މިނިސްޓްރީ އޮފް ހޯމް އެފެއާޒް

މަރާމާތަށްފަހު މާލޭ ޖަލު ހުޅުވައިފި

މާލޭ ޖަލު އެނެކްސް އެކެއް މަރާމާތަށްފަހު އަލުން ހުުޅުވައިފި އެވެ.

މަރާމާތަށްފަހު އެ ޖަލު އަލުން ހުޅުއްވައި ދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

ހޯމް މިނިސްޓްރީން ބުނީ ޖަލު މަރާމާތަށްފަހު އަލުން ހުޅުވީ އިންސާނީ ކަރާމާތާއި، ޝަރަފާ އެކަށީގެންވާ މިންވަރަކަށް ހާލަތު ބަދަލު ކުރުމަށްފަހު ކަމަށެވެ. އެތަނުގެ ހާލަތުގެ ގޯސްވެ ބަންދު ކުރިއިރު ކުރިން އެތަނުގައި 17 މީހުން ބަންދުކުރިއެވެ. ނަމަވެސް މިނިސްޓަރު އިމްރާން ވިދާޅުވީ އެތަނުގައި ދެން ގިނަވެގެން ބަންދުކުރާނީ 10 މީހުން ކަމަށެވެ. އަދި ތަނުގެ ހާލަތަށް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިސަރުކާރު ހަވާލުވުމަށްފަހުގައި ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަންދުކޮށްގެން ގެންގުޅޭ ތަންތަން ނުވަތަ ޖަލުތަކުގެ ހާލަތު އިންސާނީ ކަރާމަތާ ޝަރަފާ އެކަށީގެންވާ މިންވަރަކަށް ގެނައުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

"މިތަން ބަންދުކުރެވުނިއިރު ހާލަތު ވަރަށް ދަށްކޮށްހުރީ. މިއީ ސޯޅަ، ސަތާރަ މީހުން ބަންދުކޮށްފައި ބޭތިއްބިފަހުރި ތަންތަން. މިހާރު އަޅުގަނޑުމެން ނިންމާފަ މިއޮތީ މިތަންތަނުގައި ދެން ބައިތިއްބާނީ ދިހަ މީހުންކަމަށް. ފެންވެރުމާ ފާޚާނާ ކުރުމުގެ އިންތިޒާމް އެހުރީ އެކަށީގެންވާ ފެންވަރުގެ ރަނގަޅު ފެންވަރަކަށް ގެންދެވިފަ. ދުވާލު ގަޑީގައި ނިކުމެ ކަސްރަތުކުރާނެ ތަން މިހާރު މިވަނީ އެކަށީގެންވާ ވަރަކަށް އޯޕަންކޮށް މަރާމާތުކުރެވިފަ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުރިން ހެނދުނު ހަޔަކުން އިރުއޮއްސި ހަޔަކަށް ގޮޅީތަކުގައި ތިބެންޖެހޭ ޖެހުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ. އެގޮތުން އެ ތަނުގައި މީހުން ބައިތިއްބަން ފެށުމުން ފަތިހު ފަހެއް ޖަހާއިރު ބޭރަށް ނެރުމަށްފަހު ގޮޅިތަކަށް ވައްދާނީ ރޭގަނޑު ދިހައެއް ޖަހާއިރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބަންޖެހޭ ގައިދީންނަށް ތަނުގެ ގޮތުންނާއި، ދެވޭ ޚިދުމަތުގެ ގޮތުންވެސް ބޮޑުތަނުން ރަނގަޅު ގޮތްތައް ހަމަޖައްސައިދެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިއީ ބަންދުކުރެވޭ މީހުން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް ނެރުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމުގެ ތެރެއިން ކުރެވޭ މަސައްކަތެއް ކަމަށެވެ. ގައުމުގެ އިޖުތިމާއީ ހާލަތު ރަނގަޅު ކުރުމަށް ކުރާ މަސައްކަތަކީ އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތެއްކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެނެކްސް 1 އަލުން ހުޅުވުމާއެކު އެތަނުގެ ޕްލޭން ގައިދީންނަށާއި، އޮފިސަރުންނަށް ލިބޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

އެޕްލޭންގައި ގައިދީންނާ މެދު އަމަލުކުރެވޭނެ އުސޫލުތަކާއި، ގައިދީން އަމަލުކުރަންޖެހޭ އުސޫލުތަކާއި، ޝަކުވާ ހުށައަޅާނެ ގޮތްތަކާއި، ޝަކުވާ ހުށައެޅުމުގައި ހަވާލާދެވޭނެ ގާނޫނީ މާއްދާތައްވެސް ވަނީ ބަޔާންކޮށްފައެވެ.