އަބްދުﷲ ޖާބިރު

ޓީވީ ސްޓޭޝަނެއް ތަރައްގީ ކުރަން ޖާބިރު ފައްޓަވައިފި

Nov 20, 2019
2

"ޖާބިރު ޓީވީ" ގެ ނަމުގައި ޓީވީ ސްޓޭޝަނެއްގެ ހުޅުވައި ހިދުމަތަށް ގެނައުމުގެ މަސައްކަތް ކާށިދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ފައްޓަވައިފި އެވެ.

ޖާބިރު މިރޭ ވިދާޅުވީ މީގެ ކުރިން ވެސް މީޑިއާ ތަރައްގީކޮށް ހިދުމަތް ދިނުމަކީ ޝައުގުވެރިކަން ބޮޑު އަދި ކޮންމެވެސް ފެންވަރެއްގައި ކުރެއްފައިވާ މަސައްކަތެއް ކަމަށާއި ނަމަވެސް މިހާރު އަމާޒު ކުރައްވަނީ އަންނަ އަހަރުގެ ފެށޭ އިރު "ޖާބިރު ޓީވީ" ގެ ނަމުގައި އަލުން މިޑިއާ ހައުސް އެއް ތަރައްގީކޮށް ހިދުމަތަށް ގެނައުމަށް ކަމަށެވެ.

ޖާބިރު ވިދާޅުވީ ކޮންޓެންޓްގައި އާންމު ހުރިހާ ބައިތަކެއް ހިމަނައި ވިޔަފާރި އިގްތިސޯދާއި ސިޔާސީ ކަންކަމަށް އިސްކަން ދޭ ގޮތަށް ހިދުމަތަށް ގެންނަ އަމިއްލަފުޅު ޓީވީ ޗެނަލްގެ ޓީވީއަށް ބޭނުންވާ ފްރެކްއެންސީ މިހާރު ބައްލަވައިގެންފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޓީވީ ސްޓޭޝަންގެ ސެޓަޕް ތައްޔާރު ކުރަނީ ޒަމާނީ ފެންވަރުގައި އާލާތާއި އިކްޕްމެންޓް ހިމެނޭ ގޮތަށް އިޓަލީގެ ތަޖުރިބާކާރު ޓީމަކުން ކަމަށެވެ.

"އަޅުގަނޑު މިވަގުތު މި ދަތުރު ކުރަނީ ސިންގަޕޫރަށް އެއީ މި މަސައްކަތުގައި އުޅޭ ޓީމާއެކު ބައެއް ސާމާނު ހޯދަން. އޭގެ ފަހުން އަޅުގަނޑުމެން މުވައްޒަފުންނާއި ނޫސްވެރިން ހޯދުމުގެ މަސައްކަތް ފަށާނަން... އެއީ ދެން އެންމެ ދެރަ ކަމަކީ އަގު ބޮޑު ޓީވީ ސެޓަޕެއް ހެދިއަސް ރަނގަޅު ނޫސްވެރިންނެއް ނެތް. ނޫސްވެރިކަމަށް 75 އަހަރުވީ އިރު ވެސް ތަމްރީން ދެވިފައެއް ނެތް ދައުލަތަކަށް. އެކަމަކު ލިބެން ތިބި ބަޔަކު އަޅުގަނޑު ހޯދާނަން،" ޖާބިރު ވިދާޅުވި އެވެ. "އަޅުގަނޑު މިކަން ކުރަން ބޭނުންވަނީ ވަރަށް ޝައުގުވެރި ކަމާއެކު އެހެންވީމާ ނޫސްްވެރިން އުފައްދަން އަޅުގަނޑު އިސްކަން ދެނީ، އެހެންވީމާ ބައެއްގެ އަތުން ފްރެކްއެންސީ ގަތީ ވެސް،"

ޖާބިރު ވިދާޅުވީ ފަށާއިރު މުޅީން ހަބަރަށް ހާއްސަ ކުރި ނަމަވެސް ކޮންޓެންޓް ރަނގަޅުކޮށް ރަނގަޅަށް ހިނގައި ގަތުމުން "ޖާބިރު ޓީވީ" 24 ގަޑިއިރަށް ބަދަލު ކުރައްްވާނެ ކަމަށެވެ.

"ނިއުޓްރަލް ސްޓޭންޑެއްގައި މި ޓީވީ ކުރިޔަށް ގެންދާނީ. އަޅުގަނޑުގެ ނުފޫޒެއް ނޯންނަން ގޮތަށް... އެހެން ދިމާކޮށްފިއްޔާ މިކަމެއް ނުވާނެ... އަޅުގަނޑުގެ ވިސްނުމުގައި މިއޮތީ ވިހިވިހި ފެށޭއިރު ހިދުމަތް ފެށެން. އެއީ އަމާޒަކީ،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު މީގެ ކުރިން ވަނީ "ފިއެސް" ގެ ނަމުގައި ހިންގި މަޖައްލާއެއް ބައްލަވައިގަނެ ނެރުއްވާފަ އެވެ. ނަމަވެސް އަހަރުތަކެއް ފަހުން އެ މަޖައްލާ ނެރުން ހުއްޓާލެއްވީ އެވެ.