މޯލްޑިވްސް ޕޮލިސް ސާވިސް

މަލް އާއި ބައިވެރިންނަށް މުއްދަތު ޖަހައިފި

Nov 20, 2019
4

ހުޅުމާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި ބަނގުރަލާއެކު ޕާޓީ ކުރަމުން ދަނިކޮށް ހައްޔަރު ކުރި ފިލްމީ ތަރި މަލީހާ ވަލީދު (މަލް) އަދި 11 ފިރިހެނުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ފުލުހުން ބުނީ ބަނގުރަލާއެކު ޕާޓީ ކުރަމުން ދަނިކޮށް ހައްޔަރު ކުރި މީހުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން އެމީހުންގެ ބަންދަށް މުއްދަތު ޖަހާދީފައިވާ ކަމަށެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރެއިން 25، 26، 27، 28، 34 އަދި 40 އަހަރުގެ ފިރިހެނުންގެ ބަންދަށް ވަނީ އަށް ދުވަސް ދީފަ އެވެ. އަދި 29، 30، 39 އަހަރުގެ ފިރިހެނުންގެ ބަންދަށް ކޯޓުން ޖަހާދީފައިވަނީ ހަތަރު ދުވަހުގެ މުއްދަތެވެ. އުމުރުން 23 އަހަރުގެ މަލްހާގެ ބަންދަށް ޖަހައިދީފައިވަނީ ވެސް ހަތަރު ދުވަހުގެ މުއްދަތެވެ.

ފުލުހުން ބުނީ އުމުރުން 34، 30 އަދި 27 އަހަރުގެ ތިން ފިރިހެނުން ޝަރުތުތަކަކާއެކު ދޫކޮށްލާފައިވާ ކަމަށެވެ.

ބަނގުރަލާއެކު މަލް ރޭ ހައްޔަރުކޮށްފައިވާއިރު މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ ހައްޔަރު ކޮށްފައިވެ އެވެ. އެ މައްސަލާގައި މިހާރު އޭނާއަށް ވަނީ ދައުވާތަކެއް ވެސް ކޮށްފަ އެވެ.

އެފަހަރު މަލް ހައްޔަރު ކޮށްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސާއި އދ. މަހިބަދޫ ޕޮލިހާއި މާމިގިލީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އދ. މާމިގިލިންނެވެ. ހައްޔަރު ކޮށްފައިވަނީ މާލެއިން ފުރައިގެން މާމިގިއްޔަށް ދަތުރުކުރި ލޯންޗަކުން މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެނެވެ. އެއީ މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު އެވެ.

އެ މައްސަލާގައި މަލް 15 ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު ދޫކޮށްލި އެވެ. އޭނާގެ މައްޗަށް އެ މައްސަލާގައި އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ކެނެބިސް ބޭނުން ކުރުމުގެ ދައުވާ އެވެ. އެ ދެ ދައުވާއަށް ވެސް މަލް ވަނީ އިންކާރުކޮށްފަ އެވެ.

މީގެ ތެރެއިން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށަކީ ބޮޑު އަދަބު ކަނޑައެޅިފައިވާ ހުުކުމެކެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އުމުރަށް ޖަލަށްލުމާއެކު އެއްލައްކަ ރުފިޔާ އާއި އެއްމިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މަލްއަކީ "ވަފާތެރިކެހިވެރިޔާ" ނަމަކަށް ކިޔާ ފިލްމަކުން މަޝްހޫރުކަން ހޯދި ތަރިއެކެވެ. އޭގެ ފަހުން ބައެއް ލަވަތަކުންނާއި ޑްރާމާތަކުން މަލް ފެނިގެންދިޔަ އެވެ. ނަމަވެސް މަސްތުވާތަކެތީގެ މައްސަލަ ފެންމަތިވުމާއެކު އޭނާ ވަނީ ފިލްމީ ދާއިރާއާ ދުރަށް ގޮސްފަ އެވެ.