ބޭރު ކުޅިވަރު

ތައްޓެއް ނުލިބުނަސް އިސްތިއުފާއެއް ނުދޭނަން: ވެންގާ

ލަންޑަން (ޑިސެމްބަރު 4) – މިދިޔަ ސީޒަންގައި އެފްއޭ ކަޕް ކާމިޔާބުކޮށް އާސެނަލް އިން ތައްޓަކަށް ކުރަމުންދިޔަ ދިގު އިންތިޒާރް ނިންމާލިއިރު، އެ މުބާރާތް ކާމިޔާބުނުކުރެވުނު ނަމަވެސް އާސެނަލްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެެވެ.

ނުވަ އަހަރުގެ ތެރޭގައި އާސެނަލް އިން ފުރަތަމަ ތަށި ހޯދީ އެފްއޭ ކަޕްގެ ފައިނަލްގައި ހަލް ސިޓީ އަތުން މޮޅުވެގެންނެވެ. މި ސީޒަންގެ އެފްއޭ ކަޕްގައި މިރޭ ކުޅޭ މެޗުގައި އާސެނަލް އަނެއްކާ ވެސް ނުކުންނާނީ ހަލް ސިޓީއާ ދެކޮޅަށެވެ.

މި މެޗުގެ ކުރިން ވާހަކަދައްކަމުން ވެންގާ ބުނީ މިދިޔަ ސީޒަންގައި އެފްއޭ ކަޕްގެ ތަށި ކާމިޔާބުނުކުރެވުނު ނަމަވެސް، އޭނާ މަގާމުން އިސްތިއުފާ ނުދޭނެ ކަމަށެވެ.

"އަހަރެންގެ އިރުޝާދުގެ ދަށުން އާސެނަލް ކުޅުނު 1000 މެޗުގެ ތެރެއިން 600 ވަނަ މޮޅު ލިބުނީ. އޭގެ މާނައަކީ އަހަރެންގެ އިރުޝާދުގެ ދަށުން އާސެނަލް ވަނީ ކުޅުނު މެޗުތަކުގެ 60 ޕަސެންޓް ކާމިޔާބުކޮށްފައޭ،" ވެންގާ ބުންޏެވެ. "18 އަހަރު މި މަގާމުގައި ހުރުމަށް ފަހު، އެންމެ މެޗަކުން ބަލިވުމުން މަގާމު ދޫކޮށްލުމަކީ ފަސޭހަކަމެއް ނޫން. އަހަރެންގެ ވަޒީފާ ވީ އެންމެ ރަނގަޅަކަށް އަދާކުރަން. އަދި އަހަރެން އަބަދު ވެސް ކޮންޓުރެކްޓަށް އިހުތިރާމްކުރަން."

ވެންގާ ބުނީ އާސެނަލް އިން ބޭނުންވަނީ އެފްއޭ ކަޕްގެ ތަށި ދިފާއުކުރަން ކަމަށެވެ.

"އަހަރެންގެ ކޯޗުކަމުގެ ދަށުން އާސެނަލް އިން އެފްއޭ ކަޕް ފަސް ފަހަރު ހޯދައިފި. އެހެންވީމަ އެބަ އެނގޭ މި މުބާރާތަށް އާސެނަލް އިން ދޭ ސަމާލުކަން. މިދިޔަ ސީޒަންގައި މި ތަށި ހޯދައި، ސަޕޯޓަރުން އުފާކޮށްދިނުމަކީ އަހަރެމެންނަށް ލިބުނު ހިތްހަމަޖެހުމެއް. މޮޅުވެގެން ސަޕޯޓަރުން ހިތްހަމަޖެއްސޭނީ،" ވެންގާ ބުންޏެވެ.