އިންޑިއާ

"ފިޔަވަތި" އަށް އިންޑިއާގެ ހިލޭ އެހީ

ހުޅުމާލޭގައި ހުންނަ "ފިޔަވަތި" އަށް އިންޑިއާ ސަރުކާރުން ހިލޭ އެހީ ވެދީފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އިޖްތިމާއީ-އިގްތިސާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދީފައިވާ ހިލޭ އެހީގެ ތެރެއިން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތި އިމާރާތް މަރާމާތުކޮށް އިތުރަށް ތަނަވަސް ކުރުމަށްޓަކައި 1,998,206 ދިވެހި ރުފިޔާ އިންޑިއާ ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ތެރޭގައި އިމާރާތުގެ ސެކިއުރިޓީ ތަރައްގީކުރުމާއި، އިމާރާތުގައި މިހާރު ބޭނުންކުރާ ފަރުނީޗަރު އާކުރުމާއި، ކުދިންގެ އާންމު ބޭނުންތަކަށް ބޭނުންކުރާނެ ޖާގަ އިތުރުކުރުން ހިނެއެވެ. މި މަޝްރޫއުގެ ސަބަބުން ފަޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެކުދިން ގަޔާވާ ހިތްފަސޭހަ މާހައުލެއް ގާއިމު ވެގެންދާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.