތްތެރި މެންބަރަކު، އަންހެން އިއްޒަތްތެރި ބޭފުޅަކުވެސް 'ރިޔޫޒަބަލް' ދަބަހެއް ބޭނުންފުޅުވެ ވެވަޑައިގަންނަވަންޏާ ކެނދިކުޅުދޫ ދާއިރާގެ އިއްޒަތްތެރި މެންބަރާ ގުޅުއްވީމަ ލިބިވަޑައިގަންނަވާނެ."

މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ނަޝީދު މީގެ ކުރިންވެސް ވަނީ މިފަދަ ތަފާތު ވާހަކަތައް ދައްކަވާފަ އެވެ. ބައެއް ފަހަރު ސައި ކޮޓަރީގައި އަދި މަޖިލީހުގެ ކުޑަ ދޮށުގައި ދެެކެވޭ ބައެއް ވާހަކަތައް ވެސް ސަމާސާ ގޮތެއްގައި ވިދާޅުވެ ދެއްވައެވެ.

މީގެ އިތުުރުން މަޖިލީހުގެ ރައީސްކަން މީގެ ކުރިން ކުރެއްވި އެހެން ބޭފުޅުންނާއި ޚިލާފަށް ރިޔާސަތުގައި އިންވައިގެން ސިޔާސީ މައްސަލަތަކާއި ވާހަކަދެއްކެވުމާއި، މެންބަރުން ކުރައްވާ ބަހުސްތަކަށް ރައްދު ދެއްވުން ފަދަ ކަންކަންވެސް ނަޝީދު ކުރައްވައެވެ.