ސަލަފް ޖަމިއްޔާ

ސަލަފުގެ ފައިސާގެ މުއާމަލާތްތައް ބަލައި، ފިޔަވަޅު އަޅަނީ

Nov 21, 2019
4

ސަލަފް ޖަމިއްޔާއަކީ ހައްދު ފަހަނައަޅާފައިވާ ޖަމާއަތެއް ކަމަށް ނިންމައި އެ ޖަމިއްޔާއަށް ފަންޑު ކުރާ ފަރާތްތަކާއި މާލީ ހާލަތު ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން ނިންމައިފި އެވެ.

ކޮމިޓީއިން އެގޮތަށް ނިންމާފައިވަނީ ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓް ދިރާސާ ކުރުމަށް ހެދި ރިޕޯޓްގަ އެވެ. އެ ރިޕޯޓްގައި ވަނީ ހައްދު ފަހަނަ އަޅާފައިވާ ހަތަރު ޖަމިއްޔާއެއްގެ ނަން ލިސްޓްކޮށްފަ އެވެ.

އޭގެ ތެރޭގައި ސަލަފްގެ އިތުރުން ދެން ހިމެނެނީ އަލްގައިދާއަށް ވާގިވެރިވާ ދެ ޖަމާއަތަކާއި އައިސްއެސްއަށް ތާއިދުކުރި ޖަމާއަތެކެވެ. އެ ހަތަރު ޖަމާއަތަށް ފިޔަވަޅު އެޅުމަށް ރިޕޯޓްގައި ގޮވާލާފައިވެ އެވެ.

ރިޕޯޓްގައި ޑރ. އަފްރާޝީމް އަލީ މަރާލުމަށް ސަލަފުން ފަންޑުކުރިތޯ ބެލުމަށް ވެސް ހިމަނާފައިވެ އެވެ. އެހެންވެ ސަލަފްގެ މާލީ ހިސާބުތައް ބެލުމަށް ނިންމާފައިވެ އެވެ. ސަލަފުން ފައިސާގެ މުއާމަލާތްތައް ހިންގައި ބަދަލުކޮށްފައިވާ މިންވަރާއި ގޮތް ބެލުމަށް ވެސް ނިންމާފައިވެ އެވެ.

ޑރ. އަފްރާޝީމްގެ މަރުގެ ރިޕޯޓާއެކު ސަލަފް ޖަމިއްޔާ އުވާލުމުގެ އަޑު ވަނީ ގަދަވެފަ އެވެ. ގިނަ މެންބަރުންތަކެއް ވެސް ވަނީ އެކަމަށް ގޮވާލައްވާފަ އެވެ.

ރިޔާސީ ކޮމިޝަނުން ހެދި ރިޕޯޓްގައި ޑރ. އަފްރާޝީމް އަލީގެ ފަހަތުގައި ނަމާދު ނުކުރުމަށް ގޮވާލައި، ސަލަފް ޖަމިއްޔާއިން ފާސްކޮށްފައިވާ ގަރާރެއްގެ ވާހަކަ ގެނެސްފައިވެ އެވެ.