ސަލަފް ޖަމިއްޔާ އުވާލެވޭނެތޯ ސުވާލު ކުރަން ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް މަޖިލީހަށް ހާޒިރު ކުރަން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެދި ވަޑައިގެންފި އެވެ.
ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް ޔޫތު މިނިސްޓަރު މަޖިލީހަށް ހާޒިރު ކޮށްދޭން އެދިވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ޑީއާރުޕީގެ ލީޑަރު ޖާބިރު ފޮނުވި ސިޓީގައި ވިދާޅުވީ، ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލާފައިވާ މައްސަލައިގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަމަށް ބަލާއިރު އެ އަނިޔާވެރި އަމަލު ހިންގުމައި ސަލަފް ޖަމިއްޔާގެ މައްޗަށް ތުހުމަތުތަކެއް ކުރެވޭ އިރު އެ ޖަމިއްޔާއާ މެދު އެއްވެސް ފިޔަވަޅެއް އަޅައިފިތޯ އާއި އަޅާފައިވާ ނަމަ އެޅީ ކޮން ފިޔަވަޅެއްތޯ ސާފު ކުރަން ބޭނުންވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ވާ ގޮތުން ވަޒީރަކާ ސުވާލު ކުރުމަށް 14 ދުވަހުގެ ނޯޓިސްއެއް ފޮނުވަން ޖެހެ އެވެ. އެހެންނަމަވެސް އެ މުއްދަތުގެ ކުރިން ޖަވާބުދާރީވާން ތައްޔާރަށް ހުންނެވި ނަމަ މަޖިލީހަށް ސިޓީއަކުން އެކަން ހުށަހެޅުމުން ރައީސަށް އެމައްސަލަ ތާވަލުކުރެވޭ ކަމަށް ވެސް ގަވައިދުގައި ވެ އެވެ.
އަފްރާޝީމްގެ މަރުގެ ރިޕޯޓްގައިވާ ގޮތުން އެ މަރަކީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތުން ރާވައި ހިންގި އަމަލެކެވެ. އެ ކަމުގައި އިސްކޮށް ބައިވެރިވި ކަމަށް ރިޕޯޓްގައިވާ މީހުނަކީ އެ މައްސަލާގައި ދައުވާ ސާބިތުވެފައިވާ ހ. ލޮބީ ހުސައިން ހުމާމާއި ދައުވާ ސާބިތު ނުވި އަލީ ޝާން (ސަޓޯ) އާއި ހ. ހިލްޓަން އަޒްލީފް ރައުފްގެ އިތުރުން އޭރު އުމުރުން 18 އަހަރު ނުފުރޭ ކުއްޖެކެވެ.